ޚަބަރު އިޖުތިމާޢީ

ނޮޅިވަރަމްގެ ކޮވިޑް ހާލަތު އަދިވެސް ދެރަ: އެކަށީގެންވާ ޚިދުމަތްތައް ވެސް ނުލިބޭ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ ނޮޅިވަރަމް ކައުންސިލް

ކޮވިޑް-19ގެ ވޭދަނަތައް އިތުރުވެ ހދ.ނޮޅިވަރަމުގެ ހާލަތު ގޯހުން ގޯހަށްދާއިރު އެކަށޭނެ ހިދުމަތްތައް ލިބެން ނެތްކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ނޮޅިވަރަމް ކައުންސިލުގެ މީޑީއާ ކޯޑިނޭޓަރ މުޙައްމަދު މުޞްޠަފާ (މުމުހު) "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުގެ ހާލަތު ރަނގަޅު ނޫންކަމަށާއި ރަށުން އެކަށޭނެ ހިދުމަތްތައް ލިބެން ވެސް ނެތް ކަމަށެވެ.

"6 ސެޕްޓެމްބަރ 2021 ގައި ހދ ނޮޅިވަރަމް ކޮވިޑް ޓާސްކްފޯސްއިން ބޭއްވި ބައްދަލުވުމުން ނޮޅިވަރަމްގެ މިހާރުގެ ހާލަތަށް ބަލައި ކާފިއުގެ ވަގުތު 7 ސެޕްޓެމްބަރ 2021ން ފެށިގެން ހަވީރު ހަތަރަކުން ހެނދުނު ހަޔަކަށް ވަނީ އިތުރު ކުރެވިފަ.ހދ އަތޮޅުގެ އެއްވަނަ އާބާދީ އޮންނަ ނޮޅިވަރަމްގެ ސިއްޙީ މަރުކަޒުގެ ޙާލަތު އިންސާނީ ވަސީލަތާ އެހެނިހެން ތަކެތީގެ ގޮތުންވެސް ވަރަށް ދަށު ދަރަޖައިގަ ހުރިކަން ފާހަގަ ކުރެވޭ." މުމުހު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ފެށުނީއްސުރެ މިއަދާ ހަމަޔަށް ނޮޅިވަރަމް ސިއްހީ މަރުކަޒުގައި ތިބީ އެންމެ ޓްރާންސްލޭޓަރަކާއި އެންމެ ރިސިޕްޝަނިސްޓެއް ކަމަށާއި ކޮމިޔުނިޓީ ހެލްތު އޮފިސަރުންގެ 2 ޕޯސްޓު ހުސްކޮށް އޮވެ އެވަޒީފާތަކަށް ވެސް މީހުން ނެގުމުގެ ހުއްދަ އަދި މިހާތަނަށް ލިބިފައި ނުވާކަމީ ހިތާމަހުރިކަމެއް ކަމަށެވެ.

"މިފަދަ ބޮޑު އާބާދީއަކަށް އަމުދުން މިފަދަ ބޮޑު ބަލިމަޑުކަމެއްގެ ކަނޑުގައި ނޮޅިވަރަމްގެ ރައްޔިތުން ފަތަމުން ދާއިރު މިއީ މިރަށަށް ހައްގު މިންވަރުތޯ ރައްޔިތުންގެ ތެރެއިން ސުވާލު އުފައްދާކަން ފާހަގަކުރަން. ކޮވިޑު ބަލީގެ ރިހުމާ ވޭނުން ނޮޅިވަރަމު ރައްޔިތުންގެ ލޮލުން މެދުނުކެނޑި ކަރުނަ އޮހޮރެމުންދާތާ ގިނަ ދުވަސްތަކެއް މިވަނީ ވެފަ." އޭނާ ވިދާޅުވިއެވެ.

ނޮޅިވަރަމް ސިއްހީ މަރުކަޒުގެ 3 މުވައްޒަފުން މީގެ ކުރިން ކޮވިޑު ބަލީގެ ޝިކާރައަކަށް ވަނީ ވެފައެވެ. މިހާތަނަށް ޖުމްލަ 855 އަށް ވުރެ ގިނަ ސުންކު އެ ރަށުން ނެގިފައި ވެއެވެ. އޭގެ ތެރެއިން 216 ސުންކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!