ނޮޅިވަރަމްގައި ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް، މަރުކަޒުގައި ސިއްޙީ ހިދުމަތްތެރީން ވެސް މަދު!
ހދ. ނޮޅިވަރަމްގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ މުޙައްމަދު މުޞްޠަފާ (މުމުހު) ވިދާޅުވީ 28 އޮގަސްޓުން ފެށިގެން 4 ސެޕްޓެންބަރަށް އެއް ހަފްތާވެގެން ދިޔައިރު އެ ރަށުގެ ކޮވިޑުގެ ހާލަތު އަދިވެސް ރަނގަޅު ނުވާ ކަމަށެވެ.
"ސިއްހީ މަރުކަޒުގައި ހަރަކާތްތެރިވާ މަދު މުވައްޒަފުންކޮޅު ބަލިކަށިވެ ނުވެއްޓެނީސް ސަރުކާރުން ވަގުތީ ގޮތުން ނަމަވެސް ނޮޅިވަރަމް ސިއްހީ މަރުކަޒަށް ކޮންމެވެސް ދިމާލަކުން އިތުރު ނަރުހުން ލިބޭނޭ ގޮތެއް ހަމަޖައްސައިދެއްވުމަކީ މިހާރުން މިހާރަށް ވެސް ކުރެވިދާނެ އަދި ކޮށްދޭންޖެހޭ ކަމެއްކަމުގައި ދެކެން." މުމުހު ވިދާޅުވިއެވެ.
މީގެ އިތުރުން މުމުހު ވިދާޅުވީ، ނޮޅިވަރަމް ސިއްހީ މަރުކަޒުގެ އެމްބިއުލާންސް ހަލާކުވެ ހިދުމަތް ނުދެވޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބަލިމީހާ އުފުލަން ޖެހިފައި ވަނީ ރައްޔިތު މީހާގެ ޕިކަޕް އަދި ސައިކަލްތަކުގައި ކަމަށެވެ. އަދި ހަފްތާއެއް ވީއިރު ވެސް މިކަމަށް އެއްވެސް ހައްލެއް ސަރުކާރަށް ހޯދައިދެވިފައި ނުވަނީ އެރަށަކީ "ދިވެހިރާއްޖޭގެ ބަނޑުން އުފަންވި ދަރިއަކަށް ނުވާތީތޯ" ވެސް ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ މުމުހު އަސަރާއެކު ސުވާލު ކުރެއްވެވިއެވެ.
"ސިއްހީ މަރުކަޒުގައި ތިބި މަދު މުވައްޒަފުންކޮޅު އަބަދުވެސް ތިބެން ޖެހިފައި މިވަނީ ކުއްލި ހާލަތުގައި. އެންމެ ޓްރާންސްލޭޓަރަކާއި އެއް ރިސެޕްޝަނިސްޓް ހުރި މި މަރުކަޒުގެ އެއް މުވައްޒަފަކު މިވަގުތު ވެސް ކޮވިޑު 19އަށް ވަނީ ފައްސިވެފައި. މަރުކަޒުގެ މުވައްޒަފުން ކޮވިޑު ސުންކުތައް ނެގުމަށް ދަތުރުކުރަމުންދަނީ މުވައްޒަފުންގެ އަމިއްލަ ސައިކަލްތަކުގަ އަމިއްލަ ޖީބުން ޕެޓްރޯލަށް ހަރަދު ކޮށްގެން. މިކަމުގެ ވަގުތީ ހައްލަކަށް ތިން ފުރޮޅުލީ ރަށު ޕިކަޕެއްގެ މިންވަރު ވެސް ކަމާގުޅުން ހުރި ފަރާތްތަކަށް ފޯރުކޮށްދެވެން ނެތީތޯ އަޅުގަނޑުގެ ހިތާހިތާ ސުވާލު ކޮށްލެވޭ." މުމުހު ވިދާޅުވިއެވެ.
ނޮޅިވަރަމްގެ ކޮވިޑް-19ގެ ހާލަތާ ގުޅިގެން މުމުހު އިތުރަށް ވިދާޅުވީ، މި ބައްޔަށް ގިނަ އަދަދެއްގެ ކުޑަކުދިން ފައްސި ވެފައިވާއިރު ތެލަސީމިއާ ކުދިންނާއި އުމުރުން ދުވަސްވީ ފަރާތްތައް ވެސް މިބަލީގެ ޝިކާރައަކަށް މިވަގުތު ވެފައިވާ ކަމަށެވެ.
މީގެ އިތުރުން މުމުހު ވިދާޅުވީ ނޮޅިވަރަމް ކައުންސިލާ ސިއްހީ މަރުކަޒާއި ނޮޅިވަރަމް ޕޮލިސް މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސާބިތުވެ ތިބިކަމަށެވެ. ނަމަވެސް ހދ އަތޮޅުގެ އެންމެ ބޮޑު އާބާދީ އޮތް ނޮޅިވަރަމް ޕޮލިސް ސްޓޭޝަނުގައި ތިއްބެވީ އެންމެ ފަސް މުވައްޒަފުންނެވެ. ފުލުހުންގެ ތެރެއިން އެއް ބޭފުޅަކު މިހާތަނަށް ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް މެދުކެނޑުމެއް ނެތި ހިދުމަތް ދިނުމަށް ޓަކައި މިހިނދުން މިހިނދަށް ވެސް އިތުރު މުވައްޒަފުން ފުލުހުންގެ އިދާރާއަށް ބޭނުންވާ ކަމަށް މުމުހު ވިދާޅުވިއެވެ.
" މިހާލަތުގައި ރަށުގެ ރައްޔިތުން މިވަނީ ގޭބަންދުގައި ތިބެން ޖެހިފަ. އެކިއެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ މަސައްކަތްތައް ހުއްޓި އާމްދަނީ ލިބުން މިވަނީ މެދުކެނޑިފަ. ނޮޅިވަރަމުގެ ރައްޔިތުން އެދެމުން ދަނީ ސަރުކާރާއި ސަރުކާރުގެ ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކުން ނޮޅިވަރަމްގެ ހާލަތު ކައިރިން ބަލާ މި ނުރައްކާތެރި ބިރުވެރި ހާލަތުން އަރައިގަތުމަށް ޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކޮށްދިނުމަށާއި ބޭނުންވާ ހުރިހާ ވަސީލަތެއް ވަގުތުން ވަގުތަށް ފޯރުކޮށްދިނުން." މުމުހު ވިދާޅުވިއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު 7 މީހުން ފައްސިވި ނޮޅިވަރަމްގައި މިހާތަނަށް 156 މީހުން ކުޑަކުދިންނާ އެކު އެކި އުމުރުފުރާގެ މީހުން މިބަލީގެ ޝިކާރައަކަށް ވެފައިވާ ކަމަށާއި މިހާތަނަށް އެއްވެސް ބޭފުޅަކު ބަލިން ރަނގަޅުވެފައެއް ނެތް ކަން ވެސް އެކު މުމުހު ފާހަގަ ކުރެއްވިއެވެ.
ނޮޅިވަރަމްއިން ކޮވިޑް-19އަށް ޓެސްޓު ކުރަން މިހާތަނަށް 620 ސުންކު ނެގިފައިވެއެވެ. އަދި 10 އަހަރުން ދަށުގެ 50އިން މަތީ އަދަދަކަށް ކުޑަކުދިން މިހާތަނަށް ކޮވިޑަށް ފައްސިވެފައިވާއިރު 10 އަހަރުން މަތީގެ 95 މީހުނަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މީގެ ތެރޭގައި މާބަނޑު މީހަކާއި 10 އަހަރުން މަތީގެ ހައިރިސްކު 12 މީހުން ހިމެނެއެވެ.
އެ ރަށުގައި ދިރިއުޅޭ އާބާދީގެ 90 އިންސައްތައަށް ވުރެ މަތިން މީހުން ވަނީ ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައެވެ.
ނޮޅިވަރަމްގައި ކޮވިޑު ޖެހި ހާލުދެރަވެގެން ށ.ފުނަދޫ ކޮވިޑް ފެސިލީޓީއަށް މިހާތަނަށް އެކަކު ބަދަލު ކުރެވިފައިވެއެވެ. ްއަދި 300އަށްވުރެ ގިނަ ގޭބިސީ ހިމެނޭ ނޮޅިވަރަމްގެ 107 ގެ މިވަގުތު ހުރީ މޮނިޓަރިންއަށް ލައިފައެވެ. ހަވީރު 6:00އިން ހެނދުނު 6:00އަށް އެ ރަށުގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ.