ދީން

ދީނާއި ސިޔާސަތު ވަކި ނުކުރެވޭނެއެވެ.

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

ޝައްކެތް ނެތް ގޮތުގައި އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމަކަށް އަލިއަޅުއްވާލައްވާފައިވާ ޝާމިލު މަންހަޖެކެވެ. ކީރިތި ގުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ) ސޫރަތުލް މާއިދާ 48، މާނައަކީ: "އަދި ތިމަންރަސްކަލާނގެ حقގޮތުގައި ކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއް ކަމުގައެވެ."

Ads by STELCO

އަދިވެސް ﷲ ވަޙީ ކުރައްވައެވެ. (ادْخُلُوا فِي السِّلْمِ كَافَّةً) ސޫރަތުލް ބަގަރާ 208، މާނައަކީ: "ތިޔަބައިމީހުން އެންމެން إسلامدينއަށް ކިޔަމަންވުމުގެ ތެރެޔަށް ވަންނާށެވެ!"މި އާޔަތުގެ މުރާދަކީ ތިޔަބައިމީހުން އިސްލާމްދީނުގެ ހުރިހާ ޙުކުމްތަކެއް ގަބޫލު ކުރާށެވެ. ހަމައެކަނި އިޖްތިމާޢީ ކަންތައް ތަކުގައި ހިފާފައި، އެއީ ދީނީ ކަމެއްކަމަށް ބަލާފައި ސިޔާސީ ކަންތައް ދޫކޮށް ނުލާށެވެ. ނުވަތަ ސިޔާސީ ކަންތަކުގައި ހިފާފައި އިގްތިޞާދީ ކަންތައް ހަނދާންނައްތާ ނުލާށެވެ. ހުރިހާ ކަމެއްގައިވެސް އިސްލާމްދީނުގައި އައިސްފައިވާ ގޮތަށް ކަންތައް ކުރާށެވެ. ކީރިތި ގުރްއާނަށް ނަޡަރު ހިންގާލައިފިނަމަ ފެނިގެންދާނީ މިހުރިހާ ކަންތަކެއް ޝާމިލުވާ ފޮތެއްގެ ގޮތުގައެވެ. މިޘާލަކަށް ބުނާނަމަ: ގުރްއާނުގައި އިގްތިޞާދާއި ބެހޭ ވާހަކަވެސް އައިސްފައިވެއެވެ. (لَا تَأْكُلُوا الرِّ‌بَا أَضْعَافًا مُّضَاعَفَةً) ސޫރަތު އާލުޢިމްރާން: 130. މާނައަކީ: "ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި ތިޔަބައިމީހުން رِباނުކާށެވެ!"

އަދިވެސް އައިސްފައިވެއެވެ، (يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَذَرُ‌وا مَا بَقِيَ مِنَ الرِّ‌بَا إِن كُنتُم مُّؤْمِنِينَ ) ސޫރަތުލް ބަގަރާ: 278، މާނައަކީ: "އޭ إيمانވެއްޖެ މީސްތަކުންނޭވެ! اللَّهއަށް ތިޔަބައިމީހުން تقوىވެރިވާށެވެ! އަދި، ތިޔަބައިމީހުން مؤمنން ކަމުގައިވާނަމަ، رِباގެތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ!"

އަދިވެސް އައިސްފައިވެއެވެ، (وَأَحَلَّ اللَّـهُ الْبَيْعَ وَحَرَّ‌مَ الرِّ‌بَا) ސޫރަތުލް ބަގަރާ: 275. މާނައަކީ: "ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِباވަނީ حرامކުރައްވާފައެވެ."

އަދިވެސް އައިސްފައިވެއެވެ. (إِذَا تَدَايَنتُم بِدَيْنٍ إِلَىٰ أَجَلٍ مُّسَمًّى فَاكْتُبُوهُ) މާނައަކީ: "ކަނޑައެޅި އެނގިގެންވާ مدةއަކަށް، ތިޔަބައިމީހުން ދަރަންޏެއްގެ معاملةއެއް ކޮށްފިނަމަ، ފަހެ، އެ ދަރަންޏެއް ތިޔަބައިމީހުން ލިޔާށެވެ!"

އިގްތިޞާދީ ކަންކަމުގައި ވަރަށް ތަފްޞީލުކޮށް މިވަނީ ޙުކުމްތައް ބަޔާން ކުރައްވާފައެވެ. އިޖްތިމާޢީ ކަންތައްތަކަށް ބަލާއިރު އެކަމުގެ ޙުކުމްތައްވެސް މާތް ﷲ ކީރިތި ގުރްއާނުގައި ވަނީ ބަޔާން ކުރައްވާފައެވެ. (فَإِن طَلَّقَهَا فَلَا تَحِلُّ لَهُ مِن بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَ‌هُ) ސޫރަތުލް ބަގަރާ: 230، މާނައަކީ: "ދެން (ތިންވަނަ ފަހަރަށް) އެކަނބުލޭގެ ވަރިކޮށްފިނަމަ، އެއަށްފަހު،އެކަނބުލޭގެ އެހެން ފިރިޔަކާ ކާވެނިކޮށްފުމަށް ދާނދެން އޭނާއަކަށް (އެބަހީ: ތިންފަށްކުޅަ ފިރިޔާއަށް) އެކަނބުލޭގެ حلالއެއް ނުވާނެތެވެ."

އަދިވެސް އައިސްފައިވެއެވެ. (وَأَن تَجْمَعُوا بَيْنَ الْأُخْتَيْنِ إِلَّا مَا قَدْ سَلَفَ) ސޫރަތުއް ނިސާ: 23، މާނައަކީ: "އަދި، ވޭތުވެދިޔަ ޒަމާނުގައި މެނުވީ ދެ أختން ދެމެދު އެއްކުރުން (އެބަހީ: އެއްފަހަރާ ދެ أختންނާ އިނުން) ވެސް حرامކުރެއްވިއެވެ."

އަދިވެސް އައިސްފައިވެއެވެ. (فَانكِحُوا مَا طَابَ لَكُم مِّنَ النِّسَاءِ مَثْنَىٰ وَثُلَاثَ وَرُ‌بَاعَ) މާނައަކީ: "އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ."

ހަނގުރާމަ އާއި ޞުލްޙައިގެ ވަގުތުތަކުގެ ކަންތައް ކުރަންވީ ގޮތްވެސް ކީރިތި ގުރްއާނުގައި ބަޔާން ކުރައްވާފައިވެއެވެ. (وَإِن جَنَحُوا لِلسَّلْمِ فَاجْنَحْ لَهَا وَتَوَكَّلْ عَلَى اللَّـهِ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ) ސޫރަތުލް އަންފާލް: 61، މާނައަކީ: "އަދި صلحއިގެ ފަރާތަށް އެއުރެން ލެނބިލައިފިނަމަ، ކަލޭގެފާނުވެސް (އެގޮތްقبولކުރައްވައި) އެފަރާތަށް ލެނބިވަޑައިގަންނަވާށެވެ! އަދި اللَّهއަށްوكيلކުރައްވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށްއައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އަދިވެސް އައިސްފައިވެއެވެ، (وَإِمَّا تَخَافَنَّ مِن قَوْمٍ خِيَانَةً فَانبِذْ إِلَيْهِمْ عَلَىٰ سَوَاءٍ ۚ إِنَّ اللَّـهَ لَا يُحِبُّ الْخَائِنِينَ ) ސޫރަތުލް އަންފާލް: 58، މާނައަކީ: "ބަޔަކުމީހުންގެ ކިބައިން خيانةތެރިކަމެއް އަތުވެދާނެކަމަށް، ކަލޭގެފާނުބިރުފުޅުގަންނަނަމަ (އެބަޔަކާއެކު ކޮށްފައިވާ معاهدةއެއް) އެބަޔަކުގެމައްޗަށް އަނބުރާ ރައްދުކުރައްވާށެވެ! ހަމަހަމަވާގޮތުގެ މަތިންނެވެ. ހަމަކަށަވަރުން، خيانةތެރިންދެކެ اللَّهލޯބިވެވޮޑިގެނެއް ނުވެތެވެ."

މި އާޔަތްތަކުގައި މިވަނީ ސިޔާސީ ގޮތުން ހަނގުރާމައިގެ ޙާލަތްތަކުގައްޔާއި ޞުލްޙައިގެ ވަގުތު ތަކުގައި ކަންތައް ކުރާނެ ގޮތް ބަޔާން ކުރައްވާފައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ވެވަޑައިގެންފައިވަނީ ދީނީ ކަންތައްތަކާއި ސިޔާސީ ކަންތައްތަކާއި އިޖްތިމާޢީ ކަންތައްތައް އަދި އެނޫންވެސް ކަންތައްތަކުގައި އިސްކޮޅު އުޅުއްވި ބޭކަލަކަށެވެ. ސިޔާސީ މައްސަލަ އެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލު ވެވިއްޖެނަމަ ތިޔައީ ސިޔާސީ މައްސަލަ އެކޭ ކިޔާ ދޫކޮށެއް ނުލައްވައެވެ. އަދިކިއެއްތަ، ސިޔާސީ ވާހަކަ ދައްކަވާ ހައްދަވައެވެ. އަބޫބަކުރު، ޢުމަރު، ޢުޘްމާން، ޢަލީވެސް ހަމައެފަދަ އެވެ. އެބޭފުޅުން މިހުރިހާ ކަމެއްގައިވެސް އުޅުއްވިއެވެ. ސިޔާސީ މީހަކު ދީނާއި ގުޅޭ ގޮތުން ރަގަޅު ވާހަކަ ދެއްކައިފިނަމަ، އެކަމާ އިންކާރެއް ނުކުރެވޭނެއެވެ. މެޑިކަލް ޑޮކްޓަރަކު ދީނުގެ ވާހަކަ ދެއްކުމަކުން އެކަމާ އިންކާރެއް ނުކުރެވޭނެއެވެ. އޭނާ ދެއްކި ވާހަކަ ޞައްޙަހާ ހިނދަކުއެވެ. އިންޖިނޭރަކުވެސް ދީނުގެ ޞައްޙަ މަޢްލޫމާތު ލިބިގެން ދީނީ ވާހަކަ ދައްކައިފިނަމަ އެކަމަކާ އިންކާރެއް ނުކުރެވޭނެއެވެ. ހަމައެފަދައިން ދީނީ ޢިލްމުވެރިޔަކުވެސް ރަގަޅު މަޢްލޫމާތު ލިބިހުރެ މެޑިކަލް މައްސަލަ އެއްގައި ވާހަކަ ދައްކައިފިނަމަ އެކަމަކީ ގޯސް ކަމެކޭ ނުބުނެވޭނެއެވެ. އަދި އިންޖިނޭރިންގް ގެ ކަމެއްގައިވެސް، ޞައްޙަ މަޢްލޫމާތު ލިބިގެން ވާހަކަ ދެއްކުމުން އެކަމާ އިންކާރެއް ނުކުރެވޭނެއެވެ. އަދި ސިޔާސީ ކަމެއްގައި ޞައްޙަ މަޢްލޫމާތުގެ އަލީގައި ވާހަކަ ދެއްކުމުން އެކަމާ އިންކާރެއް ނުކުރެވޭނެއެވެ.

ބައެއް މީހުން ބުނާ ގޮތުން ސިޔާސީ ވާހަކަ ދައްކަން ބޭނުން މީހުންގެ ކިބައިގާ އެކަމުގެ މަޢްލޫމާތު ވަރަށް ފުރިހަމަ އަށް ހަމަވެފައި ހުންނަން ޖެހެއެވެ. އެހެންކަމުން، ކޮންމެ ދުވަހަކުވެސް މަދުވެގެން ހަތަރު ފަސްގަޑި އިރު ވަންދެން ޓީވީ ކައިރީ ޚަބަރުތައް އަޑުއަހާ ދިރާސާ ކުރަން މަޑުކުރަން ޖެހެއެވެ. އަދި އެކި މުޙައްލިލުން ދައްކާވާހަކަ ތަކާއި، މީސްމީހުން ލިޔެފައި ހުންނަ ތަފާތު ރިޕޯޓްތައް ކިޔައި ހަދަން ޖެހެއެވެ. ޢިލްމުވެރިންގެ ބަހެއްގައިވެއެވެ. "އަލްޙުކްމު ޢަލައްޝައިއި ފަރްޢުން ޢަން ތަޞައްވުރިހީ" މާނައަކީ: "އެއްޗެއްގެ ތަޞައްވުރު ރަގަޅަށް އެގުމަކީ އެޔަށް ޙުކުމް ކަނޑައެޅުމުގެ ބަޔެކެވެ." އަޅުގަޑަކަށް ސިޔާސީ ކަންތަކުގެ ތެރެޔަށް ވަންނަން މާބޮޑު ވަގުތު ތަކެއް ނުލިބެއެވެ. ދުވާލަކު ބައިގަޑިއެއް ހާ އިރު ހަމައެކަނި ދުނިޔޭގެ ޚަބަރުތައް ބަލައިލަން ހޭދަ ކުރެވިދާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި އެކަލޭގެފާނުގެ ވަށައިގެން ކަން ހިނގާގޮތް ބައްލަވައެވެ. އެގޮތުން ޙަބަޝާގެ މަލިކެއްގެ ވާހަކަ ނުވަތަ ނަޖާޝީގެ ވާހަކަ ޞަޙާބީންނަށް ވިދާޅުވެދެއްވާ ހައްދަވައެވެ. މިއިން ދޭހަވަނީ އެކަލޭގެފާނުގެ ވަށައިގެން ކަންހިނގާ ގޮތް ބައްލަވާ ކަމެވެ."

(އައްޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޢަރީފީގެ ދަރުހެއްގެ ތަރުޖަމާއެއް)

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!