ޚަބަރު

ކަނޑިތީމުން ކޮވިޑް-19 ވޭދަނައެއް ފެނިއްޖެ، މޮނީޓަރިންއަށް ލާން އަދި ނުނިންމާ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ށ.ކަނޑިތީމު | ފޮޓޯ: ސޯޝަލް މީޑިއާ

ށ.ކަނޑިތީމުގައި ފުލޫ ކުލިނިކަށް ދެއްކި ކުޑަކުއްޖަކު ކޮވިޑް-19އަށް ފައްސިވެފައިވީ ނަމަވެސް އަދި އޮތީ އެ ރަށް މޮނިޓަރިންއަށް ނުލާގޮތަށް ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެފިއެވެ.

Ads by STELCO

"ދެން"އަށް މައުލޫމާތު ދެއްވަމުން ށ.ކަނޑިތީމު ސިއްޙީ މަރުކަޒުގެ ޕަބްލިކް ހެލްތު އޮފިޝަރ ޢާއިޝަތު ޢާލިމާ ވިދާޅުވީ ރަށުތެރޭގައި އާދަޔާ ހިލާފަށް ރޯގާ ގިނަ ވެފައިވާ ކަމަށާއި ކޮވިޑް-19ގެ އަލާމާތްތައް ފެންނަ މީހުން ވެސް ފުދޭ ވަރަކަށް ގިނައިން އެބަތިބި ކަމަށެވެ.

"ކޮވިޑް-19 ގެ އަލާމާތްތައް ވެސް އެބަތިބި ހަމަ ގިނަ މީހުންގެ. އެހެން ނަމަވެސް އެމީހުން ވެސް ހަމަ ނައްސިވަމުން މިއައީ. ދެން އިއްޔެ ނެގި 6 ސުންކުން 1 ސުންކު މިވަނީ ކޮވިޑަށް ފައްސިވެފަ. އެހެންވެ މިހާރު ކުރިއަށް ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް" ޢާލިމާ ވިދާޅުވިއެވެ.

ޢާލިމާ ވިދާޅުވީ ރަށުތެރޭގައި ރޯގާ ގިނަ ވުމުގެ ސަބަބުން ކޮންމެ ދުވަހަކު ވެސް އެ ރަށުން ސުންކުތައް ނަގަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑް-19ގެ ވޭދަނައެއް ފެނުނު ނަމަވެސް އަދި އޮތީ އެރަށް މޮނިޓަރިންއަށް ނުލާ ގޮތަށް ކަމަށެވެ.

"ކޮންޓެކްޓް ޓްރޭސިންގައި ނަގާ ސުންކުތަކުގެ ނަތީޖާއަށް ބަލައި ރަށުތެރޭގައި ބަލި ފެތުރިފައިވާ ކުޑަ ބޮޑު މިނަށް ބަލާފައި ދެން މޮނިޓަރިންއަށް ލާނީ ނުވަތަ އިތުރު ފިޔަވަޅުތައް އަޅާނީ ވެސް" ޢާލިމާ ވިދާޅުވިއެވެ.

ކޮވިޑް-19 މުޖުތަމައުއަށް ފެތުރި މީގެކުރިން ވެސް ކަނޑިތީމު ވަނީ މޮނިޓަރިންއަށް ލައިފައެވެ. މިދިޔަ މެއި މަހުގެ 11ވަނަ ދުވަހު ކޮވިޑް-19ގެ ވޭދަނަތަކެއް ފެނި އެ ރަށް މޮނިޓަރިންއަށް ލައިފައިވެއެވެ. އެ ފަހަރު އެ ރަށުން 128 މީހަކަށް ބަލި ޖެހުނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!