ހަގީގީ ހާދިސާ

ހަގީގީ ހާދިސާ: އާދަޔާ ހިލާފު ނުބައި ވަހެއް ދުވި މަރުވެފައިވާ ހަށިގަނޑެއްގެ ވާހަކަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ ކަށުކަމާކެމީގެ މަސައްކަތް ކުރަމުންދާ ތުރުކީ މީހަކު ކިޔައިދީފައިވާ ވާހަކައެކެވެ.

Ads by MWSC

"އަހަންނަކީ މަރުވެފައިވާ ފިރިހެނުންގެ ހަށިގަނޑު ދޮވެ ހިނެވުމުގެ މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އެކަމުގައި އަހަންނާއެކު އިތުރު ތިން މީހަކު ވެސް ބައިވެރިވިއެވެ.

އެގޮތުން އެއްދުވަހަކު ގެނައި ހަށިގަނޑެއްގެ ވާހަކައެވެ.

ހަށިގަނޑު ބާއްވައިފައި އޮތް ކޮޓަރި ތެރެއަށް އަހަރެން ވަންއިރު ފެނުނީ އެ މީހާގެ އާއިލާ މީހުން ރޯ މަންޒަރެވެ. އެމީހާގެ ހަށިގަނޑު އެއިރު އޮތީ ސަންދޯކެއް ކަހަލަ ދިގު ފޮއްޓަކަށް ލައިފައެވެ.

ހިނެވުމުގެ މަސައްކަތް ފެއްޓުމަށް ޓަކައި ކޮޓަރިން ބޭރަށް ނުކުތުމަށް އަހަރެން އެ އާއިލާ ގާތު އެދުނީމެވެ. އެމީހުން ބޭރަށް ދިޔުމުން އަހަންނާއި ދެން ތިބި ތިން މީހުން، މަރުވެފައިވާ އެ މީހާގެ ހަށިގަނޑު ހިނެވުމަށް ތައްޔާރުވާން ފެއްޓީމެވެ.

އެެއްކޮށް ތައްޔާރުވެ ނިމުމުން އެހަށިގަނޑު ހިނެވުމަށް ޓަކައި ފޮށީގެ މަތިގަނޑު ހުޅުވައިލީމެވެ. އެވަގުތު އެ ފޮށީ ތެރެއިން ދުވީ އޭގެ ކުރިން ދުވަހަކު ވެސް އަހަރެންގެ ނޭފަތުގައި ޖެހިފައި ނުވާ ފަދަ ނުބައި ވަހެކެވެ. އޭނާ މަރުވިތާ ގިނަ ވަގުތުތަކެއް ނުވި ކަމުގައި ވިޔަސް، ދުވަން ފެށި ވަހުން ހީވަނީ އޭނާ މަރުވެގެން ވަރަށް ގިނަ ދުވަސް ވެފައިވާހެންނެވެ.

އަހަންނާ އެކު ދެން ތިބި ތިން މީހުން ގާތު އޭނާގެ ހަށިގަނޑު ފޮށީ ތެރެއިން ނަގައި، އެތަނުގައި ހުރި ދިގު މޭޒު މަތީގައި ބޭއްވުމަށް ބުނެ އަހަރެން ދިޔައީ އޭނާ ހިނެވުމަށް ފެން ބަލައެވެ.

އެވަގުތު އެތަނުގައި އާދަޔާ ޚިލާފު އެހެން ކަމެއް ވެސް ވިއެވެ. އެމީހާގެ ހަށިގަނޑު ބަރުކަމުން އެމީހުންނަށް އެހަށިގަނޑެއް ނުނެގުނެވެ. އަހަރެން ހައިރާންވިއެވެ. މަރުވެފައިވާ މީހާއަކީ ވަރަށް ހިކިކޮށް ހުރި މީހެކެވެ. އެހެން ކަމުން އޭނާ އެހާ ބަރުވާންވީ ކީއްވެބާއޭ އަހަރެން ހިތަށް އެރިއެވެ. އެމީހާއަށް ވުރެ ހަށިގަނޑުން މާބިޔަ މީހުން ވެސް އަހަރުމެން ވަނީ އެއްވެސް އުނދަގުލަކާ ނުލައި ނަގައިގެން ހިނަވައިފައި ވިއްޔާއެވެ.

އިތުރު މީހުންގެ އެހީއާ އެކު އަހަރުމެން އެހަ ށިގަނޑު ނަގައި މޭޒުމަތީގައި ބޭއްވީމެވެ. އަދި ހިނެވުމުގެ މަސައްކަތް ފެށީމެވެ.

އޭނާގެ ގައިގެ ހަންގަނޑު ފެނިފައި އަހަންނަށް އަނެއްކާ ވެސް އެހެން ކަމެއް ފާހަގަވިއެވެ. އޭނާއަކީ ގައިގެ ހަމުގެ ކުލަ ދޮން މީހެކެވެ. ނަމަވެސް އޭނާގެ މޫނުމަތި ހުރީ ވަރަށް ބޮޑަށް އަނދިރި ކޮށެވެ. އެއީ ކީއްވެބާއޭ އަހަރެން ހިތަށް އެރިއެވެ. އެ ހަށިގަނޑުން ދުވި ނުބައި ވަހާއި އާދަޔާ ޚިލާފަށް ބަރުވުމުގެ އިތުރުން އޭނާގެ މޫނުމަތި އަނދިރިވެފައި ހުރުމުން އަހަންނާއި އަހަންނާ އެކު މަސައްކަތް ކުރި މީހުން ވެސް ހައިރާންވިއެވެ.

ހިނަވާ ނިމުމުން އޭގެން އެކަކު އަަހަރެން ކައިރިއަށް އައިސް ސުވާލު ކުރިއެވެ.
'އެއީ ކިހިނެއްވެފައިވާ ހަށިގަނޑެއް ހެއްޔެވެ؟' ޖަވާބުގައި އަހަރެން ބުނީ އަހަންނަށް ވެސް ނޭނގޭ ކަމަށެވެ.

ހިނަވާ ނިމިގެން އެކޮޓަރިން ނުކުތްއިރު އަހަންނަށް އެމީހާގެ އާއިލާ މީހުން އެތަނުގައި މަޑުކޮށްގެން ތިބިތަން ފެނުނެވެ. އެމީހާގެ ހަށިގަނޑުގެ އަޖައިބުކަމާއި އެމީހާ ދުނިޔޭގައި އުޅުނު ގޮތާ ބެހޭ ގޮތުން އަހަރެން އޮޅުން ފިލުވަން ބޭނުންވިއެވެ. އެހެންކަމުން އޭގެން އެކަކު ގާތު އަހަރެން އެ ވާހަކަ އެހީމެވެ. އޭނާގެ އާއިލާ މީހާ ދިން ޖަވާބު އަހަރެންގެ ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެއެވެ.

އާއިލާ މީހާ ބުންޏެވެ. އެ ފިރިހެން މީހާ ދުވަހަކު ވެސް ނަމާދެއް ނުކުރެއެވެ."

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!