ޚަބަރު އިޖުތިމާޢީ

ރާއްޖެ އައި ފްލެމިންގޯތަކެއް ހިފައިގެން ވިއްކަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހިޖުރަކުރާ ދޫނިތައް ހިފުން މަނާކޮށްފައި ވަނިކޮށް ރާއްޖެއިން ފެނުނު ފްލެމިިންގޯ ދޫނިތަކެއް ހިފައިގެން ވިއްކަމުންދާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

Ads by MWSC

ޝޯޝަލް މީޑިޔާގައި ވެސް ގިނަ އަދަދެއްގެ ފްލެމިންގޯތަކެއް ފެންނަ ފޮޓޯއެއް ވަނީ އާއްމުވެފައެވެ. ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫނިތައް ފެނިފައި ވަނީ ހއ. އަތޮޅުގެ ރަށްރަށުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިގޮތުން ހއ. ފިއްލަދޫ އާއި، ހއ. މުރައިދޫ އަދި ހއ. ބާރަށުގެ އިތުރުން ހދ. ކުޅުދުއްފުށިން ވެސް ފްލެމިންގޯތައް ފެނިފައިވާ ކަމަށް ޝޯޝަލް މީޑިޔާގައި ފޮޓޯ ހިއްސާ ކުރި ފަރާތުން ބުނެއެވެ.

ފްލެމިންގޯ ދޫނިތައް އުތުރުގެ ރަށްތަކުން ފެނިފައިވާ އިރު މިދޫނިތައް ހިފައި ދޫނި ވިއްކާ ވައިބަ ގުރޫޕްތަކުގައި 30 ހާހަށް ވިއްކަން ވަނީ ޖަހައިފައެވެ.

ފްލެމިންގޯއަކީ ރާއްޖޭގައި ނޫޅޭ ވައްތަރެއްގެ ދޫންޏެކެވެ. ހިޖުރަކުރާ މިފަދަ ދޫނިތައް ހިފައިގެން ވިއްކުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ކަންކަން ކުރާ ފަރާތްތަކުން ބޮޑެތި އަދަދުން ޖޫރިމަނާ ކުރެވޭނެއެެވެ.

މިގޮތުން ހިމާޔަތްކޮށްފައިވާ ދޫނި ހިފައި އަނިޔާކުރާ ނަމަ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އެއް ދޫނި ނަމަ 20،000ރ.، އެއަށް ވުރެ އިތުރުވާ ނަމަ އިތުރުވާ ކޮންމެ ދޫންޏަކަށް 25،000ރ؛ ހިމާޔަތްކޮށްފައިވާ ދޫންޏެއް ނަމަ އިތުރުވާ ކޮންމެ ދޫންޏަކަށް 10،000ރ. އިން ޖޫރިމަނާ ކުރާނެއެވެ.

ގުދުރަތީ ގޮތުގައި ނުވަތަ ތޮބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރޭ އެއްޗަކަށް ގޯނާ ކޮށްފި ނަމަ 30،000ރ.އާއި 50،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެއެެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!