އިޖުތިމާޢީ

ޖާބިރުގެ ތުހުމަތު: މަތިވެރިއަށް އެރުމުން ހަމަލާ ދިނީ ކައުންސިލު ރައީސްގެ އެންގުމަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އއ. މަތިވެރިއަށް އެރުމުން ، ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރަށް ހަމަލާ ދިނީ އެ ރަށު ކައުންސިލު ރައީސް އަހުމަދު އަސްލަމްގެ އެންގުމަށް ކަމަށް ޖާބިރު ތުހުމަތު ކުރައްވައިފިއެވެ.

Ads by Hajj Corporation

ނަން ހާމަ ނުކުރުމަށް އެދި "ދެން"އަށް މައުލޫމާތު ދިން މީހަކު ބުނީ، ޖާބިރު މަތިވެރިއަށް އެރުމުން ޒުވާނުންތަކެއް އެކަމާ ހިތްހަމަ ނުޖެހިގެން ހަމަނުޖެހުން ހިންގި ކަމަށާއި ނަމަވެސް ޖާބިރު ގައިގައި ޖެހިތަން ނުފެންނަ ކަމަށެވެ.

ޖާބިރުއަށް މިވަގުތު ފުލުހުން ވަނީ ހިމާޔަތް ދީފައި ކަމަށާއި ނަމަވެސް ރައްޔިތުން އަދިވެސް އޭނާއާ ދެކޮޅަށް ފުލުސް އޮފީސް ބޭރުގައި އިހުތިޖާޖު ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

މިކަމާ ގުޅޭގޮތުން "ދެން"އިން ސުވާލު ކުރުމުން ޖާބިރު ވިދާޅުވީ، މުޒާހަރާ ކުރީ ނޫން ކަމަށާއި މަތިވެރި ކައުންސިލު ރައީސް އަޙްމަދު އަސްލަމްގެ އެންގުމަށް ބަޔަކު އޭނާ ގައިގައި ތަޅައިގަތީ ކަމަށެވެ.

"މަތިވެރި ކައުންސިލު ރައީސް އަޅުގަނޑު މި ރަށަށް އެރިތަނުން މީހުން އެއްކުރުވައި އަޅުގަނޑުގެ ގައިގައި ތަޅައިގަތީ. މުޒާހަރާއެއް ނޫން ކުރީ، ތަޅައިގަތީ އަޅުގަނޑު ގައިގައި. އޭނަގެ ވައުދެއް ކަމަށްވަނީ އޭނަ ހޮވުމާ އެކު އަޅުގަނޑުގެ މުދާ ފޭރިގަތުން. އަޅުގަނޑު އަތުގައި 50،000 އަކަފޫޓުގެ ބިން އެބައޮތް މި ރަށުގައި. މިއީ އެމްޑީޕީން އަލަށް ހޮވުނު ކުއްޖެއް. މީނަގެ ވައުދަކީ ވެސް އަޅުގަނޑު މި ރަށުން ބޭލުން" ޖާބިރު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މަތިވެރީގެ ކައުންސިލު ރައީސަށް ފޯނުން ގުޅުއްވައި، ޖާބިރު ވަނީ ވަރަށް ހަޑި ހުތުރުކޮށް މުހާތަބު ކޮށްފައެވެ. ޖާބިރު މަތިވެރީ ކައުންސިލު ރައީސަށް ފޯނުން ގުޅުއްވައި ހުތުރު ބަހުން މުހާތަބު ކުރެއްވި ކަމުގެ އޯޑިއޯއެއް ވެސް މިހާރު ދަނީ ދައުރުވަމުންނެވެ. ނަމަވެސް އެކަން އަސްލަމް ވަނީ ދޮގު ކުރައްވައިފައެވެ.

ޖާބިރުގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން މަތިވެރި ކައުންސިލު ރައީސް އަސްލަމް ވިދާޅުވީ، އެ ހުރިހާ ތުހުމަތުތަކަކީ ވެސް ދޮގު ކަމަށާއި ޖާބިރު އުޅުއްވަނީ އޭނާގެ ނަން ކިލަނބު ކުރަން ކަމަށެވެ.

"އަޅުގަނޑަށް ގުޅާފައި އެއްޗެހިކީ ރިކޯޑިންގް ވެސް އެބައިން. ކޮށްފައި އެވާ ހުރިހާ ތުހުމަތުތަކަކީ ވެސް ދޮގު ތުހުމަތުތަކެއް، އަޅުގަނޑުގެ ނަން ކިލަނބު ކުރަން ވެގެން އެއުޅެނީ. އަޅުގަނޑު މިތަނުގައި މަސައްކަތް މި ކުރަނީ ރައްޔިތުންގެ ހައްޤުގައި، ރައްޔިތުންނަށް ނުލިބޭ އެއްޗެއް ނުލިބޭ ވާހަކަ އަޅުގަނޑަށް ކެރޭނެ ދައްކަން" ކައުންސިލު ރައީސް ވިދާޅުވިއެވެ.

ކައުންސިލު ރައީސް އަސްލަމް ވިދާޅުވީ، މަތިވެރި ކައުންސިލަށް ޖާބިރު ދައްކަން ޖެހޭ 4.7 މިލިއަން ރުފިޔާ ވާ ކަމަށާއި ޖާބިރު ކޯފާ އިސްކުރައްވައިގެން އުޅެނީ އެ ފައިސާ ދައްކަން ބުނުމުން ކަމަށެވެ.

Ads by Ooredoo
  1. ޢަސްލަމް

    ތިކިޔާ ޖާބިރު ރަށަކުންނޫން ބާލަންވީކީ. ކުޑަގޮޅީގަ ބަންދުކުރަންވީ. ކހާ ދެރަވެޖެ ކަމެއް މީމިހާރު….

  2. ބޭބެ

    ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖުލީހުގެ ޤަދަރާއި އިޙުތިރާމު ވެސް މިފަދަމީސްމީހުންގެ ސަބަބުން ޚަރާބުވެ ނިމިދިއުމުގެ ކުރިން އެތަނުގެ ޢިއްޒަތާއި ޤަދަރު ހިފެހެއްޓޭނެ ގޮތެއް ސަރުކާރު އިސްވެ އޮވެ ހޯދަން މުޅި ދައުލަތުގެ މައްޗަށް ލާޒިމް