ފޭދޫގައި ފާނަބަސަންދު ފެތުރޭތީ ސަމާލުވާން އަންގައިފި
ށ. ފޭދޫގައި ފާނަބަސަންދު ފެތުރޭތީ ސަމާލުވާން އަންގައިފިއެވެ.
ފޭދޫ ހެލްތު ސެންޓަރުން ބުނީ އެ މަރުކަޒުގެ އޯޕީޑީއަށް ދައްކަމުންދާ ބަލިމީހުންގެ ރެކޯޑްތަކަށް ބަލާއިރު ވޭތުވެދިޔަ ދެ ހަފްތާތެރޭ ފާނަބަސަންދު ޖެހިގެން 2 މީހަކު މި މަރުކަޒަށް ދައްކާފައިވާކަމަށެވެ.
މި ބައްޔަކީ ވައިރަސްއެއްގެ ސަބަބުން ޖެހޭ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. ފާނަ ބަސަންދު ޖެހިފައިވާ މީހަކު ކެއްސައި ކިނބިހިއެޅުމުގެ ތެރޭގައި، ވައިގެ ތެރެއަށް ވައިރަސްތައް ބޭރުވެގެން ދެއެވެ. އަދި ނޭވާލުމުގެ ޒަރީޢާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް އެ ވައިރަސް ވާޞިލްވެއްޖެ ނަމަ، އެމީހަކަށް ބަލިޖައްސުވައެވެ. ފާނަ ބަސަންދު ޖައްސާ ވައިރަސް އިން އަތް ތަޣައްޔަރުވެފައި ހުއްޓައި، އެއަތް ނުދޮވެ، އަނގަ، ލޯ، އަދި ނޭފަތުގައި ޖައްސައިފިނަމަ ވެސް ފާނަ ބަސަންދު ޖެހިދާނެ އެވެ. މީގެ އިތުރުން ފާނަ ބަސަންދާއި ގުޅިގެން ނަގާފޮޅުތައް ފެޅި އެއިން ބޭރުވާ ދިޔައިގައި، ނުވަތަ ފެޅުމުން އުފެދޭ ފާރުކޮޅުގައި ބީހުމަކީ ވެސް ސަލާމަތުން ހުރި މީހާއަށް ފާނަ ބަސަންދު ޖައްސުވާ ކަމަށާއި މިފަދަ ބަލި މީހުން އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމާއި އާމުންގެ ތެރޭ ނުކުމެ އުޅުމަކީ އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ބަލި ފެތުރުމަށް މަގުފަހިވެގެންދާނެކަމެއް ކަމަށް ހެލްތު ސެންޓަރުން މަޢުލޫމާތުދެއެެވެ.
ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ބޮލުގައި ރިއްސުން، ބޯއެނބުރުން، ވަރުބަލިވުން، ކަރުތެރެ ފާރުވެ، ހަލާކުވުން، އަދި ކާހިތް ނުވުން ފަދަ އަލާމާތްތައް ހިމެނެއެވެ. ވައިރަސް ހަށިގަނޑަށް ވަނުމަށް ފަހު މިއުދަނގޫތައް މެދުވެރިވުމަށް 16-12 ދުވަހާ ދެމެދުގެ މުއްދަތެއް ނަގައެވެ.
ފޭދޫ ހެލްތު ސެންޓަރުން ބުނީ މިފަދަ އަލާމާތްތަކެއް ފެންނަ ނަމަ ޑޮކްޓަރަށްދައްކާ ކަންތައްތައް ކުރައްވީގޮތް އޮޅުން ފިލުވަން ވާނެ ކަމަށެވެ. އަދި އާއްމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ޓަކައި މިފަދަ ބަލި މީހުން އެއްރަށުން އަނެއް ރަށަށް ނުދިއުމަށާއި އާމުންގެތެރޭ ނުކުމެ ނޫޅެ އެކަހެރިވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން، ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން، ބަލިވެއްޖެ ނަމަ ގޭގައި މަޑުކުރުން، ބަލިމީހާ އެހެން މީހުންނާއި ވަކިން ގެންގުޅުމާއި، ބަލިމީހާ ބޭނުންކުރާ ތަކެތީގައި ވީވަރަކުން އަތްނުލުމާއި އެތަކެތި ކޮންމެ ދުވަހަކު ދޮވެ ސާފުކުރުން އަދި ގިނަގިނައިން އަތްދޮވުން ހިމެނެއެވެ.