މަޙްމޫދުގެ މަރު: "ހާދަ އަނިޔާއެއް ދީފައޭ، އިންސާފު ބޭނުން"
އދ. ދަނގެތީ މޮނަލާޒް، މަޙްމޫދު އަބޫބަކުރު މަރައިލި ހާދިސާއަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގި އެންމެ ރަޙުމް ކުޑަ، އަދި އެހާމެ ހިތްދަތި އެއް ހާދިސާ ކަމުގައި ވެގެން ދާނެއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ގަތުލްކޮށްލި މަހުމޫދުގެ ހަށިގަނޑު ފެނިފައި ވަނީ ޖެހިގެން އައި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. މަޙްމޫދުގެ ހަށިގަނޑު ފެނުނީ އެ ރަށުގެ ފަޅު ގެއެއްގައި ހުރި ވަޅެއްގެ ތެރެއިންނެވެ.
މި ހާދިސާ އެންމެ ގާތުން ފެނުނު އެކަކު ކަމަށްވާ ޢަބަދުލްއަޒީޒް ޢުމަރު ވަނީ ހާދިސާއާ ގުޅޭ އިތުރު ތަފްސީލު "ދެން"އާ ހިއްސާ ކޮށްފައެވެ. ޢަބްދުލްއަޒީޒަކީ މަރްޙޫމް މަޙްމޫދުގެ އަންހެނުން މޫމިނާ އުމަރުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.
ބޮލުން ގޯނި ނެގުމުން ފެނުނީ ހިތް ފަޅައިގެން ދާވަރު މަންޒަރެއް!
ކޮއްކޮ މޫމިނާގެ ފިރިމީހާ މަޙްމޫދު، މަރައިލައިފައި ވަޅަކަށް އެއްލައިލައިފައިވާ ޚަބަރު ލިބުމާ އެކު ޢަބްދުލްއަޒީޒް ވީ އެންމެ އަވަހަކަށް މާލެއިން ދަނގެއްޗަށް ދިޔައެވެ.
އޭނާ ދިޔައިރު، މަޙްމޫދުގެ ހަށިގަނޑު ވަޅުން ނަގައި ބާއްވައިފައި އޮތީ ސަހަރާގައެވެ.
"އެއިރު އޮތީ އުއި ގޯނީގެ ބޮޑު ގޯންޏެއް އެއިރު އޮތީ ބޮލުގައި އަޅައިފައި. ފައިކޮޅުގައި ވެސް ގޯނި އަޅައިފައި އޮތް. މަޙްމޫދުގެ ބޮލުގައާއި ފައިގައި އަޅައިފައި އޮތް ގޯނި، ފުލުހުންނާއި ޑޮކްޓަރުން ނެގީ އަޅުގަނޑުގެ ހާޒިރުގައި. އެ ރަޙުމް ކުޑަ ޒަހަމްތައް، ދީފައި ހުރި އަނިޔާތައް ބަލައިލައިފައި އަޅުގަނޑުގެ ހިތް ފަޅައިގެން ދާ ވަރުވި. އަޅުގަނޑު ބޭނުންވީ އެ ޒަހަމްތައް ގުނައިލަން" ޢަބްދުލްއަޒީޒް ބުންޏެވެ.
ޢަބްދުލްއަޒީޒް ބުނީ ބޮލާއި ކަނދުރާ މައްޗަށް ވެސް އަނިޔާކޮށްފައި ހުރި ކަމަށާއި ދީފައި ހުރި ޒަހަމްތަކުގެ އަދަދާއި ފުންމިނުގެ ތަފްސީލެއް ވެސް ކިޔައިދޭނެހާ ހިތްވަރު މިވަގުތު އޭނާގެ ނެތް ކަމަށެވެ. އެ ވާހަކަތައް ބުނެދޭން މިވަގުތު ދަތިކަމަށް ޢަބްދުލްއަޒީޒް ބުނި ނަމަވެސް، އޭނާ ބުނީ މަޙްމޫދު ބޮލުން ފެށިގެން އެއްކޮށް ގޯންޏެއް މަހައިފައި އޮތުމުން، އޭނާގެ އެއް އަތް އޮތީ ވަރަށް ބޮޑަށް ގުދުވެފައި ކަމަށެވެ.
ގެއްލުނު އެއްޗެހީގެ ތެރޭގައި 20،000 ރުފިޔާ އަދި ރަން ޕްލެޓް ގަޑިއެއް!
މަޙްމޫދު މަރައިލީ އޭނާގެ ފައިސާގެ ދަހިވެތި ކަމުގައި ކަމަށް މީގެ ކުރިން ރަށުގެ ބައެއް މީހުން ވެސް ވަނީ ޝައްކު ކޮށްފައެވެ. ނަމަވެސް އެ ޝައްކު ޔަގީނާ ގާތް ކުރަނީ، މަޙްމޫދުގެ ހަށިގަނޑު ފެނިފައިވީ ނަމަވެސް، އޭނާގެ ބައެއް ތަކެތި ވެސް ގެއްލިފައި ވުމުން ކަމަށް މިހާރު ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.
"އޭނަގެ އަތުގައި އޮންނާނެ ރަން ޕްލެޓު ގަޑިއެއް. އެ ގަޑިއެއް ނެތް. ލައިގެން ހުރި ފަޓްލޫނާއި ގަމީސް ގައިގައި އޮތް. އެކަމަކު އޭނާ އާންމުކޮށް ހިފައިގެން އުޅޭ ތަޅުދަނޑިއެއް ވެސް ނެތް. އެއީ އެސްޓީއޯއިން ދޫކުރާ ކާޑުގެ ބާވަތްތައް ބަހައްޓައިފައި ހުންނަ އޭނަގެ (މަޙްމޫދުގެ) ގުދަނުގެ ތަޅުދަނޑި. މަޙްމޫދުގެ މޯބައިލް ފޯނު ފެނިފައެއް ނުވޭ. ފައިވާން ފެނިފައެއް ނުވޭ، ފޯނު ވެސް ނުފެނޭ އަދި އޭނަގެ ނަންބަރު އައިނު ވެސް ފެނިފައެއް ނުވޭ. މީގެ އިތުރުން މަޙްމޫދުގެ ވޮލެޓު ވެސް ފެނިފައެއް ނުވޭ. އަޅުގަނޑުގެ ކޮއްކޮ ބުނި ގޮތުގައި އެ ވޮލެޓުގައި ހުންނާނެ މަދުވެގެން 20،000 ރުފިޔާ" ޢަބްދުލްއަޒީޒް ކިޔައިދިނެވެ.
ޢަބްދުލްއަޒީޒް ބުނީ މަޙްމޫދު ގެންގުޅޭ އެއްޗެހީގެ ތެރެއިން މި ތަކެތި އަދިވެސް ފެނިފައި ނުވާތީ ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން އަދިވެސް ކުރަމުންދާ ކަމަށެވެ.
ހޮޓަލުން ނުކުތީ ކޯލެއް އައިސްގެން، ފޯނު އަދިވެސް ނުފެނޭ!
މަޙްމޫދު މަރައިލި ހިތާމަވެރި ހާދިސާ ހިނގައިފައި ވަނީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ ބައްދަލު ކުރި މެޗު އޮތް ރޭގައެވެ. އެރޭ މަޙްމޫދާއި އޭނަގެ އަންހެނުން މޫމިނާ އެ ވަގުތު ތިބީ އެމީހުންގެ ދަރިން ހިންގާ ހޮޓަލުގައެވެ. އެހެން އިނދެފައި މަޙްމޫދު ހޮޓަލުން ނުކުތީ އޭނައަށް ކޯލެއް އައުމުން ކަމަށް އޭނަގެ އަންހެނުންނާ ހަވާލާދީ ޢަބްދުލްއަޒީޒް ބުންޏެވެ.
"ކޮއްކޮ ބުނީ ފޯނު ކޯލެކޭ އައީ. ވާހަކަ ދައްކަމުން މަޙްމޫދު އެހި އަޑު އިވުނޭ މިގަޑީގައި ހެއްޔޭ. އެމީހުންނަކީ ޑެލިވަރީގެ ހިދުމަތް ވެސް ދޭ ބަޔަކަށް ވާތީ އެގޮތަށް ރޭގަނޑު ގަޑީގައި ވެސް ކޯލު އަންނާނެ. ކޮއްކޮ ބުނީ އެހެން ބުނެފައި ބޭރަށޭ ނުކުތީ. އެ ދިޔަ ގޮތަށް އެ ދިޔައީ" މާޔޫސް ކަމާއެކު ޢަބްދުލްއަޒީޒް ކިޔައިދިނެވެ.
އޭނާ ބުނީ މަޙްމޫދަށް ގުޅީ ކާކު ކަމެއް އަދި އެނގިފައި ނުވާ ކަމަށެވެ. އަދި އޭނާގެ ފޯނު ފެނިފައި ނުވި ނަމަވެސް މަޙްމޫދު ނިޔާވި ފަހުން ވެސް އެ ފޯނަށް ގުޅުނު ކަމަށާއި ފޯނު ހޯދަން ޓްރޭސް ކުރަނިކޮށް އިއްޔެ މެންދުރު 11:00އާއި 12:00އާ ދެމެދު އެ ފޯނު ނިއްވައިލި ކަމަށެވެ. އެހެންކަމުން އިތުރަށް ޓްރޭސް ކުރެވޭ ގޮތް ނުވި ކަމަށް ވެސް ބުންޏެވެ.
މަޙްމޫދު ނިޔާވުމާ ގުޅިގެން އޭނާގެ އަނބިމީހާއާއި ދަރިންގެ ހާލު ވެސް ވަނީ ވަރަށް ދެރަވެފައެވެ. ނަމަވެސް އެ އާއިލާ ހިތްވަރާ އެކު މަސައްކަތް ކުރަނީ މަޙްމޫދަށް އިންސާފު ހޯދައި ދިނުމަށެވެ. ގާތިލުން ހޯދައި އެންމެންނަށް ހާމަ ކުރުމަށެވެ.