އަމާންކަމާއި ހިމޭންކަމުގެ ދަނގެއްޗަށް ބިރުވެރިކަމާއި ހިތާމައިގެ ސާލެއް!
އަތޮޅުތަކުގެ ރަށްތަކަކީ އާންމު ގޮތެއްގައި ވެސް ވަރަށް އަމަން އަމާންކަންމަތީ ދިރިއުޅެވޭ ރަށްރަށެވެ. ނަމަވެސް މިއަދު މުޅި ރާއްޖެއަށް ކުއްލި ސިހުމެއް ގެނައީ އަމާންކަމާއި ހިތްހަމަޖެހުމުގެ މާހުލެއްގެ ގޮތުގައި އެންމެން އިއްތިފާގުވާ އދ. ދަނގެތީގައި މީހަކު މަރައިލައިފައި، ގޯންޏަކަށް ލައި، އެކޮޅުކޮޅުން ވަަޅަކަށް ތިރިކޮށްފައިވާ ޚަބަރުންނެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވެފައި ވަނީ ދަނގެތީ މޮނަލާޒް/ މަޙްމޫދު އަބޫބަކުރުއެވެ. އުމުރުން 57 އަހަރުގެ މަޙްމޫދަކީ އެ ރަށުގެ ވިޔަފާރިވެރިއެކެވެ.
މަޙްމޫދަކީ އެންމެންގެ އެކުވެރިއެއް!
މަޙްމޫދާ ބެހޭ ގޮތުން "ދެން"އަށް މައުލޫމާތު ދެމުން ނަން ހާމަ ނުކުރުމަށް އެދި އޭނާގެ ގާތް އެއް އެކުވެރިއަކު ބުނީ، މަޙްމޫދަކީ އާދަޔާ ޚިލާފަށް ރަނގަޅު މީހެއް ކަމަށާއި މީހުންނަށް ވެސް އިންތިހާއަށް ހެޔޮ މީހެއް ކަމަށެވެ.
"މީހަކު މަރުވެފައިވާތީ، މަރުވެފައިވާ މީހުންނާ މެދު ހެޔޮ ބަހެއް މެނުވީ ބުނަން ނުޖެހޭނެތީއެއް ނޫން މިހެން މިބުނަނީ. މިއީ ހަމަ ހަގީގަތް. އޭނާ (މަޙްމޫދް)އަކީ މީހުންނަށް ވަރަށް ރަނގަޅު މީހެއް. ވަރަށް ހިތްހެޔޮ ވާނެ، ވަރަށް އެކުވެރި އަދި އެހާމެ މަޖާ ވާނެ" އޭނާގެ އެކުވެރިޔާ ކިޔައިދިނެވެ.
މައުލޫމާތު ދިން މީހާ އިތުރަށް ބުނީ، ރޭ ގެސްޓްހައުސްގައި މެޗު ބަލަން ތިބުމަށް ފަހު އޭނާއާ އެހެން އެކުވެރިންތަކެއް ދިޔައީ މަޙްމޫދުގެ ދަރިން ހިންގާ ހޮޓަލަށް ކަމަށެވެ. އެއިރު އެ ހޮޓާ ތެރޭގައި މަޙްމޫދު ވެސް ޓީވީ ބަލަން އިން ކަމަށާއި މެޗު ނިމުމުން މަޙްމޫދު އެތަނުން ނުކުތް ކަމަށް އެގޭ މީހުން ބުނި ކަމަށް ވެސް އޭނާ ބުންޏެވެ.
"އޭނަ ދިޔައިރު ވެސް އަހަރުމެން ތިބީ ހޮޓަލުގައި ކޮފީ ބޯން. އެ ނުކުމެގެން ދިޔަ ގޮތަށް ޚަބަރެއް ނުވީ. ހެނދުނު އަޅުގަނޑު ބަގީއަށް އަރައިގެން ދުއްވަނިކޮށް އެ ގޭ ކުދިން ވަރަށް ބާރަށް މަގުގެ އެއްކޮޅުން އަނެއްކޮޅަން ދުއްވާތަން ފެނޭ. ކިހިނެއްވީތޯ އެހުމުން އެމީހުން ބުނި އެއްޗެއް އެހާ ސާފެއް ނުވި. ދެން އޮފީހުން ގޮވި އަޑު އިވުނީ މަޙްމޫދު ގެއްލިގެން ހޯދަނީއޭ. ދެން އަޅުގަނޑުވެސް ހޯދަން ފެށީ" މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ މަޙްމޫދު ހޯދުމުގެ މަސައްކަތުގައި ގްރޫޕް ހަދައިފައި ރައްޔިތުން ނުކުމެ މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. ނަމަވެސް ނުފެނުމުން، މެންދުރު ހުއްޓައިލައިފައި، ކައިގެން އަނެއްކާ ވެސް މަޙްމޫދު ހޯދުމުގެ މަސައްކަތް ފެށި ކަމަށް އޭނާ ބުންޏެވެ.
"އެކި މީހުން އެކި ދިމާލަށް ދިޔައީ. އަޅުގަނޑަށް އިއްތިފާގުން ދެވުނީ ފަޅުގެއާ ކައިރި ދިމާލަށް. އެ ފަޅު ގޯތީގައި ހުރި ވަޅު ކައިރިއަށް އެންމެން ދުއްވައިގަތްތަން ފެނުމުން އަޅުގަނޑު ވެސް ދިޔައިން. އެންމެން އެއިރު ރޮނީ. ވަޅު ކައިރިއަށް ގޮސް ބަލައިލި އިރު މަޙްމޫދު ފެނުނީ. އޮތީ ބޯކޮޅު ވަތަށް، ފައިކޮޅު މައްޗަށް ގޯންޏަކަށް ލައިފައި، އައްސާފަ ވައްޓައިލައިފަ" އަޑު ތުރުތުރު އަޅާ ހާލުގައި އޭނާ ކިޔައި ދިނެވެ.
ވަޅު ތެރޭގައި ލޭތައް ހުރީ ގަނޑުވެފައި
އެ ރަށުން "ދެން" އަށް މައުލޫމާތު ދިން އެހެން މީހަކު ބުނި ގޮތުގައި މަޙްމޫދުގެ ހަށިގަނޑު ވަޅުން ނަގަން ވަޅަށް ފޭބި އިރު ވަޅުގެ އަޑީގައި ހުރީ ލޭތައް ގަނޑު ވެފައެވެ. އަދި އޭނާ ނަގަން ފައި ޖެހުނު ތަނުން މުޅި ވަޅު ލެއިން ފުރުނު ކަމަށް ވެސް ބުންޏެވެ.
މި ހިސާބަށް މައުލޫމާތު ލިބުމުން ދެން ސުވާލު އުފެދުނީ، މީހަކު މަޙްމޫދު މަރައިލަންވީ ކޮން ސަބަބަކާ ހެދިތޯއެވެ. އެގޮތުން އޭނާ ދެކެ ރުޅި އަންނަ ބަޔަކު ތިބިތޯ ސުވާލު ކުރުމުން އޭނަގެ އެކުވެރިން ބުނީ އެފަދަ މީހަކު ހުރިކަން އެނގިފައި ނުވާ ކަމަށެވެ.
"ހަމަ ގައިމު ވެސް ހަސަދަވެރިވެގެން، ރުޅި އައިސްގެން، އަރައިރުން ވެގެން ހުންނަ މީހަކު ނުހުންނާނެ. އޭނާއަކީ އެންމެންނާ ވެސް ވަރަށް ގުޅޭ މީހެއް. އެހެންވެ އެކަހަލަ މައްސަލައެއް ނުޖެހޭނެ. އެކަމަކު ބޮޑަށް ހީވަނީ ފައިސާގެ ކަމެއްހެން ތި އުޅެނީ. މަޙްމޫދަކީ ވޮލެޓަށް ވަރަށް ބިރުވެރިކޮށް ފައިސާ ލައިގެން އަބަދުވެސް އުޅުނު މީހެއް. މިބުނީ، އޭނަ އަބަދުވެސް ވަރަށް ގިނަ ފައިސާ ވޮލެޓުގައި ބަހައްޓާނެ. އަހަރުމެން އޭނަ ކައިރީ ބުނަން އެހެން ނުހަދަން ވެސް" މަޙްމޫދުގެ އެއް އެކުވެރިއަކު ބުންޏެވެ.
މަޙްމޫދުގެ މަރާ އެކު މުޅި ރަށަށް މޮޅިވެރިކަން!
މަޙްމޫދުގެ މަރާއެކު މުޅި ދަނގެތި ކަރުނަ އަޅައެވެ. މިފަދަ ހާދިސާއެއް ހިނގުމުން ކަރުނައިން ނުތެމޭ ލޮލެއް މި ވަގުތު އެރަށަކު ނެތެވެ. އޭގެ އިތުރުން މުޅި ރަށަށް މިވަގުތު ވެރިވެފައި ވަނީ ބިރުވެރިކަމާ ނާމާންކަމެވެ.
މަޙްމޫދު މަރައިލުމާ ގުޅިގެން ޝައްކު ކުރެވޭ ދެ މީހަކު މިހާރު ވަނީ ފުލުހުންގެ ހަވާލުގައި އެ އިދާރާއަށް ގެންގޮސްފައެވެ. ދަނގެތީ ކައުންސިލު ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ، އެ ދެ މީހުންގެ މައްޗަށް ރަށުގެ ބައެއް ރައްޔިތުން ޝައްކު ކުރާތީ، އެމީހުންގެ ސަލާމަތަށް ޓަކައި ފުލުހުން އެމީހުންނަށް ހިމާޔަތް ދިނީ ކަމަށެވެ.
އެ ދެ މީހުންނާ ބެހޭ ގޮތުން މައުލޫމާތު ދެމުން އެ ރަށު މީހަކު ބުނީ، އެއީ ތޮއްޑޫއަށް ނިސްބަތްވާ ދެމީހެއް ކަމަށާއި އެމީހުުންގެ މައްޗަށް ޝައްކު ކުރެވެނީ އެ މީހުންނަކީ ކުރިން ވެސް މާރާމާރީއާއި ވައްކަން ކުރުން ފަދަ ކުށްތައް ކުރަމުން ދިޔަ ބަޔަކަށް ވެފައި، އެގޮތަށް އުޅޭ އިތުރު ބަޔަކު ދަނގެތީގައި ނޫޅޭތީ ކަމަށެވެ.