ރިޕޯޓް

ޒުވާނުންގެ ދުވަސް: ޒުވާނުންނަށް ހައްޤު މިންވަރު ހޯދައިދެވިއްޖެތަ؟

މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން
ރައީސް ޞާލިޙް އަދި ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް

ކޮންމެ އަހަރެއްގެ ޒުވާނުންގެ ދުވަހަކީ ނޮވެމްބަރުމަހުގެ ސަތާރަވަނަ ދުވަހުގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވައި އިއުލާން ކުރައްވައިފައި ވަނީ، 2014ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފައި ވަނީ އޮކްޓޫބަރުމަހުގެ 22ވަނަ ދުވަހެވެ.

Ads by MWSC

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22ވަނަ ދުވަހަކީ ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ސަރުކާރުން ކަނޑައެޅުއްވީ މިދުވަހަކީ، ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާ އެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ މީގެ 13 އަހަރު ކުރިން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން ފާސްކުރެއްވި ތާރީޚީ ދުވަހަށް ވާތީއެވެ.

ކޮންމެ ޤައުމެއްގައި ވެސް ޒުވާނުންނަކީ އެޤައުމެއްގެ އެންމެ އަގުބޮޑު ރައުސްމާލެވެ. ޤައުމެއް ކުރިއަރައި ދިއުމާއި ތަރައްޤީވުން ބިނާވެފައި ވަނީ އެ ތަނެއްގެ ޒުވާނުންގެ ތަޢުލީމާއި، ހުނަރާއި، ޞުލޫކާއި އަދި އެމީހުންގެ ހަރުދަނާކަމުގެ މައްޗަށެވެ. ޤައުމުގެ މުސްތަޤުބަލާމެދު ކުރެވޭ އުންމީދުތަކުގެ ހަޤީޤީ މޭސްތިރީންނަކީ އެޤައުމެއްގެ ޒުވާނުންނެވެ.

ޒުވާނުންނަކީ ޤައުމުގެ މޫނު ބަލާ ލޯގަނޑެވެ. ޒުވާނުންނަކީ ޤައުމުގެ މުސްތަގުބަލެވެ. ޒުވާނުންނަކީ ގައުމުގެ އިގްތިޞާދުގެ މުގުލެވެ. މިއީ އެއް ބަޔަކު ވެރިކަމަށް އައުމަށް ގެންގުޅުނު އެންމެ އަތް މަތީ ބަސްތަކެކެވެ. އެހެން ނަމަވެސް ހިތާމައަކީ ޒުވާނުންގެ ކުރިމަގު ބަނަ ކުރުމަށް ބަޔަކު ފޫގަޅައިފައިވާކަން ޒުވާނުންނަށް މޭރުން ނުވުމެވެ. ޒުވާނުން ނިވައިފަތްގަނޑަކަށް ހަދައިގެން ވޯޓު ހޯދާ ސިޔާސީންގެ ވަކިތަކުން މިއަދު ވެސް ޒުވާނުން ސަލާމަތްވެފައެއް ނުވެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރާނީ އެ ޒުވާނުން އަމިއްލައަށް ތޯއެވެ؟ ނޫނީ ސިޔާސީ ދަޅަތަކަށް ހެއްލި، އާގަމަވެފައި ތިބެ ވީހާލެއްގައި ވާނީތޯއެވެ؟

އެމްޑީޕީއަކީ ޒުވާނުންނަށް ނުހަނު ހުވަފެންތައް ދައްކައިގެން އައި ބައެކެވެ. އެގޮތުން ޒުވާނުންގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ޙިއްސާއެއްވާ އެއް ދާއިރާކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް ނުހަނު ބޮޑެތި ވައުދުތައް ވިއެވެ. އެގޮތުން އަނބިދަރިން ކައިރިއަށް ނައިޓަށް ރަށަށް ރިސޯޓު މުވައްޒަފުންނަށް ދެވޭނެކަމަށް ނުހަނު ފޮނު ހުވަފެންތަކެއް ދެއްކިއެވެ. ނަމަވެސް ވެރިކަމަށް އައިސް ދެ އަހަރުގެ ތެރޭގައި އެޒުވާނުން ނައިޓަށް ރަށަށް ފޮނުވައިލީ ފޮށި ތަންމަތި ބަދެ އެކި އެކައްޗަކަށެވެ. އަދާކުރަމުން ދިޔަ ވަޒީފާ ޖަހައިގަތުމަށް ފަހުއެވެ.

ޒުވާނުން ބާރުވެރި ކުރުވުމާއި ޒުވާނުންނާ ގުޅުވައިގެން ކަންކަން ކުރުން އަދި އެ ނޫން ވެސް ކޮންމެ ކަމެއްގައި ވެސް “ޒުވާނުން”ގެ މި ލަފްޒު އެ ކަމެއްގެ ކުރިއަށް ގެނައުމަކީ މިހާރު އާދައެކެވެ. ހަތަރު ފަރާތުން ވެސް ގައުމުގެ ޒުވާނުންނޭ ކިޔައި ހަޅޭފަޅޭ ލަވައެވެ. ނަމަވެސް ހިތާމަކުރަން ޖެހޭ ކަމަކީ މި ދިވެހިރާއްޖޭގެ ޒުވާނުންގެ ތެރެއިން 82 އިންސައްތަ ޒުވާނުން ތިބީ ރާއްޖޭގެ ދައުލަތަށް ބޮޑެތި އަދަދުތަކުން ދަރަނިވެރި ވެފައިކަމެވެ.

ޖޫރިމަނާ ނުކުރާނެ ކަމަށާއި ޕާކިން ޒޯނުތަކެއް ނުދައްކާ ސްޓިކަރ ނުޖަހާނެ ކަމަށް ބުނެ އައިސް އާމްދަނީ އިތުރުކުރަން ނޭނގޭ ސަރުކާރުން ދައުލަތަށް އާމްދަނީ ހޯދަން ކުރާ ކަމަކީ ޓްރެފިކު ޕޮލިހުން މެދުވެރިކޮށް ޖަހާ ޖޫރިމަނާ ސްޓިކަރއެވެ. މިއީ ވެސް ޒުވާނުންނަށް ވީ ވައުދާ ޚިލާފަށް ކުރާ ކަމެކެވެ.

ދެން އޮތީ ޒުވާނުން ގެދޮރުވެރިކުރުވާ ފަޚްރުވެރި އާއިލާއެއް ބިނާކުރާނެ ކަމަށް ވީ ވައުދެވެ. ނަމަވެސް ވީ ކިހިނެއްތޯއެވެ. ރައީސް ޢަބްދުﷲ ޔާމީން ޒުވާނުންނަށް ޤާއިމުކޮށް ދެއްވާ އަލަތު ކައިވެނީގެ ހަދިޔާތަކުގެ ގޮތުގައި ބިނާކޮށްދެއްވި ފްލެޓުތައް ނިޒާމުން ގެއްލުވައިލީއެވެ. އޭގެ ސަބަބުން ޒަވާޖީ ޙަޔާތެއް ފަށައި ޢާއިލާއެއް ބިނާކުރުމުގެ ހުވަފެން ދުށް އެތައް ޒުވާނުންގެ ހުވަފެން ވިއްސި ވިހާލިވިއެވެ.

ސަލާން ޖެހުން ނިމުމަކަށް ގެންނާނެ ކަމަށް ބުނި ސަރުކާރުން އައިސް އެކި ވަޒީފާތަކުގައި ތިބި ޒުވާނުން މަޤާމުތަކުން ހޫރައިލުމަށް ފަހު ބިދޭސީން ގެނެސް އެ މަޤާމުތަކަށް ޢައްޔަންކޮށް ޒުވާނުން ބިކަކުރުމުގެ ނަތީޖާއަކީ ގޮނޑު ހޮވައިގެން ކާން އެ ޒުވާނުންނަށް މަޖުބޫރުވުމެވެ. ޢާއިލާތައް ބެލެހެއްޓުމުގެ ޒިންމާ ނަގައިގެން ތިބި ޒުވާނުން ނާށިގަނޑު ހިފައިގެން މަގުތައް މަތީ ސަލާންޖަހަން މަޖުބޫރު ކުރުވުމެވެ.

ޤައުމު ނަގާ ކޮޅަށް ޖަހަން ތިބި ޒުވާނުންގެ އުންމީދުތައް މިއަދު ވަނީ ވިއްސިވިހާލިވެފައެވެ. ޒުވާނުންނަށް ވީ އެއްވެސް ވަޢުދެއް ފުއްދައިނުދެވޭކަމަށް މިއަދު އެ މީހުން ބުނަމުންދަނީ މާޔޫސްވެ ތިބެއެވެ. ޤައުމަށް އިޤްތިޞާދީ ކާރިސާއެއް ކުރިމަތިވެ، އެ ކޮޅިގަނޑުގެ ތެރޭގައި އެތައް ދުވަހެއް ފުރަބަންދުވެގެން ތިބެން ޖެހުމަށް ފަހު، މަގުމައްޗަށް ނުކުމެވޭ ވަރުވީ އިރަށް ދައުލަތުން ވަނީ އެކުދިން އަތުން ދައުލަތަށް އާމްދަނީ ހޯދަން ފަށައިފައެވެ.  ޖޫރިމަނާ ކުރުމާއި ސްޓިކަރ ޖެހުމުގެ ނަމުގައެވެ. އަމިއްލަ މަސައްކަތެއް ކުރެވޭނެ ފަދައެއް ނުވަތަ މަގެއް ފެންނާކަށް ނެތެވެ. ގެއްލުނު ވަޒީފާ އަނބުރާ ލިބޭކަށް ނެތެވެ. އިތުރު ވަޒީފާތަކެއް އުފެއްދިފައެއް ނެތެވެ. މަޖުބޫރީ ހާލަތުގައި ޤައުމުގެ ޒުވާނުން ބިކަވެ ނިކަމެތިވެފައިވާއިރު، ސަރުކާރުން ގައުމު ވިއްކައައިލާއިގެން ނަގާ ބޮޑެތި ލޯނުތަކުގެ ސަބަބުން، ގެއްލިގެން ދަނީ އަންނަން އޮތް ޖީލުގެ މުސްތަގުބަލުކަމެއް މިއަދު ސަރުކާރުގައި ތިބި މީހުންނެއް ވިސްނާކަށް ބޭނުމެއް ނޫނެވެ.

މިއަދު މަގުމަތިވެ، ކަންކަން މަތީ ބިއްޖެހިފައި ތިބޭ ޒުވާނުން ގިނަވާކަމީ ސަރުކާރުގެ އެންމެ ބޮޑު ވެއްޓުމެވެ. ގައުމުގެ ޒުވާން ދަރީންގެ ހާލަތު އެ ފަދަ ނިކަމެތި ފެންވަރަކަށް ވައްޓައިލުމަށް ފަހު، މިއަދު ނުކުމެ، އެ ޒުވާނުންގެ ހައްގުތަކޭ ކިޔައިގެން މި ބޭފުޅުން ދައްކާނެ ވާހައެއް އޮންނާނެތޯއެވެ. ހައްގުތަކާއި ހައްގުވާ މިންވަރުގެ ވާހަކަ ދައްކަން ލަދު ގަންނަންޖެހެއެވެ. ފުދުންތެރި ފަޚުރުވެރި ދިރިއުޅުމެއް ދިވެހި ޒުވާނުންނަށް ހޯދައިދިނުމަށް މި ވެރިކަން ގެނައުމަށް މަސައްކަތްކުރި އެންމެން ވެސް މިއަދު ދިވެހި ޒުވާނުން ދިރިއުޅެމުންދާ ހިތްދަތިކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހެއެވެ.

ފާހަގަކޮށްލާ އެންމެ ދުވަހަކުން ދިއްކޮށްލާ އެވޯޑަކުން ޒުވާނުންގެ ބިކަވެފައިވާ ދިރިއުޅުން އާރާސްތުކޮށް އުޖާލާއެއް ނުކުރެވޭނެއެވެ. ވީ ވައުދުތައް ފުއްދާ އިޚްލާސްތެރިކަން ދައްކަވާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!