ރާއްޖެއަަށް އެތެރެ ކުރުން ދަތިވެ، މާލޭ ބާޒާރުން އޮރެންޖު ހުސްވަނީ

އާންމުކޮށް ރާއްޖެއަށް ކުރާ މިސްރު އޮރެންޖު، އެތެރެ ކުރުމުގައި ދަތިތަކަކާ ކުރިމަތިވެ، މާލޭ ބާޒާރުން އޮރެންޖު ހުސްވާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
އެނގިފައިވާ ގޮތުގައި މާލޭގެ ބާޒާރުމަތީގެ ފިހާރަތަކާއި އެހެން ފިހާރަތަކުން ވެސް އޮރެންޖު ލިބެން ހުރީ ވަރަށް މަދުންނެވެ.
ބާޒާރުމަތީގެ ފިހާރައެއް ހިންގާ މީހަކު ބުނި ގޮތުގައި ބާޒާރުގައި އޮރެންޖު ލިބުމަށް ދަތިވެފައިވާތާ ހަފްތާއެއް ވެއްޖެއެވެ. އެހެންކަމުން މިހާރު ހުރި އޮރެންޖުކޮޅު ވެސް ވިއްކަނީ އަގުބޮޑުކޮށް ކަމަށް ވެސް އެ މީހާ ބުންޏެވެ.
އާންމުކޮށް އޮރެންޖެއް 5 ރުފިޔާއަށް 6 ރުފިޔާއަށް ހުރި ކަމުގައި ވިޔަސް މިހާރު އެންމެ ކުޑަކޮށް ވެސް އޮރެންޖެއް ގިނަ ތަންތަނުން ލިބެން ހުރީ 8 ރުފިޔާއަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބައެއް ފިހާރަތަކުގައި 10 ރުފިޔާއަށް ވެސް އޮރެންޖެއް ވިއްކައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބާޒާރުން އޮރެންޖް ހުސްވީ މިސްރުން އޮރެންޖް ލިބުމުގައި ދަތިތަކެއް އުޅޭތީއެވެ. އޭނާ ބުނިގޮތުގައި މިހާރު އޮރެންޖް ގެންނަނީ ހަމައެކަނި ދެކުނު އެފްރިކާއިންނެވެ.