އެމެރިކާ އިން ހަދިޔާކުރި ފައިޒާ ވެކްސިން ދޭނެ މީހުން ކަނޑައަޅައިފި
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ ސަރުކާރުން ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ރާއްޖެއަށް ހަދިޔާކުރި ފައިޒާ ވެކްސިން ދޭނެ މީހުން ކަނޑައަޅައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެމެރިކާއިން ހަދިޔާކުރި 128،600 ޑޯޒް ފައިޒާ ވެކްސިން ދޭނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި މާބަނޑު މީހުންނާއި ކޮވިޝީލްޑް ނުވަތަ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ބޮޑު ސައިޑްއިފެކްޓެއް ކުރިމަތިވެފައިވާ އަދި ދެވަނަ ޑޯޒަކަށް ފައިޒާ ވެކްސިން ޖެހުމަށް އޭއީއެފްއައި ކޮމެޓީން ލަފާދީފައިވާ މީހުންނާއި ރާއްޖެއިން ބޭރުގައި ކިޔަވާ ނުވަތަ ކިޔަވަންދާން ހަމަޖެހިފައިވާ މީހުންގެ ތެރެއިން އެ މީހުން ކިޔަވަންދާ ގައުމުގައި ހަމައެކަނި ފައިޒާ ގަބޫލުކުރާ ބަޔަކަށް ކަމަށެވެ.
މީގެ ތެރޭގައި ހިމެނޭ މާބަނޑު މީހުންގެ ތެރެއިން ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ފައިޒާ ނުވަތަ އެސްޓްރާޒެނެކާ ވެކްސިން ޖެހުމަށް އިހުތިޔާރު ކުރެވިދާނެ ކަމަށާއި މާބަނޑު މީހުންގެ ތެރެއިން އެއްވެސް ޑޯޒެއް ނުޖަހާ މީހުން ޖަހާނީ ފައިޒާ ވެކްސިން ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނީ އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން މިހާރު ސުކޫލުގައި އުޅޭ ކުދިން އަދި މިދިޔަ ދިރާސީ އަހަރު ގުރޭޑް 10 ނިންމި ދަރިވަރުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ސުކޫލުތަކުގައި ކަމަށެވެ.
އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ގޮތުގައި ނުހިމެނޭ ކުދިންނާއި މާބަނޑު މީހުން ފައިޒާ ވެކްސިން ޖެހުމަށް ވެކްސިން ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭއިން ވަނީ އަންގާައިއެވެ.
މާލެ ސަރަހައްދުގައި މާދަމާ ފައިޒާ ވެކްސިން ދޭން ފަށާއިރު އާންމުންނަށް ހާއްސަ ވެކްސިން ސެންޓަރުތަކަކީ އިސްލާމީ މަރުކަޒާއި ހުޅުމާލެ ހޮސްޕިޓަލެވެ.
އިސްލާމީ މަރުކަޒުގައި ވެކްސިން ޖެހުން ކުރިއަށް ގެންދާނީ ހެނދުނު 9:00 ހަވީރު 4:00 އަށެވެ. އަދި ހުޅުމާލެ ހޮސްޕިޓަލްގައި ވެކްސިން ދޭނީ މެންދުރު 1:00އިން 4:00 އަށެވެ.
މީގެ އިތުރުން ވިލިމާލެ ޔޫތު ސެންޓަރުން މެންދުރު 1:00ން ހަވީރު 4:00އަށް ވެކްސިން ޖަހައިދޭނެއެވެ. ނަމަވެސް ވިލިމާލޭގައި ވެކްސިން ދޭން ފަށާނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ.