ފަރެސްމާތޮޑާއިން ކޮވިޑް-19ގެ ވޭދަނައެއް ފެނިއްޖެ
ގދ. ފަރެސްމާތޮޑާއިން ކޮވިޑް-19ގެ ވޭދަނައެއް ފެނިއްޖެއެވެ.
އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ތެރެއިން ސުންކެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަމާ ގުޅިގެން "ދެން"އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒް ވިދާޅުވީ އެރަށުން ކޮވިޑް-19 ވޭދަނައެއް ފެނިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައުލޫމާތު ލިބުނީ މީގެ ގަޑިއެއް ހާއިރު ކުރިންކަމުން އަދި އެއްޗެއް ދަންނަވަން ތަންކޮޅެއް އަވަސްކަމަށެވެ.
"ސާމްޕަލެއް ފައްސިވެގެން އުޅޭ ކަމުގެ މައުލޫމާތެއް ލިބިފައިވަނީ އެހެންނަމަވެސް އަދި ސިއްހީ މަރުކަޒުން އަޅުގަނޑުމެންނަކަށް އެއްޗެއް ނާންގައި. އަދި މޮނިޓަރިންއަކަށް ވެސް ނުލާ. މީގެ ގަޑިއެއްހާއިރު ކުރިން އަޅުގަނޑަށް މި މައުލޫމާތު ލިބުނީ ވެސް އެހެންވީމަ އަދި ތަންކޮޅެއް އަވަސްކަންނޭނގެ އެއްޗެއް ދަންނަވަން" އިމްތިޔާޒް ވިދާޅުވިއެވެ.
ފަރެސްމާތޮޑާ ސިއްހީ މަރުކަޒުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވާގޮތުގައި އެރަށުން ފެނުނު ކޮވިޑް-19 ގެ ވޭދަނައާ ގުޅިގެން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް އެމަރުކަޒުން މިހާރު ކުރިއަށް ގެންދާކަމަށެވެ.
ކޮވިޑް-19ގެ ވޭދަނަތައް ފެނި މޮނިޓަރިންއަށް ލައިފައިވާ ރަށްތަައް މިފަހަކަށް އައިސް ގިނަވަމުންދާއިރު ކޮވިޑަށް ފަައްސިވާ މީހުންގެ ޖުމްލަ ވެސް ދުވަހެއް ދުވަހަކަށް ދަނީ ގިނަ ވަމުންނެވެ.