ބޮލީވުޑް

ކަރީނާއާއި ދީޕިކާ ދެއްކި ވާހަކަތަކަށް ލާރާ އެއްބަހެއް ނޫން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގައި އެންމެ ގަދަޔަށް އަބަދުވެސް ދެކެވޭ އެއް ވާހަކައަކީ އިންޑަސްޓްރީގައި އަންހެން އެކްޓަރުންނާއި ފިރިހެން އެކްޓަރުން ތަފާތު ކުރާ ކަމުގެ ވާހަކައެވެ.

Ads by Hajj Corporation

އެގޮތުން ވެސް އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ފިރިހެން އެކްޓަރުންނަށް އަންހެން އެކްޓަރުންނަށް ވުރެ ގިނައިން ފައިސާ ދޭ ކަމުގެ ވާހަކައެވެ. މިކަމާ ގުޅިގެން ބޮލީވުޑްގައި ވަރަށް ގިނަ އެކްޓަރުންނެއް ވަނީ ފިލްމު ޕްރޮޑިއުސަރުންނާ ދެބަސް ވެސް ވެފައެވެ.

މި ޝަކުވާއަކީ ބައެއް ނަން މަޝްހޫރު އެކްޓަރުން ވެސް ކުރާ ޝަކުވާއެކެވެ. އެގޮތުން ބޮލީވުޑްގައި މިހާރު އެންމެ ކުރީ ސަފުގައި ވިދާ ކަރީނާ ކަޕޫރް ޚާން އާއި ދީޕިކާ ޕަދުކޯން ވެސް ހިމެނެއެވެ.

ކަރީނާ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމުގައި "ސީތާ" ގެ ރޯލު ކުޅެން އޭނާ 12 ކްރޯޑްގެ އަގެއް ކިޔުމުން ފިލްމުގެ ޕްރޮޑިއުސަރުން ހިތްހަމަ ނުޖެހުމުގެ އިތުރުން މީސް މީޑިއާގައި ވެސް އޭނާއާ ދިމާލަށް މީހުން ދިޔައީ ފާޑު ކިޔަމުންނެވެ.

ކަރީނާގެ އިތުރުން ދީޕިކާ ޕަދުކޯންއަށް ވެސް ދާދި ފަހުން ވަނީ މިފަދަ ކަމަކާ ކުރިމަތިލާން ޖެހިފައެވެ. ސަންޖޭ ލީލާ ބަންސާލީ އުފައްދާ ފިލްމެއްގައި ދީޕިކާގެ ފިރިމީހާ ރަންވީރް ސިންގްއަށް ވުރެ ގިނަ ފައިސާ ދޭން އެދުމުން، ސަންޖޭ ވަނީ އެ މަސައްކަތުން އޭނާ ދުރުކޮށް، އާލިއާ ބަޓްއަށް އެ ރޯލު ހުށަހަޅާފައެވެ.

ކަރީނާއާއި ދީޕިކާ ވެސް ގިނަ ފައިސާއަށް އެދުމަށްފަހު ބުނެފައިވަނީ ފިރިހެން އެކްޓަރުންނަށް ވުރެ މަދުން އަބަދުވެސް އެމީހުންނަށް އުޖޫރަ ދޭ ކަމަށާއި އެހެން ނަމަވެސް ގިނަ ފިލްމުތަކުގައި ފިރިހެނުންނަށް ވުރެ ބުރަ މަސައްކަތް ކުރަނީ ވެސް އަންހެން އެކްޓަރުން ކަމަށެވެ.

ފުންނާބު އުސް އެ ދެ ތަރިންގެ ވާހަކައާއި ދެކޮޅު ހެދީ އިންޑަސްޓްރީގައި މިހާރު 12 އަހަރު ހޭދަ ކޮށްފައިވާ ލާރާ ދައްތާއެވެ.

ލާރާ ބުނި ގޮތުގައި ބޮލީވުޑްގައި މިހާރު ވަނީ ކުރިން އަންހެނުންނަށް ނުދޭ އެތައް ފުރުސަތުތަކެއް ދީ، ކުރިއަށް ދިޔުމަށް މަގު ފަހި ކޮށްދީފައެވެ. އަދި ކުރިން ކުރާ މަސައްކަތަކަށް ދިން އުޖޫރައަށް ވުރެ މިހާރު ދޭ އުޖޫރަ ބޮޑުކަން ވެސް ލާރާ ފާހަގަ ކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!