ސީއައިޓީއެމްއިން ފޯކައިދޫގައި ފެށި ކޯސްތައް ކުރިއަށް ނުގޮސް "ވާނުވާ" ނޭނގިފައި

ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމެންޓް (ސީއައިޓީއެމް)ގެ ފަރާތުން ށ،ފޯކައިދޫގައި 1 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޯސްތަކަށް ވީނުވީ ނޭނގި ހުއްޓިފައިވާކަމަށް ބުނެ އެކޯހުގައި ބައިވެރިވި ދަރިވަރުންގެ ޝަކުވާތައް އިތުރުވެއްޖެއެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް "ދެން" އަށް މައުލޫމާތު ދެމުން ކޯހުގައި ބައިވެރިވި ދަރިވަރަކު ބުނީ ފޯކައިދޫގައި ސީއައިޓީއެމްއިން ފެށި ސެޓްފިކެޓް 4 އިން އިންފޮމޭޝަން ޓެކްނޮލޮޖީ ކޯސް 2020ވަނަ އަހަރު ފަށައިފައިވާ ކަމަށާއި 8 މަސްދުވަހު ކިޔަވައިދީފައި ކޯސް މެދު ކަނޑައިލައިފައިވާކަމަށެވެ. އަދި ނުނިމި 3 ނުވަތަ 4 މޮޑިއުލްސް އޮތްއިރު 8 މަސްވަންދެންް ކޮންމެ މަހަކު 1000 ރުފިޔާވެސް ކޯހަށް ދައްކައިފައި ވާނެކަމަށެވެ.
"އަޅުގަނޑުމެން ކޯސް ފަށައިފައި 8 މަސްދުވަހު ކިޔަވައި ދީފައި ދެން ހުއްޓައިލާފައި ހަބަރެއް ނުވި. 8 މަހު ކޮންމެ މަހަކު 1000 ރުފިޔާ ދެއްކިން އެކި ދުވަސްވަރު އެކި ބަހަނާ މިދައްކަނީ. ތަނުގެ ދަތިކަން ހުރީއޭ ޓީޗަރެއް ނުވީއޭ. އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި އެންމެ ފުރަތަމަ ކިޔަވައިދިން ތަނަށް ފީނުދައްކައި ކިޔަވައި ދިން މީހާއަށް މުސާރަ ނުދީ. ޑިޕްލޮމާ އިން ބިޒްނަސް ކޯސް ވެސް ވަކި ހިސާބަކަށް ކިޔަވައިދީފައި ހުއްޓާލި މިކަހަލަ މައްސަލަތަކެއް ހުރީ." ސީއައިޓީއެމްއިން ފޯކައިދޫގައި ހިންގަން ފެށި ކޯހެއްގެ ދަރިވަރަކު ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ސީއައިޓީއެމްގެ ޗެއަރމަން މުހައްމަދު ތޮލާލް "ދެން"އަށް ވިދާޅުވީ ކޯހުގެ ކަންކަން ވާނުވާ ނޭނގި ނޯންނާނެކަމުގެ ސަތޭކަ ޕަސަންޓް ޔަގީންކަން އެބައޮތް ކަމަށާއި މިވަގުތު ވެސް ފޯކައިދޫގައި ކިޔަވައިދޭން ފޮނުވި ޓީޗަރު އެބަ ހުންނެވި ކަމަށެވެ.
"މިހާރު ވެސް ފޯކައިދޫގައި ކަރަންޓީނުގައި ހުންނާނެ އަޅުގަނޑުމެން ފޮނުވި ޓީޗަރު. ކައުންސިލްއަށް ގުޅުއްވާ ޔަގީންކުރައްވާ. ކޯސްތަކުގައި ވާނުވާ ނޭނގިއެއް ނުހުންނާނެ. ގުޅީމަ ފޯނު ވެސް ނަގަން ބަރާބަރަށް ބެލެނިވެރިންނާއި ދަރިވަރުންނަށް ކޯހުގެ ކަންތައް ވާނުވާ ނޭނގި ނުހުންނާނެ" ތޮލާލް ވިދާޅުވިއެވެ.
އެހެން ނަމަވެސް ތޮލާލްގެ ވާހަކަތައް ފޯކައިދޫ ކައުންސިލުން ވަނީ ދޮގުކުރައްވައިފައެވެ. "ދެން"އަށް މައުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސަލީމް ވިދާޅުވީ ސީއައިޓީއެމްއިން ފޮނުވައިފައިވާ ޓީޗަރެއް ފޯކައިދޫގައި ކަރަންޓީނުގައި ހުރިކަމުގެ މައުލޫމާތެއް ކައުންސިލަށް ވެސް ލިބިފައި ނުވާކަމަށެވެ.
"ކައުންސިލަކަށް ނެތް އެއްވެސް މައުލޫމާތެއް އަދި މިހާތަނަކަށް ލިބިފައެއް ، ސީއައިޓީއެމްގެ އެއްވެސް ޓީޗަރަކު ރަށަށް އައިސް ކަރަންޓީނުގައި ހުރިކަމުގެ. ތި މައްސަލައިގައި ބެލެނިވެރިން ދަނީ ވަރަށް ބޮޑަށް ޝަކުވާ ކުރަމުން ދަނީ. ދެން އަޅުގަނޑުމެން ބަލާލިން ފާހަގަ ކުރެވުނު މިރަށުގައި އެކަންޏެއް ނޫން ސީޓީއައިއެމްގެ މި މައްސަލަ ދިމާވެގެން މިއުޅެނީ ވެސް" ސަލީމް ވިދާޅުވިއެވެ.
މިމައްސަލައާ ގުޅޭ ގޮތުންް ކޯހުގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިއެއް ކަމުގައިވާ ފަރީދު "ދެން"އަށް ވިދާޅުވީ ސީޓީއައިއެމްގެ ޓީޗަރު ރަށަށް އައިސްފައިވާކަން ބެލެނިވެރިންނަށް އެނގިފައި ނުވާކަމަށެވެ.
"ރަށު ކުއްޖެއް ހުންނަނީ މިކޮޅުގަ ސީޓީއައިއެމްގެ ފަރާތުން އެ ކުއްޖާ މެސެޖު ކުރޭ ،ހަފްތާއެއް އަދި ދެހަފްތާ މިހެން ދުވަހަކު ވެސް ނުއެއް ފެށުނު. މިހާރުވެސް 10 ހާސް ރުފިޔާ ދައްކާފަ ވާނީ ކޯހަށް. މުޅި ޖުމްލަ ދައްކަން ޖެހޭނީ ވެސް 12 ހާސް ކަންނޭނގެ. ދެން މިހެން ހުއްޓިފަ އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް." ކައުންސިލް މެމްބަރުކަން ވެސް ކުރައްވާ ފަރީދު ވިދާޅުވިއެވެ.
ސީޓީއައިއެމްއިން ފޯކައިދޫގައި ފެށި ކޯސްތަކަށް "ވާނުވާ" ނޭނގުމުގެ ސަބަބުން ގިނަ ބެލެނިވެރިންނާއި ކުދިން ޝަކުވާ ކުރަމުން އަންނައިރު ކޯސްތައް ކުރިއަށް ދާނެ ކަމެއް ވެސް ނުދާނެކަމެއް ވެސް އަދި ނޭނގޭކަމަށާއި މިކަމަށް އަވަސް ހައްލެއް ބޭނުންވާކަމަށް ފޯކައިދޫއިން "ދެން"އާ ވާހަކަ ދެއްކި ފަަރާތްތަކުން ބުނެފައިވެއެވެ.






ކޮމެންޓް