ރިޕޯޓް

ބޮޑު މައުޟޫއު: ދީނަށް ފުރައްސާރަކުރުމާއި ނަފްސާނީ ނުކުޅެދުންތެރިކަން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މާލޭގެ މިސްކިތެއް | އިއްޔެގެ ވަގުތެއްގައި މީހަކު ވަނީ މާލޭގެ މިސްކިތެއްގައި މީހުން ނަމާދަށް ތިއްބައި ވަދެ އިމާމުގެ ކުރިމައްޗަށް ކުޑަކަމުގޮސްފައި

ދިވެހިންނަކީ ޒަމާނުއްސުރެން މަތިވެރިވެގެންވާ އިސްލާމް ދީނުގެ ރިވެތި އަސާސްތަކުގެ މަތީގައި ހިފަހައްޓަމުން އައިސްފައިވާ ބައެކެވެ. ދިވެހި ފަސްގަނޑުގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގައެއް ނެތެވެ. މާތްﷲ ގެ ވާގިފުޅާ އެކު ދިވެހިންގެ ހިތްތަކުގައި އިސްލާމް ދީނަށް އަށަގެންފައިވާ ލޯތްބާއި ކުލުނަށް ދެގޮތެއް ނުވެ ދެމި އެބައޮތެވެ. އެހެން ނަމަވެސް ފަހުގެ ތާރީހުތަކުގައި ދިވެހިންގެ ތެރެއިން ވެސް އިސްލާމް ދީނާ ދެކޮޅުވެރި ފިކުރުތަކުގެ މީހުން ފެނިފައި އެބަ ހުއްޓެވެ. ދައުލަތުގެ އެންމެ މަތީ ފަންތީން އެންމެ އާދައިގެ ރައްޔިތު މީހާއާ ހަމައަށެވެ.

Ads by STELCO

އިހު ޒަމާނުގައި ދީނާ ދެކޮޅަށް ހަނގުރާމަ ކުރަނީ ކަނޑިއާއި ލޮންސި ހިފައިގެން ނިކުމެއެވެ. އެހެން ނަމަވެސް ޒަމާން ތަރައްގީވެ، ޓެކްނޮލޮޖީއާއި ރައްޓެހިވުމުގެ ނަތީޖާއެއްގެ ގޮތުން ދީނާ ދެކޮޅު މީހުންގެ މަސައްކަތް ފެށީ ފިކުރީ ގޮތުންނެވެ. ޒަމާނީ އެކިއެކި ވަސީލަތްތަކުގެ ޒަރިއްޔާއިން އިންސާނާގެ ސިކުނޑިއާ ކުޅެލުމަކީ މާ އުނދަގޫ ކަމެއް ވެސް ނޫނެވެ. "ލިބަރަލް"ގެ ނަމުގައި އެހެން ދީންތަކަށް ޖާގަ ދިނުމުގެ ވިސްނުން ފަތުރަމުން ދަނީ ހަލުވިކަމާ އެކުއެވެ.

ރާއްޖޭގެ ތާރީހުގައި އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ އަމަލުތައް ކުރިން ވެސް ދެންނެވިގޮތަށް މަދުން ނަމަވެސް ފެނެއެވެ. ފަހަކަށް އައިސް މިދެންނެވި ޒާތުގެ މައްސަލަތައް އިތުރުވިކަން ވެސް ފާހަގަވެއެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކުގައި އެއްކަމެއް ވަރަށް އެއްގޮތް ވެއެވެ. ދީނަށް ފުރައްސާރަކުރާ އަދި ދީނުގެ އެކި ހުކުމްތަކަށް ގޮންޖަހާ މީހުންނަކީ ހަމަބުއްދި ނެތް ނުވަތަ ނަފްސާނީ މައްސަލަ ހުންނަ މީހެއްކަމަށް ލޭބަލް ކުރެވެއެވެ.

ކުރީގެ ސަރުކާރެއްގައި ޝަރުއީ ދާއިރާގައި އިސްކޮށް މަސައްކަތް ކުރެއްވި ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ވަރަށް ފާޅުގައި ދީނުގެ އެކި ހުކުމްތަކަށް ގޮން ޖެއްސެވިއެވެ. ދީނުގައި އޮންނަ ގޮތަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށާއި ޒަމާނަށް އަންނަ ބަދަލާއެކު ދީނުގެ ކަންކަން ވެސް ބަދަލުވާންޖެހޭ ކަމަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަބުރަށް ހުތުރުވާފަދަ އެތައް ވާހަކައެއް އާންމުކުރެއްވިއެވެ. އޭގެ ދުވަސްތަކެއް ފަހުން އެއީ ނަފްސާނީ ގޮތުން ނުކުޅެދޭ މީހެއްކަމުގައި ކަނޑައެޅިގެން ދިޔައެވެ.

އިއްޔެ ވެސް މިފަދަ ހާދިސާއެއް ހިނގައިފިއެވެ. ނަމާދަށް ހުއްޓައި އިމާމުގެ ކުރިމައްޗަށް ގިބްލައަށް ވާގޮތަށް މީހަކު ކުޑަކަމުދިޔައީއެވެ. އެމީހާ ކުޑަކަމު ދިޔައީ ހުކުރު މިސްކިތަށް ވަދެއެވެ. އިސްލާމީ މަރުކަޒަށާއި ރައީސް އޮފީސް ކުރިމައްޗަށް ވެސް ހަމަ އެމީހާ އިއްޔެ ކުޑަކަމުދިޔައެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ފުލުހުން ބުނީ އެމީހާއަކީ ނަފްސާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ. އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ނުވަތަ ނޫންކަން ވެސް ފުލުހުން ކަށަވަރެއް ނުކޮށްދެއެވެ.

މިއީ މިޒާތުގެ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރުގެ ތެރޭގައި ބަރަހަނާ ހާލަތުގައި ހުރެގެން މީހަކު އިސްލާމީ މަރުކަޒަށް ވެސް އެރިއެވެ. އެހެން މީހަކު ބަރަހަނާ ހާލަތުގައި މާލޭގެ މަގެއްގެ މަތީގައި އޮވެ ޖިންސީ އެދުން ވެސް ފުއްދިއެވެ. މިއިން ކޮންމެ ހާދިސާއެއްގައިވެސް މިކަން ކުރާ މީހާއަކީ ނަފްސާނީ ގޮތުން ނުކުޅެދޭ މީހެއްކަމަށް ބުނެވެއެވެ.

އެއްވެސް ހާލަތެއްގައި ނުކުޅެދުންތެރިކަން ހުންނަކަމަށް ގަބޫލު ނުކުރެވެނީކީ ނޫނެވެ. އެހެން ނަމަވެސް އިސްލާމް ދީނަށް ފުރައްސާރަ ކުރާ ކޮންމެ ހާދިސާއެއްގައި އެކަން ކުރާ މީހާއަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވާކަމީ އިއްތިފާގެއްތޯ ސުވާލު އުފެދެނީއެވެ.

މީގެ ކުރިން ރާއްޖޭގެ ޒުވާން އަންހެން ކުއްޖަކު ސޯޝަލް މީޑިއާގައި އިސްލާމް ދީން ގަބޫލު ނުކުރާކަމަށާއި އޭނާއަކީ އެތީސްޓެއްކަމަށް ވެސް ފާޅުގައި ހާމަކުރިއެވެ. އެ ވާހަކަތަކުގެ ތެރެއިން ސަރުކާރުގެ އިސް ފަރާތްތަކަށް ބޮޑެތި ތުހުމަތުތަކެއް ވެސް އެކުއްޖާ ކުރިއެވެ. ދީނާ ދެކޮޅަށް ނިކުންނަން ސަރުކާރުގެ އިސް ބައެއް ބޭފުޅުން ފައިސާ ދިން ކަމަށް ވެސް ބުންޏެވެ. އެންމެ ފަހުން އެއީ ވެސް "ބޯހަމަނުޖެހޭ" ކުއްޖަކަށް ވީއެވެ.

މިއީ ދައްކަން ތަންކޮޅެއް ސެންސިޓިވް ވާހަކައެކެވެ. ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަތްތަކުގެ ކަރާމަތަށް އުނިކަން އަންނާނެ ފަދަ ވާހަކައެއް އެއްވެސް ހާލަތެއްގައި ނުދެއްކޭނެއެވެ. އެހެން ނަމަވެސް ދީނަށް ފުރައްސާރަކުރާ ކޮންމެ މީހަކީ މިދެންނެވި ފަދަ ނަފްސާނީ އުނިކަމެއް ހުރި މީހެއްކަމަށް ކަނޑައެޅުމަކީ ގަބޫލުކުރަން އުނދަގޫ ކަމަކަށް ވަނީއެވެ.

އިއްޔެ ކުޑަކަމުދިޔަ ހާދިސާއާ ގުޅިގެން މީޑިއާތަކުން ރިޕޯޓުކުރިގޮތުން ފުލުހުންނަށް މީޑިއާ ގޯސްވިއެވެ. އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ދީނާ ދެކޮޅު ހަދަނީ ކީއްވެތޯ ސުވާލު އުފެއްދުމުން ފުލުހުންގެ "ބޮޑު ބަޔާނެއް" ނޫސްވެރިންނަށް ރައްދުވިއެވެ. ބުނީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް ގެއްލުން ލިބެނީ ކަމަށެވެ. އެހެން ނަމަވެސް މިއީ އުފެދޭނެ ސުވާލެކެވެ. އިސްލާމް ދީނަށް ހަޖޫ ޖަހައި، ދީނަށް ފުރައްސާރަ ކުރުން ދިވެހި މުޖުތަމައުގެ ތެރެއިން ބަލައެއް ނުގަނެވޭނެއެވެ. އަދި އެފަދަ ފަރާތްތަކެއް މުޖުތަމައުގެ ތެރޭގައި ތިބި ނަމަ ކަމާބެހޭ ފަރާތްތަކުން އެފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭނެއެވެ. އަދި އެއީ ނަފްސާނީ ގޮތުން އުނިކަމެއް ހުރި ފަރާތެއް ނަމަ ބޭނުންވާ އެހީތެރިކަން ދޭން ޖެހޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!