ޚަބަރު

ނަފްސާނީ ބަލިތަކަށް ފަރުވާދެއްވާ ބޭފުޅުންގެ ކޯޑު އޮފް އެތިކްސް ގާއިމްކޮށް އަމަލުކުރުން މުހިންމު: ފަޒްނާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ނަފްސާނީ ބަލިތަކަށް ފަރުވާދެއްވާ ބޭފުޅުންގެ ކޯޑު އޮފް އެތިކްސް މުހިންމު ކަމަށާއި ވީ އެންމެ އަވަހަކަށް ޤާއިމުކުރެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ.

Ads by Sosun Fihaara

ފަޒްނާ އަޙްމަދު މިފަދައިން ވިދާޅުވެފައި ވަނީ ވިލާ ކޮލެޖްގެ ސައިކޮލޮޖީ އެސޯސިއޭޝަން އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ވިލާ ކޮލެޖުގެ ހޯލުގައި ކުރިއަށް ދިޔަ މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވަނީ ނަފްސާނީ ޚިދުމަތްދެއްވާ ފަރާތްތަކުން އެ ޚިދުމަތްދިނުމުގައި އެތިކްސްގައި ހިފެހެއްޓެވުމަށާއި، އޭގެ ސްޓޭންޑަރޑް ކޮމްޕްރަމައިޒް ނުކުރެއްވުމަށް އެދި ވަޑައިގެންފައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެކަމަނާ ވަނީ ނެޝަނަލް މެންޓަލް ހެލްތް ސްޓްރެޓިޖިކް ޕްލޭން 2016 – 2021ގައި ވާގޮތުގެ މަތީން ނަފްސާނީ ބަލިތަކަށް ފަރުވާދެއްވާ ބޭފުޅުންގެ ކޯޑު އޮފް އެތިކްސް ކަމާބެހޭ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ޤާއިމުކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި އެކަމަނާ ވަނީ ކޯޑް އޮފް އެތިކްސް ޤާއިމުވެ އެއަށް ޢަމަލުކުރަން ފެށުމުގެ މުހިންމުކަމުގެ މައްޗަށް މި ޙަފްލާގައި އަލިއަޅުއްވައިލައްވައިފައެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވަނީ ރާއްޖޭގައި ވެސް ނަފްސާނީ ބަލިމަޑުކަން ތަޙައްމަލުކުރަމުންދާ މީހުން އިތުރުވަމުންދާކަން ފާހަގަކުރައްވައިފައެވެ. އަދި އެކަމަނާ ވަނީ މިކަމަށް ޙައްލު ހޯދުމަށް ހުރިހާ މުވައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް އިޙްސާންތެރިވުމުގެ ސިފައަށަގެންނެވުމަށް އެކަމަނާ ބާރު އެޅުއްވެވިއެވެ. އަދި އެކަމުގެ ސަބަބުން މުޅި މުޖުތަމަޢަށް ލިބިގެންދާނެ ފައިދާތަކަށާއި އެކަމުގެ މުހިންމުކަމުގެ މައްޗަށް މި ޙަފްލާގައި އެކަމަނާ އަލިއަޅުއްވައިލެއްވެވިއެވެ.

މިއަދުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވިލާ ކޮލެޖުން އިސްނަގައިގެން ސައިކޮލޮޖީ އެސޯސިއޭޝަނެއް އެކޮލެޖުގައި ޤާއިމުކުރުމުން އެކަމަށް ތަޢުރީފުކުރައްވައިފައެވެ. އެގޮތުން އެކަމަނާ ވަނީ ކޮލެޖުގެ ސްޓްރޭޓިޖިކް ޕްރަޔަރަޓީއަކަށް ނަފްސާނީ ދުޅަހެޔޮކަންވެ ކޮލެޖުގެ މުސްތަޤްބަލު ބިނާކުރުމުގައި ނަފްސާނީ ދުޅަހެޔޮކަން އިސް ދައުރެއް އަދާކުރުމަށް އެކަމަނާ އެދިވަޑައިގަންނަވާކަމަށާ، އަދި އޭގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ލީޑިންގ ކޮލެޖަށް ވިލާ ކޮލެޖު ވެގެން ދިއުމަށް ވެސް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

ވިލާ ކޮލެޖުގެ ސައިކޮލޮޖީ އެސޯސިއޭޝަން އުފެއްދެވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ވިލާކޮލެޖުގެ ފަރާތްތަކަށާއި، މުޖުތަމަޢުގެ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!