ޤާސިމް ފުރުސަތު ދެއްވަނީ ޒުވާން ޤާބިލް މީހުންނަށް، އާއިލީ މީހުންނަކަށް ނޫން: ރިޔާޒް ރަޝީދު
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަކީ އަބަދުވެސް ޒުވާނުންނަށް ފުރުސަތު ދެއްވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނު އަރިހުގައި ގެންގުޅުއްވަނީ ކިޔަވައިގެން ތިބި ޒުވާނުން ކަމަށް ޤާސިމް އިބްރާހީމްގެ އެޑްވައިޒަރު އަދި ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ދޮޅު އަރަހަށް ފަހު ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ރަޝީދު ވިދާޅުވީ، ޤާސިމް އިބްރާހިމަކީ ވަރަށް ޤައުމީ ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ، މި ރާއްޖޭގެ ހަމަޖެހުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށާއި މިރާއްޖެއަށް ބޭރު ފަރާތްތަކުގެ ނުފޫޒު އޮތުމަކީ އެމަނިކުފާނު އެދޭނެ ކަމެއް ނޫން ކަމަށެވެ. ޤާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވަމުން ރިޔާޒް ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ޒުވާނުންނަށް ފުރުސަތު އޮންނަ ޕާޓީއެއް ކަމަށެވެ. އަދި ޤާސިމަކީ އެއްވެސް ފުރުސަތެއްގައި އާއިލީ ބޭފުޅުންނަށް ދެއްވާ ބޭފުޅެއް ނޫން ކަމަށާއި ނަމަވެސް އިތުބާރު ކުރައްވާ މަގާމުތައް ދެއްވަނީ ޒުވާން އަދި ކިޔަވައިގެން ތިބި ޒުވާނުންނަށް ކަމަށެވެ.
"އެހެންވީމާ ޖުމްހޫރީ ޕާޓީއާ ގުޅޭ ބޭފުޅަކު އެ ބޭފުޅަކު ބޭނުންވާ މަޤާމަކަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑު. އެމަނިކުފާނުގެ އަރިހުގައި ތިއްބަވަނީ އެމަނިކުފާނުގެ އާއިލީ ބޭފުޅުންނެއް ނޫން. ބައްލަވާ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އެންމެ ކުޅަދާނަ ބޭފުޅުންގެ ގޮތުގައި ތިބީ ޖުމްހޫރީ ޕާޓީން އެ ކެބިނެޓަށް ފޮނުވި ވަޒީރުން. އެއީ ޤާސިމްއާ ތިމާގެ ބޭފުޅުންނެއް ނޫން. އެ ބޭފުޅުންގެ ތަޢުލީމާއި އެ ބޭފުޅުންގެ ޒުވާންކަން ޤަބޫލު ކުރައްވައިގެން އެ ބޭފުޅުންނަށް ފުރުސަތު ދިނީ" ރިޔާޒް ވިދާޅުވީ، އިތުބާރު ކުރައްވާ މަގާމުތައް ދެއްވާ ބޭފުޅުން އެންމެ މުހިންމު ވަގުތު ގާސިމްއާއި ޖުމްހޫރީ ޕާޓީ ދޫކޮށްލާ ކަމަށެވެ. އަދި ވިދާޅުވީ، ޤާސިމަކީ ތެދުވެރި ނޫން މީހުންނަށް ވަރަށް އިޚްލާސްތެރި ބޭފުޅެއް ކަމަށެވެ.
ރިޔާޒު ވަނީ މި ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެ ޕާޓީއަށް ހިދުމަތް ނުކުރެވޭނެ ބޭފުޅުން މަގާމު ދޫކޮށްލައްވާ ޖުމްހޫރީ ޕާޓީއަށް ހިދުމަތް ކުރަމުންދާ ބޭފުޅުންނަށް ފުރުސަތު ދެއްވުމަށް ވެސް ގޮވައިލައްވާފައެވެ.
"މި ޕާޓީގެ ސްލޮޓްތަކުގައި ތިއްބެވި ބޭބޭފުޅުން އަމިއްލައަށް އެ ބޭބޭފުޅުން ވިސްނަވާފަ، އެ ބޭބޭފުޅުންނަށް މި ޕާޓީއަށް ޚިދުމަތްކޮށް ނުދެވޭ ކަމަށް ވެއްޖިއްޔާ އެންމެ ރަނގަޅު ގޮތަކަށް ވާނީ ލީޑަރަށް ދަންނަވާފަ. އެހެން ފަރާތަކަށް ޖެހިފައި އެ ސްލޮޓް މި ޕާޓީއަށް ޚިދުމަތް ކުރާ ކޮންމެވެސް ބޭފުޅަކަށް ދިނުމަށް ފަހުގައި މި ޕާޓީ ކުރިއަރުވަން ފުރުސަތު ދިނުން" ރިޔާޒް ވިދާޅުވީ މި ވާހަކަ ޤާސިމް އިބްރާހީމް ވިދާޅު ނުވާނެ ކަމަށެވެ.
ރިޔާޒް ވިދާޅުވީ، ޤާސިމަށް އޭނާ ތާޢީދު ކުރައްވަނީ މި ޤައުމަށް އެމަނިކުފާނު ގެނެސްދީފައި ހުރި ކުރި އެރުމާއި އަދި ޤައުމު މިއަދު މިދެކޭ މިނިވަންކަމުގައި އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި ރިޔާޒްގެ ސިޔާސީ މަސައްކަތް ފެށީ ވެސް ޤާސިމް އިބްރާހީމްއާ އެކުގައި ކަމަށާއި އިރާދަ ކުރެއްވިއްޔާ ސިޔާސީ ޙަޔާތް ނިންމާނީ ވެސް ޤާސިމް އިބްރާހީމްއާ އެކު ކަމަށް ރިޔާޒް ވިދާޅުވިއެވެ.