އިޖުތިމާޢީ

އިންޓަނެޓު" ކުޑަކުދިންނަށް ހުރި ނުރައްކަލެއް: ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތައް"

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އަމިއްލަ އުފަންދުވަސް ފާހަގަކުރުމަށް ކުޑަކުއްޖަކު މީސްމީޑިއާގައި ފޮޓޯތަކެއް އާންމުކޮށްލާ މަންޒަރަކީ ވަރަށް އާދައިގެ ކަމެއްކަމަށް ހީވެދާނެއެވެ. އަދި ރައްޓެހިންނާ އެކު އުފަންދުވަހުގެ ލަވަކިޔާ މަންޒަރު ފެންނަ ވީޑިއޯތަކާއި، ހަވީރު 4 ޖަހާއިރު ކުޅެންދާ ތަނާއި، ދިރިއުޅޭ ގޭގެ އެޑްރެހާއި ފޯނު ނަންބަރު އިންޓަނެޓުގައި ޙިއްޞާކުރުމަކީ ކުއްޖާއަށް ފަޚުރެއްކަމުގައި ވިޔަސް، މިއީ އޭގެ ސަބަބުން ނުރައްކާތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެކެވެ. މިފަދަ މަޢުލޫމާތުތަކުގެ ސަބަބުން، ކުއްޖާގެ އެންމެހާ ޒާތީ މަޢުލޫމާތުތަކާއި ހަރަކާތްތައް މުޅި ދުނިޔެއަށް ހާމަވެގެންދެއެވެ.

ދުބާއީގެ ސައިބަރ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ރާސް އިންފޯޓެކްގެ ޗީފް އެގްޒެކެޓިވް އަކްރަމް ޚާޒީ ވިދާޅުވިގޮތުގައި، ކުޑަކުދިންގެ އޮންލައިން ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މައިންބަފައިންނާއި ދަރިންނާ ދެމެދު ގާތްގުޅުމެއް އޮތުމަކީ އެންމެ މުހިންމު ކަމެކެވެ. ކުދިން ބޭނުންކުރާ ޑެސްކްޓޮޕް، ލެޕްޓޮޕް އަދި މޯބައިލް ފަދަ އާލާތްތަކުގެ އޮޕަރޭޓިންގ ސިސްޓަމްތަކާއި އެންޓިވައިރަސް އަޕްޑޭޓްކުރުމަށް އޭނާ ލަފާދެއްވިއެވެ. އަދި ބޭނުންނުކުރާ ވަގުތުތަކުގައި ވެބްކޭމްތައް ނިވާކުރުމަށް ވެސް އިރުޝާދުދެއްވިއެވެ. ސަބަބަކީ، މެލްވެއަރ މެދުވެރިކޮށް ހެކަރުންނަށް ކެމެރާއިން ޖާސޫސްކުރުމުގެ ފުރުޞަތު އޮންނާތީއެވެ. މީގެ އިތުރުން، އުމުރުން 12 ނުވަތަ 13 އަހަރުން ދަށުގެ ކުދިން ބޭނުންކުރާ އާލާތްތަކުގައި ޕޭރެންޓަލް ކޮންޓްރޯލް ބޭނުންކުރުމުން، ނޭދެވޭ ވެބްސައިޓްތަކަށް ކުދިން ވަނުން ހުއްޓުވިދާނެއެވެ.

އޮންލައިން ރައްކާތެރިކަމުގެ މައްސަލަތައް މައިގަނޑު ތިން ބަޔަކަށް ބެހިގެންވެއެވެ. އެއީ ނުރަނގަޅު އަދި ޤާނޫނާ ޚިލާފު ކޮންޓެންޓަށް ހުށަހެޅުމާއި، އޮންލައިންކޮށް ނުރައްކާތެރި މީހުންނާ މުޢާމަލާތްކުރެވުމާއި އަދި އަމިއްލައަށް ކުރެވޭ ގެއްލުންދެނިވި އޮންލައިން އުޅުންތަކެވެ. އަކްރަމް ވިދާޅުވާގޮތުގައި ޓެކްނޮލޮޖީގެ އިތުރުން، މައިންބަފައިންނާއި ދަރިންނާ ދެމެދު ދެކެވެންޖެހޭ މުހިންމު 5 ވާހަކައެއްވެއެވެ. އޭގެ ތެރޭގައި ސައިބަރ ބުލީއިންގ އިން ރައްކާތެރިވާނެ ގޮތާއި އެކަން ސްކޫލަށް ރިޕޯޓުކުރާނެ ގޮތް، އޮންލައިންކޮށް ހިންގޭ ބޭއަދަބީ މުޢާމަލާތްތަކުން ދުރުވުން، އިންޓަނެޓުގައި ދިމާވާ ކަންކަން މައިންބަފައިންނަށް ކިޔައިދިނުމަށް ބާރުއެޅުން، އިންޓަނެޓުގައި އޯގާތެރިކަމާ އެކު މުޢާމަލާތްކުރުން، އަދި ނޭނގޭ ފަރާތްތަކުން ފޮނުވާ އީމެއިލް ލިންކުތަކަށް ނުފިތުން ހިމެނެއެވެ. ލިންކުތަކަށް ފިތުމުން ފިޝިންގ ނުވަތަ ރެންސަމްވެއަރ ހަމަލާއަކާ ކުރިމަތިލާންޖެހިދާނެއެވެ.

އަމިއްލައަށް މަރުވުމަށް ހިތްވަރުދޭ ބްލޫ ވޭލް ފަދަ ގޭމްތަކަކީ ޔޫ.އޭ.އީ ހިމެނޭހެން ގިނަ ޤައުމުތަކުގައި މަނާކޮށްފައިވާ އެއްޗެކެވެ. ނަމަވެސް، އެމިރޭޓްސް ސޭފަރ އިންޓަނެޓް ސޮސައިޓީ (އީސޭފް) ގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މުޙައްމަދު މުޞްޠަފާ ސައިދަލަވީ ގަލްފް ނިއުސްއަށް ކުރިން މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ، ބްލޫ ވޭލް އަދި މޯމޯ ޗެލެންޖް ފަދަ ކުޅިވަރުތަކަކީ ނެތް މައްސަލައަކާ ގުޅިގެން މީޑިއާއިން އުފައްދައިގެން އުޅޭ ބިރެއް ކަމަށާއި، އަމިއްލައަށް މަރުވާކަމަށް ބުނާ ބުނުމަކީ މާބޮޑަށް ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި، މީޑިއާގެ ސަމާލުކަން ހުއްޓެންވީ، ކުދިންނަށް ކުރިމަތިވާ ޖިންސީ ގޯނާއާއި، ސައިބަރ ބުލީއިންގ، ބްލެކްމެއިލް ކުރުން އަދި ޗައިލްޑް ގްރޫމިންގ ފަދަ ޙަޤީޤީ ނުރައްކާތަކަށެވެ. ޗައިލްޑް ގްރޫމިންގ އަކީ ކުޑަކުދިންނާ ގާތްގުޅުމެއް އުފައްދައިގެން އެކުދިންނަށް ޖިންސީ ގޯނާކުރަން ރޭވުމެވެ.

ސައިބަރ މާހިރުން ލަފާދެއްވާ ގޮތުގައި ކުޑަކުދިންގެ އޮންލައިން ރައްކާތެރިކަމުގެ ސަގާފަތް ފެށެންޖެހޭނީ ގޭތެރެއިންނެވެ. ސްކޫލުތަކުން ވެސް ޑިޖިޓަލް ރައްކާތެރިކަމުގެ ސިޔާސަތުތައް އެކުލަވާލައި، މަންހަޖުގެ ތެރެއިން އެކަންކަން ދަރިވަރުންނަށް އުނގަންނައިދޭން ޖެހެއެވެ. މީގެ އިތުރުން އުމުރުން 2 އަހަރުގެ ކުޑަކުދިން ވެސް ގިނަ ވަގުތު ސްކްރީންތަކަށް ހުށަހެޅިފައިވާއިރު، އޭގެ ސަބަބުން ރޭޑިއޯ ފްރީކުއެންސީ ރޭޑިއޭޝަން (އާރް.އެފް.އާރް)ގެ ނުރައްކާ އެކުދިންނަށް ކުރިމަތިވެއެވެ. 2019ވަނަ އަހަރު ފްރޮންޓިއަރސް އިން ޕަބްލިކް ހެލްތު ޖާނަލްގައި ޝާއިޢުކޮށްފައިވާ މީދާ ފަދަ ޖަނަވާރުތައް ބޭނުންކޮށްގެން ހެދި ބޮޑު ދިރާސާއަކުން، މިކަމުގެ ސަބަބުން ކެންސަރަށް މަގުފަހިވާކަން ވަނީ ހާމަވެފައެވެ.

ދިވެހިރާއްޖޭގައި އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިންނަށް މީސްމީޑިއާ (ސޯޝަލް މީޑިއާ) ބޭނުންކުރުން މަނާކުރުމަށްޓަކައި، ހާއްސަ ގާނޫނުތަކެއް ހަދައި އެކަން ތަންފީޒުކުރަން ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އިއުލާންކުރައްވާފައެވެ.

Ads by Allied Insurance