ޚަބަރު

ނައިބު ރައީސް ފޭދޫ ކައުންސިލާ ބައްދަލުކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.

Ads by Hajj Corporation

މި ބައްދަލުކުރެއްވުމުގައި އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމުކޮށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން އެ ރަށު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރެއްވިއެވެ. މި ބައްދަލުކުރެއްވުން ބާއްވައިފައި ވަނީ މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ފޭދޫ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކައުންސިލު އިދާރާގެ އިދާރީ މުވައްޒަފުންގެ ދަތިކަމާއި، ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތަކާއި، ސްކޫލުގެ ޖާގައިގެ ދަތިކަމުގެ މައްސަލައާއި ރަށުގެ ޒުވާނުންނަށް ފުޓްބޯޅަ ދަނޑެއްގެ މުހިންމުކަމާއި، ފެރީގެ ނިޒާމުގެ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާކަންކަމާއި އަދި ރަށްގިރުމުގެ މައްސަލައިގެ އިތުރުން ފުލުހުންގެ ޚިދުމަތް ފަދަ ރަށަށް ބޭނުންވާ މުހިންމު ޚިދުމަތްތަކާއި ރަށުގެ އިޖްތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް މުހިންމު ކަންތައްތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރުގެ ދަށުން ކަންކަން ނިންމުމުގައި އިތުރު ފަސޭހަތަކެއް ލިބިދީފައިވާކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރަށުގައި މިހާރުވެސް ހުރި ވަޞީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމަށް މަސައްކަތްކުރުމަށާއި އަދި ރަށުގައި ހުންނަ ކްލަބް ޖަމްޢިއްޔާތައް ފަދަ ފަރާތްތަކާ ގުޅިގެން ޢާންމު ހޭލުންތެރިކަމަށާއި މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ޕްރޮގްރާމްތައް ހިންގައި މަޢުލޫމާތު ދިނުން ފަދަ ހަރަކާތްތައް އިތުރުކުރެއްވުމަށް ކައުންސިލަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ރަށުގެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކޮށްދެއްވާނެކަމަށާއި އަދި މަޝްރޫޢުތަކުގެ މަސައްކަތްކުރިޔަށްދާ ސްޕީޑް އަވަސްކުރުމަށް ކުރެވެން ހުރި ކަންކަން ސަރުކާރުން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލަރުންނަށް ދެއްވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!