ރައީސް ސޯލިހުގެ ވެރިކަމާ އެކު ފުރާނަނެތް ފްލެމިންގޯ ރާއްޖެއަށް ހިޖުރަކުރަން ފެށި: ޝިފާއު
ބޮޑުތިލަދުންމަތީގެ ރަށްތަކަށް ދާދި ފަހުން ، ފްލެމިންގޯ ޒިޔާރަތްކުރަން ފެށި ނަމަވެސް، ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމާ އެކު ފުރާނަ ނެތް ފްލެމިންގޯ ރާއްޖެއަށް ހިޖުރަކުރަން ފަށައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ، ފްލެމިންގޯތަކެއްގެ ގޮތުގައި ސިފަކުރެއްވީ އެކި މަޝްރޫއުތަކަށް ރާއްޖޭގެ ރަށްތަކަށް ފޮނުވާ މެޝިނަރީޒްތަކަށެވެ. އެގޮތުން ޝިފާއު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް ފޮނުވާ މެޝިނަރީޒްތައް ރައްޔިތުން ސިފަކުރަނީ ގުޑުގުޑާދޫނިތަކެއްގެ ގޮތުގައި ކަމަށާއި އެ ދޫނިތައް ރަށްތަކަށް އަރާތާ ދެއަހަރު ވެއްޖެކަމަށެވެ. އިއްޔެ މަޖިލީހުގައި ބަހުސް މަރުހަލާ ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީހުގެ ރިޕޯޓަށް ބަހުސްކުރުން ކަމަށްވާތީ ޝިފާއުގެ ވާހަކަފުޅު ދެން ބަދަލުކުރެއްވީ އެމައުޟޫއަށެވެ.
"ތަރައްގީގެ ވަރަށް ގިނަ މަސައްކަތްތަކެއް ވަކިން ހާއްސަކޮށް އަތޮޅުތެރޭގައި މިސަރުކާރުން ހިންގާއިރު މިސަރުކާރަކީ މިއީ، ސަރުކާރުން ހިންގާ އެއްވެސް މަސައްކަތެއްގައި އަދި ސަރުކާރުން ފައިސާ ހަރަދުކޮށްގެން ހިންގާ އެއްވެސް މަސައްކަތެއްގައި އޮޑިޓުގެ އެއްވެސް މައްސަލައެއް ހުރެގެން އެކަން އޮޑިޓާ ޖެނެރަލް ފާހަގަކުރީމަ އޮޑިޓާ ޖެނެރަލް ގެއަށް ފޮނުވައިލާ ސަރުކާރެއް ނޫން" އޮޑިޓް އޮފީހުގެ މަސައްކަތްތަކާ ގުޅުވައި ޝިފާއު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ނުސީދާކޮށް ފާޑުވިދާޅުވަމުން ޝިފާއު ވިދާޅުވި މި ސަރުކާރަކީ ވެރިކަމުގެ ކުރީކޮޅު އޮޑިޓާ ޖެނެރަލަށް ރާއްޖެއިން ބޭރުން އަގުބޮޑެތި އެޕާޓްމެންޓު ގަނެދޭ ސަރުކާރެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރަކީ އޮޑިޓާ ޖެނެރަލްގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކޮށް ރައްޔިތުންނާ ހަމައަށް މާލީ ކަންކަން ހިނގާ ގޮތުގެ ރިޕޯޓު ގެނަސްދިނުމަށް މަގުފަހިކޮށްދޭ ސަރުކާރެއްކަމަށެވެ.
ޝިފާއުގެ ވާހަކަފުޅުގެ ތެރެއިން ވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އިދިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް އަމާޒުކޮށް ޝިފާއު ވިދާޅުވީ ނައިފަރުގައި މިސަރުކާރުން 100 ހައުސިންގ ޔުނިޓު އިމާރާތްކޮށް އެތަނުގެ މަސައްކަތް މުޅިން ނިންމައި މީހުން ވެއްދިކަން ޝިޔާމަށް އެނގިވަޑައިގަންނަވާތޯ އައްސަވަން ރައްޔިތަކު ސުވާލުކުރި ކަމަށެވެ. އަދި ޝިފާއުއަށް ވުރެ ބޮޑަށް އެކަން އެނގިލައްވަންޖެހޭނީ އެދާއިރާގެ މެމްބަރަށްކަމަށް ވެސް ވިދާޅުވިއެވެ.
"އެއާއެކު ކުރިން އެހެން އިއްޒަތްތެރި މެމްބަރުން ވެސް ފާހަގަކުރިހެން މިމަސައްކަތްތަކުގައި ޝާމިލުވެ އުޅެނީ އިންސާނުންކަމަށް ވާތީ ކަންކަން ގޯސްކޮށްވެސް ގޮސްފައި ހުންނާނެކަން ވެސް ގަބޫލުކުރަންޖެހޭ. ގޯސްކޮށް ދާންޖެހޭނެކަން ވެސް ގަބޫލުކުރަން ޖެހޭ" ޝިފާއު ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ ހެދޭ އެފަދަ ގޯސްތައް އިސްލާހުކުރެވުމުން ދައުލަތުގެ މާލިއްޔަތުން ގެއްލޭ ފައިސާ އެތައް ތަނަކުން ސަލާމަތް ކުރެވޭނެ ކަމަށެވެ. އަނެއްކާ ވެސް ކުރީގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޝިފާއު ވިދާޅުވީ ސަރުކާރުގެ މަތިފަޑިން އަންގައިގެން ވައްކަން ކުރާ ސަރުކާރުތަކުގައި ލީކުވާ އަޑު ތަންކޮޅެއް މަޑުވާނެކަމަށެވެ.
"އަޑު މަޑުވާން ވެސް ޖެހޭނެތާ ލީކުވާ ވާހަކަ ބުނާ މީހާ ފޮނުވާލާނީ ގެއަށް" ޝިފާއު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތާ ގުޅުވައި ޝިފާއު ވިދާޅުވީ ބިތުފަންގި ނެގިއިރު ދައުލަތުގެ މާލިއްޔާއިން އެތައް މިލިއަނެއް ވަގަށް ނަގައިފައިވާ ކަމަށެވެ. ޝިފާއު ވިދާޅުވީ މިއަދު މިސަރުކާރުގައި އެފަދަ ކަމެއް ނުހިނގިޔަސް މާދަމާ ވެސް އެފަދަ ވެރިއަކު އަތުވެދާނެ ކަމަށެވެ. އެހެންކަމުން އޮޑިޓް އޮފީސް ހަރުދަނާކޮށް ވަރުގަދަ ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ޝިފާއުގެ ވާހަކަފުޅުގައި މިސަރުކާރުން ހިންގައިފައިވާކަމަށް އަޑު ފެތުރިފައިވާ ކޮރަޕްޝަނާއި ހިޔާނާތްތަކަކީ އިންސާނުންކަމަށް ވީތީ ހެދުނު ގޯސްތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިހްލާސްތެރިކަމުގެ ސަބަބުން އޮޑިޓް އޮފީހުގެ މާބޮޑު ބޭނުމެއް މިސަރުކާރުގައި ނެތް ފަދަ މޭރުމަކުން ޝިފާއު ވާހަކަދެއްކެވިއެވެ.
ރައީސް ސޯލިހުގެ ސަރުކާރުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތެއްގެ ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފާހަގަކޮށްފައި ވަނީ ކޮވިޑް-19އަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދުބާއީ ކުންފުންޏަކާ އެކު ހިންގި މުއާމަލާތެއްގައި 30 މިލިއަން ރުފިޔާ ގެއްލުވައިލިކަމުގެ ހިޔާނާތެވެ. މީގެ އިތުރުން ފެނަކަ ކޯޕަރޭޝަނުން ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ކުރަމުންދާކަމަށް ވެސް ވަނީ އަޑު ފެތުރިފައެވެ.