އދ. އޮމަދޫއިން 3 މީހަކު ކޮވިޑަށް ފައްސިވެއްޖެ
ކޮވިޑް-19 ގެ އަލާމާތްތަކެއް ހުރެގެން އދ. އޮމަދޫ ފުލޫ ކުލިނިކަށް ދެއްކި 3 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
"ދެން" އަށް މައުލޫމާތު ދެއްވަމުން އޮމަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވީ ކޮވިޑަށް ފައްސިވެފައި ވަނީ މާލެއިން ރަށަށް އައި 2 މީހަކާއި އޭނާއާ ގާތުން އެއްތާވި މީހަކު ކަމަށެވެ.
"ފައްސި ވެފައި ވަނީ 3 މީހެއް. އެއީ މާލެއިން އައި 2 މީހެއް ދެން އޭނާއާ ގާތުން އެއްތާވި މީހަކު މިހާރު ކޮންޓެކްޓް ޓްރޭސިން ހަދަމުން ދަނީ. އެކަމަކު މާލެއިން އައި ދެމީހުން ވެސް އައިސްފައި ވަނީ ނައްސި ނަތީޖާއާއެކު. އޭގެ ފަހުން އަލާމާތްތަކެއް ހުރެގެން ދެއްކީ 3 މީހުން ވެސް. މޮނިޓަރިންއަށް ލުމާ މެދު ގޮތެއް ނިންމާނީ ކޮންޓެކްޓް ޓްރޭސިންގެ ނަތީޖާ އަންނަ ގޮތަކުން" އާދިލް ވިދާޅުވިއެވެ.
އޮމަދޫ ވަނީ މީގެ ކުރިން ވެސް ކޮވިޑް-19ގެ ވޭދަނަތަކެއް ފެނި މޮނިޓަރިންއަށް ލައިފައެވެ. އެފަހަރު އެރަށުން 96 މީހަކު ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ.