ބޮލީވުޑް

ރަންވީރު ބައްޕައަކަށް ވަނީތޯ ޔަގީން ކުރަން ޕަރިނީތީ ބޭނުންވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ދީޕިކާ ޕަޑުކޯންއާއި އޭނަގެ ފިރިމީހާ ރަންވީރް ސިންގްއަކީ އެތައް ބަޔަކަށް ވަރަށް މަގުބޫލު ޖޯޑެކެވެ.

Ads by STELCO

މީގެ 8 އަހަރު ކުރިން ސަންޖޭ ލީލާ ބަންސާލީ އުފެއްދި "ގަލިޔޯކީ ރަސްލީލާ- ރާމްލީލާ" ގެ ޝޫޓިންގް ތެރެއިން ލޯބީގެ ގޮތުން ގުޅުނު ދީޕިކާއާއި ރަންވީރް ކައިވެނި ކުރީ 2018ވަނަ އަހަރު އިޓަލީގައެވެ.

ކައިވެންޏަށް ފަހު އެކު އެކީގައި ފެންނަ އިރު ވެސް ވަރަށް ލޯބިން އުޅޭތަން ފެންނަ މި ދެ ތަރިންނާ ބެހޭގޮތުން އެކިއެކި ވާހަކަތަކާއި ސުވާލުތައް ވެސް ދުވަސްކޮޅު ކޮޅުން ފެންމަތިވަމުން ދެއެވެ. އެގޮތުން އެންމެ ގިނައިން މީހުން ކުރަމުންދާ އެއް ސުވާލަކީ، އެ ދެމަފިރިން އަލަތު ދަރިއަކު ހޯދަނީ ކޮން އިރަކުންތޯ، ނުވަތަ މިހާރު ދީޕިކާ އިނީ ބަލިވެތޯއެވެ.

ދާދި ފަހުން ވެސް ދީޕިކާއާއި ރަންވީރަށް މިވަނީ އެ ސުވާލާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް މިފަހަރު އެ ސުވާލު އެހީ އާންމު ރައްޔިތެއް، ނުވަތަ "ފޭނެއް" ނޫނެވެ. އެ ދެމަފިރިން ގާތު މިފަހަރު އެ ސުވާލު ކޮށްފައިވަނީ ބޮލީވުޑްގައި މިހާރު ފުންނާބު އުސް އެއް ތަރި ކަމަށްވާ ޕަރިނީތީ ޗޯޕްރާއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި، ޕަރިނީތީ ދާދި ފަހުން ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި "އާސްކް މީ އެނީތިންގް" ސެޝަނެއް ބާއްވައިފައެވެ. އޭގައި އޭނާ ގާތު ވަރަށް ގިނަ މީހުން އެކިއެކި ސުވާލު ކޮށްފައިވެއެވެ. އޭގެ ތެރެއިން އެކަކު ބުނެފައި ވަނީ ރަންވީރް ސިންގް ބައްޕައަކަށް ވަނީ ކަމަށެވެ. އެއަށް ޖަވާބު ދިނުމުގެ ގޮތުން ޕަރިނީތީ ވަނީ ރަންވީރް ޓެގް ކޮށްފައި، އޭނާ ބައްޕައަކަށް ވަނީތޯއާއި އެ ޚަބަރު ޔަގީން ކޮށްދޭން އެދިފައެވެ.

ޕަރިނީތީގެ އެ ސުވާލަށް ރަންވީރް އަދި ޖަވާބެއް ދީފައި ނުވިނަމަވެސް، މީސް މީޑިއާގައި ޕަރިނީތީގެ އެ ސުވާލު މިހާރު ދަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!