އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން ކުރެއްވި ސުވާލަށް އިމްރާން ޖަވާބެއް ނުދެއްވި
އިންޑިއާ ސަރުކާރާ އެކު ހަދާފައިވާ އުތުރުފިލަފަޅު އެއްބަސްވުމާ ގުޅިގެން ކެބިނެޓުގައި މަޝްވަރާ ކުރެވުނުތޯ ކުރެއްވި ސުވާލަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖަވާބެއް ނުދެއްވިއެވެ.
މިނިސްޓަރު އިމްރާނާ ސުވާލު ކުރެއްވުމަށް މިއަދު އެމަނިކުފާނު މަޖިލީހަށް ހާޒިރު ކުރުމުން މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު ވަނީ އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން ކެބިނެޓުގައި މަޝްވަރާކުރެވުނުތޯ ސުވާލު ކުރައްވައިފައެވެ.
ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ސުވާލުގެ ފަހުބައި ސާފުވެނުލައްވާ ކަމަށެވެ. އަދި ކިހިނެއްތޯ ހައްދަވާނީ ސުވާލު ކުރެއްވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ވަނީ ދެން ސުވާލު ކުރެއްވުމުގެ ފުރުސަތު އަރުވަންޖެހޭނީ އެހެން މެމްބަރަކަށް ކަމަށް ވިދާޅުވެ މިނިސްޓަރަށް ދެއްވި ފުރުސަތު ނަންގަވައިފައެވެ.
އުތުރުތިލަފަޅުގައި މިލިޓަރީ ޑޮކްޔާޑަކާއި ބަނދަރެއް ހެދުމަށް އިންޑިއާ ސަރުކާރާ އެކު ސޮއިކޮށްފައިވާއިރު އިދިކޮޅުން ތުހުމަތުކުރަނީ އެ އެއްބަސްވުމުގެ ސަބަބުން ގިނަ އަދަދެއްގެ ހަތިޔާރު އެޅި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ ހުއްދަ ދެވޭ ކަމަށެވެ. އަދި އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރެއެވެ.
އުތުރުތިލަފަޅު އެއްބަސްވުންކަމަށް ބެލެވޭ ލިޔުމެއް މީގެ ކުރީން ސޯޝަލް މީޑިއާގައި ވަނީ ލީކުވެފައެވެ. އެލިޔުމުގައި ބުނާ ގޮތުން ބަނދަރާއި ޑޮކްޔާޑު ތަރައްގީކޮށް ނިމުމުން ވެސް އިންޑިއާ ސަރުކާރުން ބޭނުންވެއްޖެ ނަމަ ރާއްޖޭގައި އެގައުމުގެ ސިފައިންނަށް ތިބެވޭނެއެވެ. އެ ލިޔުން ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. ސަރުކާރުން ބުނީ އުތުރުތިލަފަޅު އެއްބަސްވުމުގައި ގައުމީ ސަލާމަށް ނުރައްކާވާނެ ފަދަ އެއްވެސް ކަމެއް ނުހިމެނޭނެ ކަމަށެވެ.
މީގެ ކުރިން އެތައް ފަހަރެއްގެމަތިން އުތުރުތިލަފަޅު އެއްބަސްވުން ހާމަކުރަން މީޑިއާތަކުން ސަރުކާރުގައި ވަނީ އެދިފައެވެ. އެހެން ނަމަވެސް އެ އެއްބަސްވުމުން ހާމަކޮށްފިނަމަ ރާއްޖެއާއި އިންޑިއާގެ ހާރިޖީ ގުޅުމަށް ބުރޫ އަރައިފާނެކަމަށް ބުނެ ސަރުކާރުން ވަނީ އެކަން ހާމަކުރަން ދެކޮޅު ހަދައިފައެވެ.