ކެޔޮދޫ ސުކޫލުގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށުން: މުޅި ވ.އަތޮޅަށް އުފާވެރިކަން
ވ.ކެޔޮދޫ ސުކޫލުގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށުމަކީ މިއީ މުޅި ވ.އަތޮޅުގައި ވެސް މަތީ ސާނަވީއަށް ކިޔަވައިދޭން ފެށި ފުރަތަމަ ފަހަރަށް ވާތީ މިއީ މުޅި އަތޮޅަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލަކާއި ކާމިޔާބެއްކަމަށް ކެޔޮދޫ ސުކޫލުން ފާހަގަ ކުރައްވައެވެ.
ޖުމްލަ 212 ދަރިވަރުން ކިޔަވަމުންދާ ކެޔޮދޫ ސުކޫލުގައި އެލްކޭޖީއިން ފެށިގެން ގުރޭޑް 11އާ ހަމައަށް މިހާރު މިވަނީ ކިޔަވައިދޭން ފަށައިފައެވެ. ޖާގައިގެ ދަތިކަން ހުރި ނަމަވެސް ލައިބްރަރީ އަދި ކޮމްޕިއުޓަރ ލެބް ފަދަ މުހިންމު ހުރިހާ ވަސީލަތްތަކެއް ލިބޭ ކެޔޮދޫ ސުކޫލުގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފަށައި އެކަން އިފްތިތާހް ކޮށްފައި ވަނީ މިއަދުއެވެ.
"މިއީ ހަގީގަތުގައި ވަރަށް ބޮޑު ކާމިޔާބީއެއް. ބެލެނިވެރިންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއިއެއްމީ. އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވީ ކުދިންނަށް ރަށުގައި މައިންބަފައިން ގާތުގައި ތިބެގެން މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ލިބިގެން ދިޔުމުން" ކެޔޮދޫ ސުކޫލުގެ ޕްރިންސިޕަލް ޒައީމާ ހުސައިން "ދެން"އަށް ވިދާޅުވިއެވެ.
ރަށު ސުކޫލުން އޭލެވެލްއަށް ކިޔެވެން ނެތުމުން ރަށުން އޯލެވެލް ހެދުމަށް ފަހު ކުދިން މާލެ ނުވަތަ އެހެން ރަށަކަށް ފޮނުވުމަކީ ބެލެނިވެރިންނަށް ބުރަ އަދި ކުރައްވަން އުނދަގޫކަމެކެވެ. އެހެން ނަމަވެސް ދަރިންގެ މުސްތަގުބަލަށް ޓަކައި ގޮތް ނޭނގޭ މުޖުތަމައުއެއްގެ ތެރެއަށް ދަރިން ދޫކޮށްލުން ނޫން ގޮތެއް ނެތިފައި ބެލެނިވެރިން ތިބި ހާލަތެއްގައި ކެޔޮދޫ ސުކޫލުން މަތީ ސާނަވީއަށް ކިޔެވޭނެ މަގުފަހި ވެގެން ދިޔުމަކީ ބެލެނިވެރިންނަށް އުފާވެރިކަން ލިބިގެން ދިޔަ ކަމެއްކަމުގައި ޒައީމާ ވަނީ ފާހަގަކުރައްވައިފައެވެ.
ޒައީމާ ވިދާޅުވި ގޮތުގައި މިއީ ރަށުގެ ބެލެނިވެރިންނާއި ޓީޗަރުން އަދިވެސް ވަރަށް ގިނަ ބައެެއްގެ ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ.
"މިއީ ވަރަށް ގިނަ ބައެއްގެ ވަރަށް ބުރަ މަސައްކަތެއް. އަޅުގަނޑުމެންގެ މަޖިލިސް މެމްބަރު، ކައުންސިލް، ޓީޗަރުން، ބެލެނިވެރިން އަދިވެސް މުޅި މުޖުތަމައުގެ ވަރަށް ބުރަ މަސައްކަތުން ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެއްމީ." ޒައީމާ ތަކުރާރުކޮށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކެޔޮދޫ ސުކޫލަށް ލިބިގެން ދިޔަ ކާމިޔާބީގައި މުޖުތަމަޢުގެ އެއްބާރުލުމާއި އެހީތެރިކަމަކީ ފާހަގަކޮށްލެވޭ ކަމެއްކަމަށާއި މުޅި މުޖްތަމައުގެ އެހީތެރިކަމަކީ މިލިބުނު ކާމިޔާބީގެ އަސްލުކަމަށެވެ. އަދި އެކަމަށްޓަކައި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާކަމަށް ވެސް ޒައީމާ ވިދާޅުވިއެވެ.
ކެޔޮދޫ ސުކޫލުގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށުން އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވައިފައެވެ.