މަޑަވެލި- ހޯޑެއްދޫ ކޯޒްވޭ ނަގަން ހޯޑެއްދޫ ކައުންސިލުން އެދިއްޖެ
ގދ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅުވައިލަން ހަދައިފައިވާ ކޯޒްވޭގެ ސަބަބުން ހޯޑެއްދޫއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ އެ ކޯޒްވޭ ނެގުމަށް ހޯޑެއްދޫ ކައުންސިލުން ޕްލޭނިން މިނިސްޓްރީގައި އެދިއްޖެއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ވިދާޅުވީ މަޑަވެލި ހޯޑެއްދޫ ކޯޒްވޭގެ ސަބަބުން ހޯޑެއްދޫއަށް ގެއްލުންތަކެއް ވަމުންދާކަމަށާއި ކޯޒްވޭ ހަދައިފައި ވަނީ ކުރެހުމާއި ޑިޒައިނާ ހިލާފަށް ކަމަށެވެ.
"ދެން ހަދަން ފެށިއިރު ވެސް ދޭތެރެ ދޭތެރެއިން އުދައެރުމުގެ މައްސަލަތައް ދެން ކޯޒްވޭ ހަދާފައި އިން ޑިޒައިނެއްގެ ސަބަބުން ރާޅުއެރުުމުގެ މައްސަލަ ދިމާވަމުންދޭ. އަޅުގަނޑުމެން މިބަލަނީ ކޯޒްވޭ ހަދައިފައިވާ އީއައިއޭއާއި ދެން އޭރުގަ ޑިޒައިން ކޮށްފައި އިން ގޮތައްތޯ ކޯޒްވޭ ހަދާފައި އޮތީ. ދެން އަޅުގަނޑުމެން މަޖިލީހަށް ވެސް އެމައްސަލަ ލައިގެން މަޖިލީހުން އެމައްސަލަ ބެލިއިރުގައި މިއޮންނަނީ އީއައިއޭއާ ހިލާފަށް" ވާރިޝް ވިދާޅުވިއެވެ.
ވާރިޝް ވިދާޅުވީ އީއައިއޭއާ ހިލާފަށް ކޯޒްވޭ ހެދުމުގެ ސަބަބުން ހޯޑެއްދޫއަށް ރާޅުއެރުމުގެ ސަބަބުން ހޯޑެއްދޫ ބިމުގެ ގާތްގަނޑަކަށް 6.7 ހެކްޓަރުގެ ބިން މިހާރު ހަލާކުވެފައިވާ ކަމަށެވެ.
"ގިނަ ދުވަސްތަކެއްވެ ހޯޑެއްދޫއަށް ރާޅު އަރަމުން އަރަމުން ގޮސް ހަމަ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާޅު އަރާ ހޯޑެއްދޫގެ ބިމުގެ ގާތްގަނޑަކަށް 6.7 ހެކްޓަރުގެ ބިން މިވަނީ ހަލާކުވެގެން ގޮސްފައި އެބިމަކީ އެއީ ދަނޑުވެރިކަން ކުރުމަށާއި ދިރިއުޅުމަށް ގޯތި ގެދޮރު ދޫކުރުމަށް ކަނޑައަޅައިފައިވާ ބިމެއް." ވާރިޝް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުންނަށް ވާ ގެއްލުންތަކުން ރަށާއި ރައްޔިތުންގެ ރަައްކާތެރިކަން ކަށަވަރުކުރުމަކީ ކައުންސިލްގެ ޒިންމާއެއްކަމަށްވުމުން ކޯޒްވޭ ނެގުމަށް ޕްލޭނިން މިނިސްޓްރީގައި އެދުނީ ކަމަށެވެ. އަދި މީގެ ކުރިންވެސް މި ގެއްލުންތަކުގެ ވާހަކަ ސަރުކާރުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވީ ނަމަވެސް މައްސަލައަށް ހައްލެއް ނުލިބޭ ކަމަށެވެ. އެހެންކަމުން ކޯޒްވޭ ނަގައިދިނުމަށް ޕްލޭނިން މިނިސްޓްރީގައި އެދުނީ ކަމަށް ވާރިޝް ވިދާޅުވިއެވެ.