ޚަބަރު ރައްޔިތުންގެ މަޖިލިސް

ހިޔާ ފްލެޓުތަކުގެ ކުލި ކަނޑައެޅީ މި ސަރުކާރަށް ޖެއްސުންކުރަން: އިކްރާމް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މެމްބަރު އިކްރާމް ހަސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ ކުލި އޭރު ކަނޑައެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

Ads by MWSC

ހިޔާ މަޝްރޫޢުގެ ދަށުން ބިނާކޮށްފައިވާ ހައުސިން ޔުނިޓަކީ ޖަރީމާއެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު ފަލާޙު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފައެވެ. އެމައްސަލައަށް ތާޢީދުކޮށް ވާހަކަފުޅު ދައްކަވަމުން މެމްބަރު އިކްރާމް ވިދާޅުވީ ހިޔާ މަޝްރޫއުގެ 7000 ހައުސިން ޔުނިޓުގެ މައްސަލައަކީ ހަގީގަތުގައި ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. އިކްރާމް އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރެއްވީ މަޖިލީހަށް މިމައްސަލަ ބަލައިގަންނަން ވޯޓު ނެގިއިރު އިދިކޮޅު ޕީޕީއެމް ޕީއެންސީގެ އެއްވެސް މެމްބަރަކު މަޖިލީހަށް ހާޒިރުވެވަޑައިގެން ނެތުމުން އެކަމާއެވެ. އަދި ވިދާޅުވީ އިދިކޮޅު މެމްބަރުން މިމައްސަލައަށް ނޫނެކޭ ވިދާޅުވާން ވަޑައިނުގެންނެވީ މައްސަލައަށް ތާއީދު ކުރައްވާތީ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"މީގެ (މިއަދު ހުށަހެޅި މައްސަލައިގެ) ކޮންމެ ވެސް ވަރެއްގެ ހަގީގަތްތަކެއް އެކުލެވޭތީވެ އިދިކޮޅު މެމްބަރުން ކުރި ކަމެއްކަމަށް އަޅުގަނޑު ގަބޫލު ކުރަނީ" އިދިކޮޅު މެމްބަރަކު ހާޒިރުވެ ވަޑައިގެން ނެތުމުން އިކްރާމް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނިމިދިޔަ ހަފްތާގެ ތެރޭގައި ވަނީ އޮޑިޓް ރިޕޯޓެއް ނެރެފައެވެ. އެ ރިޕޯޓުގައި ފްލެޓުތަކުގެ ކުލި ބޮޑުވާން ދިމާވި ސަބަބުތަކެއް ވަނީ ބަޔާންކޮށްފައެވެ. މި ރިޕޯޓަށް އިޝާރާތް ކުރައްވަމުން އިކްރާމް ވިދާޅުވީ ހިޔާ މަޝްރޫއުން ގެއްލުންވެފައިވާ މިންވަރު އޮޑިޓް ރިޕޯޓުން ދެނެގަނެވިފައިވާ ކަމަށެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރު ނިމެން ކައިރިވެ، ރައީސް ސޯލިހު ވެރިކަމަށް އިންތިހާބުވެފައި ވަނިކޮށް އޭރުގެ ހައުސިންގ މިނިސްޓްރީ ތެރޭގައި ޖަރީމާ ހިންގި ކަމަށް އިކްރާމް ވިދާޅުވިއެވެ. އޭރު ހިޔާ ފްލެޓުތަކުގެ ކުލި ކަނޑައެޅީ މި ސަރުކާރަށް އުނދަގޫކޮށް ޕްރެޝަރު ކުރުމުގެ ބޭނުމުގައި ކަމަށް ވެސް މެމްބަރު ވަނީ ވިދާޅުވެފައެވެ.

"މީގެން މި ސަރުކާރަށް ޕްރެޝަރުކުރުމާ، ރައްޔިތުންނާ ސަރުކާރާ ޖެއްސުމަށް ކަނޑައަޅައިފައިވާ އަގުތަކެއް މީ" އިކްރާމް ވިދާޅުވިއެވެ.

ވެރިކަން ކޮށްދޭންވާނީ ހެޔޮ ނިޔަތުގައި އިހްލާސްތެރިކަމާ އެކު ކަމަށާއި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅަން ހެޔޮ ނުވާނެކަމަށް ވެސް އިކްރާމް ވިދާޅުވިއެވެ. އަދި ހިޔާ މަޝްރޫއުއަށް ނެގި ލޯނަށް އެއް ބިލިއަނެއްހާ ރުފިޔާއާ ގާތަށް އިންޓަރެސްޓު ދައްކަން ޖެހިފައިވާކަމަށް އިކްރާމް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގައި އިމްރާތްތައް އަޅައިފައި ވަނީ މާ ބޮޑަށް ވެސް ބޮޑު އަގެއްގައި ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ ކުރީގެ ރައީސް ޔާމީނާއި އޭރުގެ ހައުސިންގ މިނިސްޓަރު މުހައްމަދު މުއިއްޒުގެ ގެ ހަދައިފައިވަނީ ކިހިނެއް ފައިސާ ހޯދައިގެންތޯ ބަލަންޖެހޭ ކަމަށެވެ. އިކްރާމް ވަނީ މިމައްސަލަތައް ބެލުމަށް އެއްބާރުލުން ދެއްވުމަށް އިދިކޮޅު މެމްބަރުންނަށް ގޮވައިލައްވައިފައެވެ.

"އަޅުގަނޑުމެން ވަކި މީހެއްވީމަ މާބޮޑަށް އެބޭފުޅަކު ގޯސް ނުހައްދަވައިފާނެކަމަށް ވިސްނާ ވިސްނުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ވިސްނުމެއް ނޫން. އަޅުގަނޑުމެން ގައުމަށް އިހްލާސްތެރިވާންޖެހޭ، ރައްޔިތުންނަށް އިހްލާސްތެރިވާން ޖެހޭ" އިކްރާމް ވިދާޅުވިއެވެ.

Ads by Ooredoo
  1. ޖާނޭ

    ކަމެއް ކުރަން އެގޭ ބައެއް ނަމަތާ ދޯ ޖެއްސުންވެސް ކުރާނީ. އެމް.ޑީ. ޕީ އން ޖެއްސުން ކުރީ ކުރީ ސަރުކާރަށް. ބަޖެޓް ފާސް ކުރިއިރުވެސް ކުރި ޖެއްސުން ދިވެހި ރައްޔިތުން ހެކިވާނެ. ޖެއްސުން ކުރި ބަޔަކަށް އެގޭނީ އެހެން މީހުން ޖެއްސުން ކުރާ ގޮތްވެސް. އެކަމަކުވެސް އެމް.ޑީ. ޕީ އިން ކުރި ވަރަށް އެހެން އެއްވެސް ބަޔަކަށް ޖެއްސުމެއް ނުކުރެވޭނެ.