Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހައިރިސްކު މީހުން އިންފްލުއެންޒާއަށް ވެކްސިން ޖަހަން އިލްތިމާސްކޮށްފި

ހައިރިސްކު މީހުން އިންފްލުއެންޒާއަށް ވެކްސިން ޖަހަން އިލްތިމާސްކޮށްފި

ހައިރިސްކު މީހުން އިންފްލުއެންޒާއަށް ވެކްސިން ޖަހަން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން އިލްތިމާސް ކުރައްވައިފިއެވެ.

އެ ސެންޓަރުން މިއަދު މެންދުރު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި ވާހަކަ ދައްކަވަމުން، އެޗްއީއޯސީގެ ޓެކްނިކަލް އެޑްވައިސަރީ ގްރޫޕްގެ އޮފިޝަލް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިދުވަސްކޮޅު އަރިދަފުސް ރޯގާ (އިންފްލުއެންޒާ) ފެތުރެމުންދާތީ، ހައި ރިސްކު މީހުން އެ ބައްޔަށް ވެކްސިން ޖެހުން ވަރަށް މުހިންމު ކަމަށެވެ.

ހައިރިސްކު މީހުންގެ ގޮތުގަައި ކަނޑައަޅާފައިވަނީ އުމުރުން 5 އަހަރުން ދަށުގެ ކުދިންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ދިގު މުއްދަތަކަށް ބައްޔެއް ތަޙައްމަލު ކުރަމުންދާ ފަރާތްތަކާއި، މާބަނޑު މީހުންނާއި އަދި ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ.

Advertisement
Allied Insurance — Square (box)

"ހައި ރިސްކު މީހުންނަކީ ވަކިން ޚާއްސަކޮށް އިންފްލުއެންޒާ ބަލީގެ ވެކްސިން ނެގުން މުހިންމު ބައެއް. އެހެންވީމަ އެ ފަދަ ފަރާތްތަކަށް އަޅުގަނޑު އިލްތިމާސް ކުރާނީ އިންފްލުއެންޒާގެ ވެކްސިން ނެގުން" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ވެސް ނުޖަހައި ނުވަތަ ފުރިހަމަ ނުކޮށް ހުރި ފަރާތްތަކުން، އެ ވެކްސިން ޖަހައި ފުރިހަމަކުރުން ވަރަށް މުހިންމު ކަމަށެވެ.

މިދުވަސްކޮޅު އަރިދަފުސް ރޯގާ ވެސް ފެތުރެމުންދާތީ އެހާ ގިނައިން ބޭރު ތެރޭގައި ނޫޅުމަށާއި، ބޭރަށް ނުކުންނަ އިރު ވެސް މާސްކު އަޅައިގެން އުޅުމުގެ އިތުރުން ގޭގެއަށް މިދުވަސްކޮޅު ޒިޔާރަތް ނުކުރުމަށް ވެސް އެޗްއީއޯސީން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް