ބޮލީވުޑް މުނިފޫހިފިލުވުން

އާޝާ ބޯސްލޭގެ މާމަ ދަރި ބޮލީވުޑަށް ނެރެދެނީ ބަންސާލީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ އަދި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ މާމަ ދަރި ޒަނާއީ ބޮލީވުޑަށް ނެރެދޭން އާޝާ ބޭނުން ވަނީ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ކަމަށް އޭނާ ބުނެފިއެވެ.

Ads by STELCO

ބޮލީވުޑްގެ ޚަބަރުތައް ގެނަސްދޭ މީޑިއާތަކުން ބުނީ ޒަނާއީ ބޮލީވުޑަށް ނިކުންނަން ޝައުގުވެރިކަން ފާޅުކުރަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު އެކަން އޭނާގެ މާމަ އާޝާއާ ހިއްސާކޮށްފައިވާ ކަމަށެވެ. ޒަނާއީ ވަނީ މީގެ ކުރިން ލަވަކިޔުމުގެ ދާއިރާއަށް ނިކުންނަން ވެސް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވުމާ އެކު މިހާރު ބޭނުން ވަނީ ފިލްމު ކުޅެންކަމަށް ރިޕޯޓުތައް ބުނެއެވެ.

ޒަނާއީ ލޯންޗު ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަން އާޝާ ވަނީ ބަންސާލީއަށް ގިނަ ކޯލްތަކެއް ކޮށްފައެވެ. އަދި ދެފަހަރެއްގެ މަތިން ބަންސާލީއާ ބައްދަލުކުރަން ވެސް ދިޔަކަމަށް ވެއެވެ. ބަންސާލީ މިހާރު ވަނީ ޒަނާއީއާ ވެސް ބައްދަލުކޮށްފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

ޒަނާއީ އެކްޓިންގެ ދާއިރާއިން ތައުލީމު ހާސިލްކުރިކަން މިހާތަނަށް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް ކުރީގެ މަޝްހޫރު ބަތަލާ ޝަބާނާ އާޒްމީ ކައިރިން ބައެއް ތަމްރީނުތައް އޭނާ ހޯދިކަމަށް ވެއެވެ.

ބަންސާލީ މިހާރު ތައްޔާރުވަމުން ދަނީ އޭނާގެ ބޮޑު ފިލްމު "ގަންގޫބާއީ ކަތިއަވަޑީ" ސިނަމާތަކުގައި އެޅުވުމަށެވެ. އަނެއްކޮޅުން އޭނާގެ ފުރަތަމަ ވެބް ސީރީޒް "ހީރާ މަންޑީ"ގެ މަސައްކަތް ފަށަން ގިނަ ތައްޔާރީތަކެއް ވަމުން ދާއިރު ބެލެވޭ ގޮތުގައި އެ ސީރީޒްގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެއެވެ.

ބަންސާލީއަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ކުޅަދާނަ އަދި ކާމިޔާބު އެއް ޑައިރެކްޓަރެވެ. އޭނާގެ މޮޅު ފިލްމުތަކުގެ ތެރޭގައި "ހަމް ދިލް ދޭ ޗުކޭ ސަނަމް"، "ރާމްލީލާ"، "ބާޖީރާއޯ މަސްތާނީ"ގެ އިތުރުން "ޕަދްމާވަތު" ފަދަ ފިލްމުތައް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!