ދިޔާނާ ވަރިއެއް ނުކުރަން، ނެގީ "ބްރޭކް"އެއް: ޖާބިރު
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވަރި ނުކުރައްވާ ކަމަށާއި ނެންގެވީ "ބްރޭކެއް" ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ފަނަރަ އަހަރުގެ ދިގު މުއްދަތަކަށް އެކުގައި އުޅުމަށް ފަހު ޖާބިރުއާއި ދިޔާނާ ވަރިވެފައިވާކަން ދިޔާނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަށަވަރު ކޮށްދެއްވައިފައެވެ.
އެއަށް ފަހު އެ ޚަބަރު ވެގެން ގޮސްފައި ވަނީ މީޑިއާތަކާއި މީސް މީޑިއާގައި ވެސް އެންމެ ގަދަޔަށް ދެކެވެމުންދާ އެއް ވާހަކައަށެވެ.
މިކަމާ ގުޅޭ ގޮތުން "ދެން"ގެ ފަރާތުން މިއަދު ޑީއާރްޕީގެ ލީޑަރު ޖާބިރުއަށް ގުޅައިލުމުން އެމަނިކުފާނު ވިދާޅުވީ ދިޔާނާއަކީ އެމަނިކުފާނު ވަރަށް ލޯބިވާ ބޭކަނބަލެއް ކަމަށެވެ.
"އަޅުގަނޑުމެން ދެމީހުންގެ އެއްވެސް މައްސަލައެއް ވެސް ނެތް. އެއީ އަޅުގަނޑުގެ ދެ ކުދިންގެ މަންމަ. 15 އަހަރު ވެއްޖެ އެއްކޮށް އުޅޭތާ. ދެ މީހުން ކުޑަކޮށް ބްރޭކެއް ނެގީ، އެއީ މައްސަލައެއް ނޫން. އަލުން ގުޅެން މިއުޅެނީ" ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ ދިޔާނާއަކީ މުޅި އުމުރުދުވަހަށް ވެސް އެމަނިކުފާނުގެ ޙަޔާތުގެ ބައިވެރިޔާ ކަމަށެވެ.
"އިސްލާމްދީނުގައި 4 އަނބިން ހުއްދަތާ، އަދި އަޅު އަންހެނުންނާ ޖާރިޔާއިން ގެންގުޅުން ވެސް އޮތް. އެކަމަކު އަޅުގަނޑުގެ އަންހެނުން ދިޔާނާއަކީ 100 އަންހެނުންނާ ނުބައްދަލު މީހެއް." ދިޔާނާއަށް ތައުރީފު ކުރައްވަމުން ޖާބިރު ވިދާޅުވިއެވެ.
"ﷲގެ އިރާދަފުޅާއެކު އަޅުގަނޑު މަރުވަންދެން ވެސް ދިޔާނާއާ އެކީގައި ހުންނާނީ. އަޅުގަނޑުގެ ގައިގެ އެއް ބައި ދިޔާނާ އަކީ" ޖާބިރު ވިދާޅުވެފައި ވެއެވެ.
ޖާބިރު ވިދާޅުވީ، ދިޔާނާ ވަރި ކުރެއްވި ނަމަވެސް އަދި ކޯޓާ ހަމައަށް ވަޑައިނުގަންނަވާ ކަމަށެވެ. މިވަގުތު ރާއްޖެއިން ބޭރުގައި ހުރި ނަމަވެސް ވަރަށް އަވަހަށް ދިޔާނާއާ އަލުން ގުޅޭނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.