ޚަބަރު އިޖުތިމާޢީ

ނޮޅިވަރަމް ކައުންސިލްގެ ގުރުއާން މުބާރާތް ފަށައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ ކައުންސިލް

ހދ. ނޮޅިވަރަމް ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ފުރަތަމަ ގުރުއާން މުބާރާތް އިއްޔެ ފަަށައިފިއެވެ.

Ads by STELCO

"ދެން"އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމް ކައުންސިލުގެ މީޑީއާ ކޯޑިނޭޓަރ މުޙައްމަދު މުޞްޠަފާ (މުމުހު) ވިދާޅުވީ މި މުބާރާތް ފެށީ އިއްޔެ މެންދުރު 2 ޖެހިއިރު ކަމަށާއި މުބާރާތް ކުރިއަށް ދާނީ މިއަދުގެ ނިޔަލަށް ކަމަށެވެ.

މުބާރާތް ބޭއްވުމުގެ މަޤްސަދަކީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ގުރުއާން މުބާރާތައް ރަށް ތަމްސީލުކުރާނެ ދަރިވަރުން ހޮވުމާއި ފާއިތުވި އަހަރު އަތޮޅު ގުރުއާން މުބާރާތުގައި އެ ރަށަށް ލިބުނު އެއްވަނަ ދިފާއުކޮށް، އިތުރުވަނަތައް ހޯދުމާއި އަތޮޅު ގުރުއާން މުބާރާތަށް ދަރިވަރުން ތައްޔާރުކުރުމަށް ކައުންސިލުން ހާއްސަ ސަމާލުކަމެއްދީގެން އެ މަސައްކަތްކުރެއްވުން ކަމުގައި މުމުހު ވިދާޅުވިއެވެ. އަދި އަމާޒަކީ ޤައުމީ ފެންވަރުގައި ރަންވަނަ ތަކެއް ރަށެއް ހޯދުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މުބާރާތް ޝަރަފުވެރިކޮށްދެއްވައިފައި ވަނީ  ނޮޅިވަރަން ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލީހުގެ ރައީސް އަލީ އަބްދުއްރަހްމާނެވެ. މުބާރާތް ޝަރަފުވެރިކޮށް ދެއްވާ އޭނާ ދެއްކެވި ވާހަކަފުޅުގައި ގުރުއާނުގެ އިލްމުގެ މުހިންމުކަމާ ބެހޭ ގޮތުން ވަނީ ވާހަކަ ދައްކަވައިފައެވެ. އަދި ތުއްތު ކުދިން ގުރުއާނަށް އަހުލުވެރިކުރުވުމަށް މިފަދަ މުބާރާތްތައް ބޭއްވިގެން ދިއުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވެސް އޭނާ ވަނީ  ފާހަގަކުރައްވައިފައެވެ.

ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ގޮއްޕެއްކަމުގައިވާ ވިދާ ތަރި ގޮފި ހިމަނައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ޖުމްލަ 87 ދަރިވަރުން ވާދަ ކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!