އުއްތަމަ ފަނޑިޔާރަށް ސެކިއުރިޓީ ދިނުމުގައި ފަރުވާތެރިވާން އިދިކޮޅުން ގޮވައިލައިފި

އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާގެ ސެކިއުރިޓީއާ މެދު ކަންބޮޑުވެ، ސެކިއުރިޓީ ދިނުމުގައި ފަރުވާތެރިވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވައިލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިފަދައިން ގޮވައިލައިފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހު އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދްނާން ދިރިއުޅުއްވާ ގެކޮޅުގެ ސެކިޔުރިޓީ ކެމެރާތައް ހަލާކުކޮށް އެ ގެއަށް މީހަކު ވަންނަން އުޅުމުންނެވެ.
އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ތިން ބާރުގެ ތެރެއިން އެއް ބާރެއްގެ ވެރިއަކު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ފޫއަޅުވާލައި އެ ގެއަށް ވަނުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ލިބުމަކީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވީ އުއްތަމަ ފަނޑިޔާރުގެ ރައްކާތެރިކަން ކަށވަރުކުރުމުގައި ސަރުކާރުން ދޭންޖެހޭ ސަމާލުކަން ނުދެވި ފަރުވާ ކުޑަ ކުރުމުގެ ސަބަބުން ކަމަށްވެސް އިދިކޮޅުން ބުންޏެވެ.
ޝަރީއަތެއްގައި އިންނަވަނިކޮށް އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަން މައްސަލައާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަކޮށް 24 ގަޑިއިރު އެ ގޭގައި ސިފައިން ތިބޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފައެވެ.
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަންނަން މަސައްކަތް ކުރި ކުރުން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއިން ވެސް ވަނީ ކުށްވެރިކޮށްފައެވެ.