މުނިފޫހިފިލުވުން ދިވެހި ސިނަމާ

މަޒްލޫމްގެ ތިންވަނަ ބައި: މިފަހަރު "މިންޖު"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ފިލްމީ ދާއިރާގައި މިވަގުތު އެންމެ ނަން ހިނގަމުން އަންނަ އެއް ޑައިރެކްޓަރު ކަމުގައިވާ ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ އިލްޔާސް ވަހީދު (އިއްލެ) އެންމެ ފަހުން އުފައްދާފައިވާ "މަޒްލޫމް"ގެ ތިންވަނަ ބައިގެ ޕޯސްޓަރު ދައްކައިލައިފިއެވެ.

Ads by Sosun Fihaara

"މިންޖު" ނަމަކަށް ކިޔާ އެ އެޕިސޯޑުގައި ހަރަކާތްތެރި ވަނީ ރާއްޖޭގެ އެންމެ ނަން މަޝްހޫރު އެއް އެކްޓަރ ،ރަވީ ފާރޫޤްއެވެ. ރަވީގެ އިތުރުން މި އެޕިސޯޑުން ދިވެހި ފިލްމީ ދާއިރާއަށް ތަޢާރަފްވެގެން ދަނީ ތާތި އާދަމްއާއި ޗައިލްްޑް އާޓިސްޓް ޒުވެއިލް ޢަލީ ޠާރިޤްއެވެ.

ބައިސްކޯފުން ދެއްކުމަށް ހަމަޖެހިފައިވާ މި އެޕިސޯޑާ ބެހޭ ގޮތުން "ދެން"އަށް މައުލޫމާތު ދެމުން އިއްލެ ބުނީ މަޒްލޫމްގެ ތިންވަނަ ބައި "މިންޖު" ގެ ޝޫޓިންގް އެއްކޮށް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް އެބައިގެ ޓްރެއިލާ ވެސް ރިލީޒްވާނެ ކަމަށެވެ.

"ގާތްގަނޑަކަށް ހަފްތާއެއް ފަހުން ޓްރެއިލާ ރިލީޒް ވާނެ އަދި މި މަސް ތެރޭގައި މި ބައި ދެއްކެން ފެށޭނެ ކަމަށް މިބަލަނީ." އިއްލެ ބުންޏެވެ.

ހަތަރު ބަޔަކަށް ބަހައިލައިގެން ދައްކާ މަޒްލޫމްގެ މިއަށްފަހު ދެން އޮންނާނީ އެންމެ ފަހު ބައިގެ މަސައްކަތް ކަމަށް ވެސް އިއްލެ ބުންޏެވެ.

"މަޒްލޫމް"އަކީ ކަޒްމިކް އިންޓަނޭޝަނަލްއާއި އައިފިލްމްސް ގުޅިގެން، މުޖުތަމައުގައި ހުންނަ އެކިއެކި ހާދިސާ ނުވަތަ މައްސަލަތަކަށް ބިނާކޮށް ހަދައިފައިވާ ކުރު ފިލްމެކެވެ. މަޒްލޫމްގެ މާނައަކީ "ވިކްޓިމް"އެވެ.

މަޒްލޫމްގެ ފުރަތަމަ ބައިން ދައްކުވައިދިނީ ރޭޕް ވޭދަނައެއްގެ ވާހަކައެވެ. ދެވަނަ ބައި ކަމުގައިވާ "ޒައްރޫކް"އިން ދައްކުވައި ދީފައި ވަނީ މައިންބަފައިންގެ ފަރާތުން އަޅައިލުން ލިބެންވާ ވަރަށް ނުލިބުނު ކުޑަ ކުއްޖަކަށް ދިމާވާ ނަފްސާނީ މައްސަލަތަކެއްގެ ވާހަކައެވެ. މި ދެ ބަޔަށް ވެސް ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!