ޚަބަރު

ނާކާމިޔާބީގެ 100 ޕަސެންޓް ޒިންމާ އަޅުގަނޑު ނަގަން: ސުޒޭން

ރައުފާ ރަޝީދު ، ދެން އޮންލައިން

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރޭ އިންޑިއާއާ ވާދަކޮށް މެޗުން ބަލިވެ، ފައިނަލުގެ ފުރުސަތު ނުލިބި ރާއްޖެ މުބާރާތުން ވަކިވުމުން އެކަމުގެ 100 ޕަސެންޓް ޒިންމާ ނަގާ ކަމަށް ގައުމީ ކޯޗު އަލީ ސުޒޭން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ވިދާޅުވީ "ނާކާމިޔާބީގެ ޒިންމާ 100 ޕަސެންޓް އަޅުގަނޑު ނަގަން،" ކަމަށެވެ. އަދި މިފަހަރު ތަށި ނުލިބުމަކީ އޭނާއަށް ލިބުނު މާޔޫސްކަމެއް ކަމަށް ވިދާޅުވިއެވެ.

ސުޒޭން އިތުރަށް ވިދާޅުވީ ކުޅުންތެރިން ވަރަށް ހިތްވަރުކޮށްފި ކަމަށާއި، އެކަމަށް ތައުރީފު ހައްގު ކަމަށެވެ. އަދި “އަޅުގަނޑުމެން ބަދަލުކޮށްލަން ބޭނުންވި ފުޓްބޯޅައިގެ ކޮންމެވެސް ވަރެއްގެ ކުލައެއް ޖެހުނުކަން ފާހަގަކޮށްލަން ޖެހޭ” ކަމަށް ސުޒޭން ވިދާޅުވިއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހަށް ކުރިޔަށްދާ މި މުބާރާތުގައި ރޭ ކުޅުނު މެޗަކީ މި މުބާރާތުގެ ދިހަވަނަ މެޗެވެ. އެ މެޗުގައި 3 ލަނޑު 1 ލަނޑުން ކުރި ހޯދައި މެޗް ކާމިޔާބުކުރީ އިންޑިއާގެ ޓީމެވެ. މި ނަތީޖާއާއެކު އިންޑިއާގެ ޓީމު ވަނީ މުބާރާތުގެ ފައިނަލަށް ގޮސްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!