ލައިފްސްޓައިލް ސިއްޙަތު

ކޮވިޑް-19 އަދި އިންފުލުއެންޒާ އެކުގައި ޖެހިދާނެތަ؟

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް-19ގެ ނުރައްކަލުން މުޅިން ސަލާމަތް ނުވެވިގެން އުޅޭ މިދަނޑިވަޅުގައި ހަލުވިކަމާ އެކު އިންފުލުއެންޒާ ފެތުރެން ފަށައިފައި ވުމަކީ ޑޮކްޓަރުންނާއި ސިއްހީ އެހީތެރިންގެ ބޮޑު ކަންބޮޑުވުމަކަށް މި ވަނީ ވެފައެވެ. ރާއްޖޭގައި ވެސް އިންފުލުއެންޒާ ފެތުރެމުން ދާއިރު ރޯގާ ގިނަވެ އައިޖީއެމްއެޗްގައި ވަނީ ފުލޫ ކުލިނިކެއް ވެސް ހުޅުވައިފައެވެ.

Ads by STELCO

ސެންޓްރަލް ފްލޮރިޑާގެ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. އެޑްރިއަން ބުރޯވްސް ވިދާޅުވި ގޮތުގައި ކޮވިޑް-19 އަދި އިންފުލުއެންޒާ އެކުއެކީގައި ޖެހުމަކީ ވާނެކަމެކެވެ. އަދި މިފަދަ ހާލަތުގައި ފުރާނައަށް ނުރައްކާވުން ވަރަށް ގާތެވެ.

ޑރ. އެޑްރިއަން ވިދާޅުވިގޮތުގައި ކޮންމެ އަހަރެއްގެ ވެސް މި ދުވަސްކޮޅަކީ އިންފުލުއެންޒާ ފެތުރޭ ދުވަސްކޮޅަކަށްވީ ނަމަވެސް އެހެން އަހަރުތަކަށް ވުރެ މިއަހަރު އިންފުލުއެންޒާއާ އެކު އުފެދުނު ކަންބޮޑުވުން މާބޮޑެވެ. ސަބަބަކީ ފިނި މޫސުން ފެށޭ ދުވަސްކޮޅަށް ވުމާއި މިދުވަސްކޮޅު ބައެއް ގައުމުތަކުގައި ކޮވިޑް-19ގެ ނުރަައްކާތެރި ވޭރިއެންޓެއް ކަމުގައިވާ ޑެލްޓާ ވޭރިއެންޓް ފެތުރިފައިވުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކޮވިޑް-19 އަދި އިންފުލުއެންޒާ އެކުގައި ޖެހުމުގެ ފުރުސަތު މި އަހަރު ބޮޑުކަމަށް ލަފާކުރެވޭއިރު މިއީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ޑރ. އެޑްރިއަން ފާހަގަ ކުރެއްވި ގޮތުގައި ކޮވިޑް-19ގެ ސަބަބުން އަޅައިފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އިންފުލުއެންޒާގެ ނުރައްކާ މިދިޔަ އަހަރު ކުޑަވީ ނަމަވެސް ވެކްސިނާ އެކު ގިނަ ގައުމުތަކުގައި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅައިފައިވާ ފިޔަވަޅުތަކަށް ލުއި ދީފައިވުމަކީ މިއަހަރު އިންފުލުއެންޒާ ބޮޑަށް ފެތުރެން މެދުވެރި ވާނެ ސަބަބެކެވެ.

ޑރ. އެޑްރިއަން ފާހަގަ ކުރެއްވި ގޮތުގައި ކޮވިޑް-19އަދި އިންފުލުއެންޒާ އެކުގައި ޖެހުމުން ދެ ވައިރަސް އެކުގައި ފުއްޕާމެއަށް ގެއްލުން ދޭނެއެވެ. އަދި އެކަމުގެ ސަބަބުން ފަސޭހައިން ނިއުމޯނިޔާ ޖެހި ނޭވާލާ ނިޒާމު ފެއިލް ކޮށްލާނެއެވެ. ކޮވިޑް ވައިރަސް އަދި އިންފުލުއެންޒާ ވައިރަހަކީ ހިތާއި ސިކުނޑި އަދި މަސްތަކަށް ގެއްލުންދޭ ދެ ވައިރަސްކަމުން ދެ ވައިރަސް އެއްފަހަރާ ޖެހުމުގެ ސަބަބުން މި ގުނަވަންތަކަށް ލިބޭ ގެއްލުންތަކުން ރަނގަޅުވާން ގިނަ ދުވަސްތަކެއް ނަގާނެއެވެ.

އެހެންކަމުން މި ދުވަސްވަރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ތިމާގެ އަމިއްލަ ސިއްހަތާއި އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓުމަށް ސަމާލުކަންދީ ބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހީ މާހިރުން އިލްތިމާސް ކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!