އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަން ކަމަށް ބުނާ މީހާ ހައްޔަރުކޮށްފި

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ދިރިއުޅުއްވާ ގެކޮޅަށް ވަން ކަމަށް ބުނާ މީހާ ހައްޔަރު ކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަން ކަމަށް ބެލެވޭ މީހާ މިއަދު ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ހަތް ދުވަސް ދީފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެނގިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަން މީހާ ވަނީ އެގޭގެ ސީސީޓީވީ ކެމަރާ ސިސްޓަމް ހަލާކުކޮށްލައިފައެވެ. މިދިޔަ ބުރާސްފަތި ދުވަހު މި ހާދިސާ ހިނގި ވަގުތު އުއްތަމަ ފަނޑިޔާރު ގެކޮޅުގައި ނޫޅުއްވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މި ހާދިސާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހެއް ކަމަށެވެ.