ދިރާގުގެ ފްރަންޓްލައިން މުވައްޒަފުންނަށް ވެސް ވެކްސިން ދީފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިރާގުގެ ފްރަންޓްލައިން މުވައްޒަފުންނަށް ވެސް ވެކްސިން ދީފިއެވެ.
އެނގިފައިވާ ގޮތުގައި ދިރާގުގެ ފްރަންޓްލައިން މުވައްޒަފުންނަށް ދިނީ، ސަރުކާރުން ފްރޮންޓްލައިން މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ވެކްސިންގެ ބައިންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކަސްޓަމަރުންނާ ސީދާ ބައްދަލުވާ މުވައްޒަފުންނެވެ.
ދިރާގުން ބުނި ގޮތުގައި ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި ވެސް އެކުންފުނިން މަސައްކަތް ކުރަނީ މެދުނުކެނޑި ކަސްޓަމަރުންނަށް ހިދުމަތް ދޭށެވެ. އަދި ބައެއް ހިދުމަތްތައް އޮންލައިންކޮށް ދެމުން އަޔަސް ބައެއް ހިދުމަތްތައް އަދިވެސް ކަސްޓަމާ ސާވިސް ސެންޓަރުތަކުން ދޭ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ކޮވިޑް-19ގެ ސަބަބުން ދިރާގުން ވަނީ އެ ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ތަފާތު ފިޔަވަޅުތައް އަޅައިފައެވެ. އެގޮތުން، އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ދިރާގުން ވަނީ އެކުންފުނީގެ އުސޫލުތައް ބަދަލު ކޮށްފައެވެ.
ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދިރާގުން އެދެނީ ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ހިދުމަތް ހޯދުމަށެވެ.