ރިޕޯޓް

ޤައުމީ ދުވަސް : "ކަނޑުގެ ބާޒު"ގެ ކިބައިން ރާއްޖެ މިނިވަންވީ ދުވަސް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އިންސްޓަގްރާމް ފޮޓޯ/ޒައިނަލް

މިއަދަކީ ޕޯޗުގީޒުންގެ އަތް ދަށުން ރާއްޖެއަށް މިނިވަންކަން ލިބުނު ގައުމީ ދުވަހެވެ. ކޮންމެ އަހަރެއްގެ ވެސް އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1ވަނަ ދުވަސް ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ، 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށް ފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ ދުވަސް ފާހަގަ ކުރުމަށެވެ.

Ads by STELCO

"ކަނޑުގެ ބާޒު"

ޕޯޗުގީޒުންނަކީ އެމީހުންގެ އާރާއި ބާރު މުޅި ދުނިޔޭގައި އޮތް ބައެކެވެ. އެމީހުންގެ ބާރު މުޅި ބިމާއި ކަނޑުތަކުގައި ވެސް ފެތުރިފައިވާލެއް ބޮޑުކަމުން އެމީހުންނަށް "ކަނޑުގެ ބާޒު"ގެ ނަމުން ނަން ދެވި މަޝްހޫރު ވިއެވެ.

މިސަރަޙައްދުގެ ވިޔަފާރި ކޮންޓްރޯލް ކުރުމާއި، ކެތަލިކް ދީން ދުނިޔެއަށް ފެތުރުމުގެ އިތުރުން، އޭރުގެ އޮޑިދޯނި ފަހަރަށް އެންމެ ކަމުދާ މޮޅު، ރޯނުގެ ވިޔަފާރި އެމީހުންގެ ބަނޑުދަށުލުމީ، އެމީހުންގެ އެންމެ ވަރުގަދަ އެއް ހުވަފެނެވެ. އެހެންކަމުން ޕޯޗުގީޒު ނާފަހަރުތަކުގައި ދިވެހިރާއްޖެއާ ތޮޅެމުން ދިޔައެވެ. ދެފަހަރެއްގެ މަތިން މަސައްކަތްކޮށް ވެސް ނާކާމިޔާބުވުމުން ތިންވަނަ ފަހަރު ރާއްޖެއާ ތޮޅެން އައީ ނިކަން ވަރުގަދައަށް ތައްޔާރުވެގެންނެވެ. ލީޑަރަކަށް ހުރީ އެންޑްރީ އެންޑްރޭޑެވެ. ދިވެހީން ދަންނަ ނަމުން ނަމަ އަނދިރި އަނދިރިންނެވެ.

އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ އައްސުލްޠާން ޢަލީ (6 ވަނަ) ސިރީ އައުދަ ސިޔަކަ ކައްތިރި މަހާރަދުންނެވެ. ޕޯޗުގީޒުންގެ ލަޝްކަރުން ރާއްޖެއަށް ވެރިވެގަތީ މި ރަދުން އަވަހާރަކޮށްލުމަށް ފަހުއެވެ.

ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ޕޯޗުގީޒުންގެ އަނިޔާވެރި ވެރިކަމުގެ ދުވަސްވަރު ސިފަކުރައްވަނީ ”ދިވެހި ކަނޑުތައް ދިވެހި ދަރީންގެ ލެއިން ރަތްވެގެން ދިޔަ“ ދުވަސްވަރެއްގެ ގޮތުގައެވެ. އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާ ދުވަސްވަރެއްގެ ގޮތުގައެވެ.

ގައުމީ ދުވަސް ނިސްބަތްވާ ބޮޑު ތަކުރުފާނުގެ ހަޔާތްފުޅުން ދެތިން ނުކުތާ

އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނަކީ އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނުންގެ ދަރިކަލެކެވެ. މިރަދުންގެ މަންމާފުޅަކީ ހއ. އިހަވަންދޫ އާމިނާ ދިޔޯއެވެ. އުފަންވެ ވަޑައިގަތީ ކަޅު މުޙައްމަދު ރަސްގެފާނު ރަސްކަމުގެ 3 ވަނަ ދައުރުގެ ތެރޭގައެވެ.

ބޮޑުތަކުރުފާނުގެ އެއްބަފާ ފާޠިމަތާއި އަލިތަކުރުފާނުގެ އިތުރުން އެއްބަނޑު އެއްބަފާ ޙަސަންތަކުރުފާނުގެ ލޯބި މިލްކު ކުރައްވައި ދިވެހި މި ފަސްގަނޑު ދެކެ ލޯބިވާ ކޮންމެ ދަރިއެއްގެ ވެސްް ލޯބި އެތަކުރުފާނު ވަނީ އެންމެ ފުންމިނުން ހޯއްދަވައިފައެވެ. ތުއްޕުޅު އިރު މަޅިފަތި ޖައްސަވައިގެން ދޫނި ހިއްޕެވުމަކީ އެތަކުރުފާނު އެންމެ ގަޔާވެގެން ކުރި މަސައްކަތެވެ. ހިކުމަތްތެރި ވިސްނުން ތޫނު ބޭފުޅެކެވެ. ބައްޕާފުޅު ޙުސައިން ޚަތީބު ތަކުރުފާނުގެ އަރިހުން ދީނީ ތަޢުލީމު އުނގެނިވަޑައިގަތުމަށް ފަހު، ބޭދާޅި ބޮޑު އެދުރު ކަލޭގެފާނުގެ އަރިހަށް ހެވިކަމާއި ހަނގުރާމައިގެ އުކުޅުތައް ދަސްފުޅު ކުރެއްވުމަށް ބޭދާޅީއަށް ވަޑައިގެންނެވިއެވެ.

ހެވިކަމާއި ހަނގުރާމައިގެ އުކުޅުތައް ދަސްކުރެއްވުމަށް ހިތުގައި އޮތް ލޯބި އަހަރުމެން ހުރިހާ ދިވެހިންނަށް މިސާލުން ދައްކައިވައި 15 އަހަރުގެ ދިގު އަދި ކަޅު މާޒީއަކުން ދިވެހިން ސަލާމަތް ކުރެއްވީ ހިތްވަރާ އެކު ކުޑަކުޑަ ލަޝްކަރަކާ އެކު ނުކުމެވަޑައިގެންނެވެ.

ކަޅުއޮށްފުންމި ބެންނެވުމާއި، ވިޔަޒޯރުގެ މަރު

ވިޔަޒޯރަކީ ޕޯޗުގީޒުންނަށް ވަފާތެރި ހިކުމަތްތެރިއެކެވެ. އޭނާއަކީ ހއ. ބާރަށުގައި ޕޯޗުގީޒުންގެ ވެރިއެއްގެ ގޮތުގައި ބަހައްޓާފައި ހުންނަ ހާއްސަ އޮފިސަރެކެވެ. މީނާގެ ވަފާތެރިކަމާއި މިޒާޖުގެ ގޮތުން އޭނާއަކީ އަތޮޅުތަކުގައި ތިބޭ ބަސް ވިކޭ މީސްމީހުން އަތްދަށުލައިގެން އުޅެވޭތޯ ބެލިމީހެކެވެ. ވިޔަޒޯރުގެ މި މިޒާޖުވެގެން ދިޔައީ ބޮޑުތަކުރުފާނުގެ ކުޑަކުޑަ ލަޝްކަރަށް ލިބުނު ވަރަށް ބޮޑު ފައިދާއަކަށެވެ. އެގޮތުން ބޮޑުތަކުރުފާނު އިސްވެ ހުންނަވައި އުތީމު ތިންބެއިން ވިޔަޒޯރުގެ މިޒާޖުގެ ފައިދާ ނަގައިގެން "ކަޅުއޮއްފުންމި" ބެންނެވިއެވެ.

ކަޅުއޮށްފުންމި ބަންނަވައިން ބޮޑުތަކުރުފާނުގެ ކުޑަކުޑަ ލަޝްކަރު މަލިކަށް ދަތުރު ކުރައްވަން ފެއްޓެވިއެވެ. މިދަތުރުތަކުގައި މަލިކުން އަލީ ހާޖީއާއި ހަސަން ހާޖީއާ ބައްދަލުވެ ވަޑައިގެންނެވިއެވެ. ބޮޑުތަކުރުފާނުގެ ލަޝްކަރާ މި ދެބެއިން ވެސް ގުޅި ވަޑައިގެންނެވިއިިރު ދެން އިތުރަށް މިލަޝްކަރުގައި އުޅުއްވީ ދުވާފަރު ޢަލީ ދަންޑެހެލެވެ.

އަނދިރިއަނދިރީގެ އަމުރަށް ވިޔަޒޯރު އުތީމު ތިންބެއިންނާއެކުގައި ކަޅުއޮށްފުންމީގައި މާލެދާން ދިޔަ ދަތުރުގައި ޕޯޗްގީޒު ސިފައިން ވިޔަޒޯރު ގަތުލު ކުރި ހިސާބަކީ އުތީމު މަހާރަދުންގެ ޤައުމީ ޖިހާދު ފެއްޓެވި ހިސާބުކަމަށް ތާރީހީ ލިޔުންތަކުން ފެންނަން އެބައޮތެވެ.

އަނދިރި އަނދިރިން މަރައިލީ ސީދާ ބޮޑުތަކުރުފާނު

ޕޯޗުގީޒުންގެ އަނިޔާވެރިކަން ހައްދު ފަހަނައަޅައި ގޮސް މި ދިވެހި ފަަސްގަނޑުން އިސްލާމްދީން އެއްކޮށް ފުހެވިގެން ގޮސްދާނެކަމުގެ ބިރު ހީވި ވަގުތު ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ލަޝްކަރު އިންޑިޔާގެ ކަންނަންނޫރަށް ގޮސް އެތަނުގެ އަލީ ރާޖާއާ ބައްދަލު ކުރައްވައި ލަޝްކަރު ބޮޑު ކުރެއްވިއެވެ.

ލަޝްކަރު ބޮޑުކުރައްވައި ލަޝްކަރައިގެން ރާއްޖެވަޑައިގެންނެވި އިރު ރާއްޖޭގެ ހާލަތަކީތޯއެވެ. އެތަކުރުފާނު ރާއްޖެ ވަޑަައިގެންނެވި އިރު ކްރިސްޓިއަން ދީނަށް ނުވަންނަ ކޮންމެ މީހަކު ގަތުލު ކުރާނޭ ކަމަށް ޕޯޗުގީޒުން އޮތީ އިއުލާނު ކޮށްފައެވެ. އެހެންކަމުން މާލޭގައި ތިބި އިސްލާމް ދީން ދެކެ ލޯބިވާ މީސްމީހުން އަތު ޖެހުނު ހަތިޔާރެއް އެއްކޮށް ޕޯޗުގީޒުންނާ ހަނގުރާމަ ކުރަން ތައްޔާރު ވަނީއެވެ. މިއީ ވެސް ބޮޑުތަކުރުފާނަށް ލިބިވަޑައިގެންނެވި ހިތްހަމަޖެހުމެކެވެ.

ޕޯޗުގީޒުންގެ އަނިޔާވެރި ލަޝްކަރާއި ހަނގުރާމަ ފައްޓަވައި ވަރުގަދަ "ކަނޑުގެ ބާޒު" ބަލިކޮށްލެއްވިއެވެ. އަނިޔާވެރިކަމުގައި ހައްދު ފަހަނަ އަޅައިފައިވާ އަނދިރި އަނދިރިން މަރުވީ ސީދާ ބޮޑުތަކުރުފާނު ޖެއްސެވި ބަޑިއަކުން ކަމަށް ތާރީހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެއެވެ.

މި ހަނގުރާމަ ހިނގާ ރާއްޖެ މިނިވަންވީ ހިޖުރައިން 981 ވަނަ އަހަރު ރަބީޢުލްއައްވަލު މަހުގެ 1ވަނަ ދުވަހުއެވެ. މީލާދީ ގޮތުން އެއީ 1573 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހެވެ.

Ads by Allied Insurance
  1. ސަންފަ

    އަދިރި އަދިރިންނަކީ އެންޑްރޭ އެންޑްރޭޑް ކަން ބުނެދިން ގޮތަށް ބޭދާޅީ އަކީ ކޮން ތަނެއްކަންވެސް ބުނެދީފައޮތް ނަމަ ރަގަޅުވީސް