ޚަބަރު

ފޯކައިދޫ އަދި ނަޑެއްލާ މޮނީޓަރިންގެ ހާލަތުން ނަގައިފި، މިހާރު މޮނީޓަރިންގައި އޮތީ 9 ރަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ނަޑެއްލާ / ފޮޓޯ ދިޑެއިލީ

ކޮވިޑް-19ގެ ހާލަތާ ގުޅިގެން މޮނީޓަރިންގެ ހާލަތަށްލީ ށ. ފޯކައިދޫ އާއި ގދ. ނަޑެއްލާ، އެއް މަސް ދުވަސް ފަހުން އާންމު ހާލަތަށް ގެނެސްފިއެވެ.

Ads by Hajj Corporation

"ދެން"އަށް މައުލޫމާތު ދެއްވަމުން ނަޑެއްލާ ކައުންސިލު ރައީސް މުޙައްމަދު އަންޝައު ވިދާޅުވީ އެ ރަށް މޮނީޓަރިންގަށްލީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

އަންޝައު ވިދާޅުވީ ނަޑެއްލާ ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔައީ އުމުރުން ދުވަސްވީ މީހެއް ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން، ކޮވިޑް-19 އަށް ފައްސިކަން އެނގުމުން ކަމަށެވެ.

މިވަގުތު ރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށާއި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 16 މީހުން ތިބި ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. ހައި ރިސްކު ދެ މީހުން ތިބި ކަމަށާއި އޭގެ ތެރެއިން އެކަކަކަށް ފަރުވާ ދެމުން ދަނީ ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ކަމަށް ވެސް އަންޝައު މައުލޫމާތު ދެއްވިއެވެ. އަދި ހައި ރިސްކު ދެވަނަ މީހާއަށް ފަރުވާ ދެނީ ގދ. ތިނަދޫގައި ކަމަށް ވެސް މައުލޫމާތު ދެއްވިއެވެ.

"މޮނީޓަރިންގެ ހާލަތުގައި އޮތް އިރު، މިކަމުން އަރައިގަންނަން އަތޮޅު ތެރޭގެ ރަށްރަށުން ވަރަށް ގިނަގުނަ އެހީތަކެއް ވެދެއްވި. އެގޮތުން ސެނިޓައިޒަރާއި، ކާޑުގެ ބާވަތްތަކާއި، ފެނާއި، މަސްދަޅު ކޭހާއި، މަސް ވެސް ފޯރުކޮށްދިން. ވަރަށް ގިނަ އެހީތެރިކަމެއް ފޯރުކޮށްދިން. އަތޮޅުތެރޭގެ ރަށްތަކަށާއި ރަށުގެ ސޯޝަލް ސަޕޯޓް ޑެސްކަށް އެހެންވެ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން" ނަޑެއްލާ ކައުންސިލު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އަންޝައު ވިދާޅުވީ، މިހާރު މޮނީޓަރިންގުން އެ ރަށް ނަގައިފައިވީ ނަމަވެސް އަނެއްކާ ވެސް ބަލި ފެތުރުނަ ނުދޭން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ނަޑެއްލާގެ އިތުރުން މިއަދު ށ. ފޯކައިދޫ ވެސް މިވަނީ އެއް މަސް ފަހުން މޮނީޓަރިންގެ ހާލަތުން ނަގައިފައެވެ. ފޯކައިދޫ ކައުންސިލް ރައީސް އަހްމަދު އާސިފް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށް މޮނީޓަރިންގަށް ލައިފައި ވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

"މި ރަށުން ބަލިވެގެން ކުޅުދުއްފުއްޓަށް ދެއްކި މީހަކު ބައްޔަށް ފައްސި ވެގެން މޮނީޓަރިންގަށް ލީ. އެ މީހާއަކީ ހާޓް ޕޭޝަންޓެއް. އެއީ ރޭންޑަމް ސާމްޕަލްއެއް. އެހެންވެ ރަށް ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔައީ" އާސިފް ވިދާޅުވިއެވެ.

ރަށުގެ އާންމު ހާލަތު މިހާރު ރަނގަޅު ކަމަށާއި ފޯކައިދޫގައި މިވަގުތު ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 14 މީހަކު ތިބިކަމަށް ވެސް ކައުންސިލު ރައީސް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި މޮނީޓަރިންގައި އޮތީ 9 ރަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!