ކުޑަކުދިންގެ ކިބައިގައި ހާސްކަން އުފެދެން ފަށަނީ ވަރަށް ޅައުމުރުގައި: ބޮޑެތި މީހުންނަށް ފާހަގަނުކުރެވޭ އަލާމާތްތައް
ކުޑަކުދިންގެ ކިބައިގައި ހާސްކަމާއި ކަންބޮޑުވުން (އެންޒައިޓީ) އުފެދެން ފަށަނީ ވަރަށް ޅައުމުރުގައެވެ. ބޮލުގައި ރިއްސުމާއި، ގިނައިން ރުއިމާއި، މީހުންނާ މާބޮޑަށް ގާތްވާން އުޅުމަކީ މީގެ ބައެއް އަލާމާތްތަކެވެ.
މިސާލަކަށް، ހިނިތުންވުމެއް ނެތް ކުޑަކުއްޖަކާ ދޭތެރޭ ބޮޑެތި މީހުން ދެކޭގޮތް ވިސްނާލަމާ ހިނގާށެވެ. އެ އުމުރުގައި ހިނިތުން ނުވާ ނަމަ، އެއީ އަބަދު މޫޑުގޯސްވެފައި ހުންނަ ކުއްޖެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ނަމަވެސް، އެ ކުއްޖާގެ ފަހަތުގައި ފޮރުވިފައިވާ ހިތާމަތަކެއް ވެދާނެއެވެ. މަންމަ ނިޔާވެ، ބައްޕަ އެހެން ކައިވެންޏެއް ކުރުމުން، މަންމަ ނެތް ދުނިޔެއެއްގައި ބޮޑުވަމުން އަންނައިރު އެ ކުއްޖާ ތަޙައްމަލުކުރާ ހިތާމައާއި އެކަނިވެރިކަން ބޮޑެތި މީހުންނަށް ނުވިސްނިދާނެއެވެ. މިއީ އަޅުގަނޑުމެންގެ ތެރޭގައި އާންމުކޮށް ކަން ހިނގާ ގޮތެވެ. ކުއްޖަކު މާގިނައިން ރުއިމުން ނުވަތަ ރުޅިގަދަވުމުން، އެއީ އުމުރުގެ ގޮތުން ކުދިން އުޅޭނެ ގޮތް ކަމަށް ނިންމައި، އެއީ ކަންބޮޑުވުންތަކެއް ހުރެގެން އުޅޭގޮތްކަން ގަބޫލުނުކުރެވެނީއެވެ. ހާސްކަމަކީ ޅައުމުރުގައި ކުއްޖާގެ ނަފްސުގެ ތެރެއަށް ވަދެގަންނަ ކަމެކެވެ. އޭގެ ސަބަބުން ފަހުން އެކަމުން ސަލާމަތްވާން އުނދަގޫވެއެވެ.
ދުބާއީގެ ސޭޖް ކްލިނިކްގެ ކްލިނިކަލް ސައިކޮލޮޖިސްޓް ސާރާ މަޢުމާރީ ފާހަގަކުރައްވާ ގޮތުގައި، މިހާރު ކުޑަކުދިންގެ ފުށުން ފެންނަ ކަންބޮޑުވުންތައް އިތުރުވުމުގެ އިތުރުން، އެކަންކަން ދެނެގަނެވޭ މިންވަރު ވެސް ވަނީ އިތުރުވެފައެވެ. ކުރީގެ ޖީލުތަކުގައި ކަންބޮޑުވާ ކުދިން ސިފަކުރަނީ "ލަދުރަކި"، "ސެންސިޓިވް"، ނުވަތަ އުމުރުގެ ގޮތުން އަންނަ ބަދަލެއްގެ ގޮތުގައެވެ. ނަމަވެސް އެންޒައިޓީއަކީ އޭގެ ޒާތުގައި ފާޅުވާ ކަމަކަށް ވުރެ، ކުއްޖާގެ އަމަލުތަކުންނާއި، ހަށިގަނޑުން އަދި ހިމޭންކަމުގެ ތެރެއިން ފެންނަ ކަމެކެވެ.
"ކުޑަކުދިންނަށް 'އަހަރެން ހާސްވޭ' ބުނަން ނޭނގިދާނެ. އެހެންކަމުން އެންމެ ފުރަތަމަ ފެންނަ އަލާމާތްތައް ގުޅިފައި ހުންނާނީ އުޅުމާ ނުވަތަ ހަށިގަނޑާ،" މަޢުމާރީ ވިދާޅުވިއެވެ.
އެގޮތުން ސްކޫލަށް ދާންވުމުން ބަނޑުގައި ނުވަތަ ބޮލުގައި ރިއްސުން، ނިދަން އުނދަގޫވުން، ނުވަތަ އަބަދުވެސް ޔަޤީންކަން ހޯދަން މަސައްކަތްކުރުން ހިމެނެއެވެ. މީގެ އިތުރުން ރުޅިގަދަވުމަކީ ވެސް ފާހަގަނުކުރެވި ދޫކޮށްލެވޭ ވަރަށް ބޮޑު އަލާމާތެކެވެ. މަޢުމާރީ އިތުރަށް ވިދާޅުވީ، ކުއްޖާ ބަސްނާހާ، ގޮތްދޫނުކުރާ އަދި ސަމާލުކަން ހޯދަން އުޅޭ ކުއްޖެއްގެ ގޮތުގައި ބޮޑެތި މީހުންނަށް ފެނުނު ނަމަވެސް، އޭގެ ފަހަތުގައި ވަނީ ބިރުގަތުމާއި، ކަންކަމާ މާބޮޑަށް ހާސްވުން ކަމުގައި ވެދާނެ ކަމަށެވެ. ބައެއް ފަހަރު ކުދިން ދައްކާ ނުރުހުމަކީ އެހެން އެއްވެސް ގޮތަކަށް ބޭރުކޮށްލަން ނޭނގޭ ހިތްދަތިކަމަކަށް ވެދެއެވެ.
ދުބާއީގައި ދިރިއުޅޭ މުކުންދު މެނަންގެ 5 އަހަރުގެ ކާފަދަރިފުޅު، އޭނާގެ ހޯމްވޯކް ހަދާއިރު ކުށެއް ލިޔެވޭ ކޮންމެ ފަހަރަކު ކަރުދާސްގަނޑު ބޮނޑިކޮށްލާފައި ކުޑަދޮރުން ބޭރަށް އެއްލާލައި، ކޮޓަރިން ނުކުމެގެން ދުވެއެވެ. ފުރަތަމަ މިކަން މަޖާ ކަމަކަށް ވިޔަސް، މިއީ އޭނާ މާބޮޑަށް ކަންބޮޑުވެ، ކުށެއް ހެދުމުން ކްލާހުގައި ފަހަތަށް ޖެހިދާނެކަމުގެ ބިރުން ކުރާ ކަމެއްކަން ފަހުން އެނގުނެވެ. މިކަން ހައްލުވީ، ކުޑަ ކުށަކުން އޭނާ ފަހަތަށް ނުޖެހޭނެކަން ވިސްނައިދީ، ގިނަ ވާހަކަތަކެއް ދައްކައިގެންނެވެ.
މަޢުމާރީ ފާހަގަކުރައްވާ ގޮތުގައި އެންމެ ނުރައްކާތެރި ކަމަކީ، ބޮޑެތި މީހުން ކުއްޖާގެ ހާސްކަން އެއީ އޭނާގެ މިޒާޖު ކަމުގައި ނިންމައި ލޭބަލް ކުރުމެވެ. އާ ކަންކަމާ ކުރިމަތިލާން ފަސްޖެހޭ ކުދިންނަށް 'ކަންނެތް' ކުދިން ކަމުގައި، ކުދި ބަދަލުތަކަށް މާބޮޑަށް ރިއެކްޓްކުރާ ކުދިންނަށް 'ޑްރަމެޓިކް' ކުދިން ކަމުގައި، އަދި ކުށެއް ހެދުމުން ކަންބޮޑުވާ ކުދިންނަށް 'ޕާފެކްޝަނިސްޓުން' ކަމުގައި ކިޔައި އުޅެއެވެ. ނަމަވެސް މިއީ އެންޒައިޓީގެ ސަބަބުން ކުއްޖާ ދުނިޔެ ދެކޭގޮތް ބަދަލުވާކަން އަންގައިދޭ ކަންކަމެވެ.
ކުޑަކުދިންގެ އެންޒައިޓީ އާންމުކޮށް އުފެދެނީ ކުއްޖާގެ މިޒާޖާއި، ބަޔޮލޮޖީ އަދި މާހައުލާ ގުޅިގެންނެވެ. ބައެއް ކުދިންނަކީ ތަބީޢީގޮތުން ވިސްނުންތެރި، ސެންސިޓިވް ކުދިންނެވެ. މާހައުލުން މިކަންކަން ކުޑަކޮށްދީ ނުވަތަ އިތުރުކޮށްދެއެވެ. މަޢުމާރީ ވިދާޅުވީ ރަނގަޅު ރޫޓީންއެއް އޮވެ، އަޅާލާނެ މީހުން ތިބެ، ކުށް ހެދުމަކީ އުނގެނުމުގެ ބައެއްކަން ވިސްނައިދެވޭނަމަ އެފަދަ ކުދިންނަށް ކުރިއެރުން ލިބޭނެ ކަމަށެވެ. އެންޒައިޓީ އުފެދެނީ ސެންސިޓިވް ކުއްޖަކަށް މާބޮޑަށް ސްޓްރެސްވެ، އެކަށީގެންވާ އިހުސާސީ އެހީތެރިކަން ނުލިބުމުންނެވެ.
މިހާރުގެ ކުޑަކުދިންގެ ދިރިއުޅުން ކުރީގެ ޖީލުތަކާ ވަރަށް ތަފާތެވެ. މަޢުމާރީ ފާހަގަކުރައްވާ ގޮތުގައި އަވަސް ރޫޓީންތަކާއި، ތަޢުލީމީ ގޮތުން ކުރެވޭ އުންމީދުތައް ބޮޑުވުމާއި، ސްކްރީން ބޭނުންކުރާ މިންވަރު އިތުރުވުމަކީ މީގެ ސަބަބުތަކެވެ. ކުދިން އިހުސާސްތައް ކޮންޓްރޯލްކުރަން ދަސްކުރަނީ ކުޅުމާއި، ފޫހިވުމާއި، މައްސަލަ ހައްލުކުރުމާއި، އެހެން ކުދިންނާއެކު އުޅުމުގެ ތެރެއިންނެވެ. ނަމަވެސް ސްކްރީންގެ ސަބަބުން ނިދުމަށާއި، ބޭރުގައި ކުޅުމަށާއި، މީހުންނާ ބައްދަލުކޮށް އުޅުމަށް ހުރަސްއެޅެއެވެ.
ދުބާއީގެ ހެރިއަޓް-ވޮޓް ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރ އޮފް ސައިކޮލޮޖީ، ޑރ. ޒޯއީ ފޯޗޫން ވިދާޅުވާ ގޮތުގައި ކުޑަކުދިންނަށް ބޮޑެތި މީހުންގެ އިހުސާސްތައް ވަރަށް އަވަހަށް ނަގައިގަނެވޭނެއެވެ.
"މައިންބަފައިންގެ އަމަލުތަކާއި އިހުސާސްތައް ކުދިން ބަލާނެ. އަދި ވަށައިގެންވާ މީހުންގެ މޫޑާއި އުޅުމަށް ކުދިން އަހުލުވެރިވާނެ،" އޭނާ ވިދާޅުވިއެވެ. މިސާލަކަށް ސްޓްރެސްވާ ވަގުތު އަޑުގަދަކުރާނަމަ، ކުދިންނަށް ދަސްވާނީ އެއީ އެކަން ކުރަންޖެހޭ ގޮތް ކަމަށެވެ. މައިންބަފައިން ސްޓްރެސްވެ ރުޅިގަދަވާނަމަ، އެއީ އެކުދިންގެ ކުށެއްކަމަށް ހީކޮށް އަމިއްލަ ނަފްސު ކުށްވެރިކުރެއެވެ. ޑރ. ފޯޗޫން އިތުރަށް ވިދާޅުވީ މިއީ މައިންބަފައިން ސަމާލުވާންޖެހޭ ކަމެއް ކަމަށާއި، އިހުސާސްތައް ކިޔައިދީ، ހަމަޖެހޭނެ ގޮތް ދަސްކޮށްދިނުން މުހިންމު ކަމަށެވެ.
ކޮންމެ ކުއްޖެއްގެވެސް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ނުވަތަ ކަންބޮޑުވުމެއް ހުރެދާނެއެވެ. އެއީ އަނދިރިވުމުން ގަންނަ ބިރެއް، ނުވަތަ އާ ސްކޫލަކަށް ދާންޖެހުމުން ވާ ކަންބޮޑުވުމަކަށް ވެދާނެއެވެ. ނަމަވެސް މަޢުމާރީ ވިދާޅުވާ ގޮތުގައި އާންމު ކަންބޮޑުވުމެއްނަމަ، އެކަމެއް އައިސްފައި ހިނގައިދާނެއެވެ. އަދި އާންމު ދިރިއުޅުމުގެ ކަންކަމުގައި ބައިވެރިވުމަށް ހުރަހަކަށް ނުވާނެއެވެ. އެކަމަކު ކްލިނިކަލް އެންޒައިޓީއަކީ ދާއިމީކޮށް ހުންނަ، އަދި ކުއްޖާގެ ދިރިއުޅުމަށް ހުރަސްއަޅާ ކަމެކެވެ. ސްކޫލަށް ދާން ދެކޮޅުހެދުމާއި، އާންމު ހަރަކާތްތަކާ ދުރުވުމަކީ މީގެ ނުރައްކާތެރި އަލާމާތްތަކެވެ. ޑރ. ފޯޗޫންވެސް ފާހަގަކުރެއްވި ގޮތުގައި ނިދުމަށާއި، މީހުންނާ ގުޅިގެން އުޅުމަށް ހުރަސްއެޅި، ބަނޑުގައްޔާއި ބޮލުގައި ރިއްސުން ފަދަ ކަންކަން ދިމާވުމަކީ ކަންބޮޑުވާންޖެހޭ ހިސާބެވެ. އެންމެ ބޮޑު އިންޒާރަކީ ކުއްޖާގެ ދުނިޔެ ހަނިވެގެން ދިއުމެވެ.
ތަޢުލީމީ މާހައުލުގައި ކުދިންނަށް ކުރިމަތިވާ ޕްރެޝަރުތަކަކީވެސް މީގެ އެއް ސަބަބެވެ. ޑރ. ފޯޗޫން ފާހަގަކުރެއްވި ގޮތުގައި ތަޢުލީމީ ގޮތުން ކުދިންގެ ކިބައިން އުންމީދުކުރާ ކަންކަން މިހާރު ފެށެނީ މާ ޅައުމުރުގައެވެ. އޭގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާޢީ ހުނަރުތަކަށް ނޭދެވޭ އަސަރުކޮށް، ކެތްތެރިކަން ކުޑަވެއެވެ.
"މީގެ ސަބަބުން ތަޢުލީމީ ޕްރެޝަރަކީ ޑިޕްރެޝަނާއި، އެންޒައިޓީ އަދި އަމިއްލަ ނަފްސަށް ގެއްލުންދިނުމާއި އަމިއްލައަށް މަރުވުމާ ގުޅިފައިވާ ކަމެއް،" އޭނާ އިންޒާރުދެއްވިއެވެ. ކުއްޖާގެ އަގު ވަޒަންކުރެވެނީ ހޯދާ ނަތީޖާއިން ކަމަށް ވެއްޖެނަމަ، ކުދިންނަށް ބޮޑެތި ނަފްސާނީ ގެއްލުންތަކެއް ލިބޭކަމަށް މަޢުމާރީވެސް ވަނީ އިތުރަށް ފާހަގަކުރައްވާފައެވެ.