ޚަބަރު

ނަސްރުގެ ދުވަހު ނަމޫނާ ދެއްކެވި ބޭފުޅުންގެ ޒިކުރާ އަބަދުވެސް އައުކުރަން ޖެހޭނެ: ރައީސް ޞާލިޙް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނަސްރުގެ ދުވަހު ސިފައިން ދެއްކެވީ ޤައުމީ ނަމޫނާއެއް ކަމަށާއި އެބޭފުޅުންގެ ޒިކުރާ އަބަދުވެސް އައުކުރަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅޭގޮތުން ނެރުއްވި ހިޠާބުގައެވެ.

ރައީސް ޞާލިޙް ވިދާޅުވީ މިއަދު ދިވެހިރާއްޖޭގެ ކޯއްޓޭތަކުގައި، ފެއްސާއި ރަތާއި ހުދުގެ ޤައުމީ ދިދަ ވިހުރެމުން އެދަނީ، ނަސްރުގެ ދުވަހު ދިވެހި ސިފައިން ވެފައިވާ މަތިވެރި ޤުރުބާނީގެ ސަބަބުން ކަމަށެވެ. އެ ބޭފުޅުން އެ ދުވަހު މި ޤައުމަށް ދެއްކެވި ޤައުމީ ނަމޫނާއަކީ، މިއަދާއި މާދަމާގެ ދަރިން ވެސް، ނަމޫނާއެއްގެ ގޮތުގައި ދެކެން ޖެހޭނެ، އަދި އެ ބޭފުޅުންގެ ޒިކުރާ އަބަދުވެސް އައު ކުރަންޖެހޭނެ މަތިވެރި ނަމޫނާއެއް ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ދީނާއި ޤައުމަށްޓަކައި ފުރާނައިން ފިދާވެދިޔަ އެތައް ސިފައިންނެއްގެ ޒިކުރާ އައުކޮށްދެމުންނެވެ. މިއީ، ދުޝްމަނުން ދެމުންދިޔަ ވަރުގަދަ ޙަމަލާތަކުގެ ކުރިމަތީގައި، ދިވެހި ޢަސްކަރިއްޔާގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުން، އަމާންނުދީ ސާބިތުކަމާއެކު ހަނގުރާމަކޮށް، ދިވެހި ޤައުމަށް ނަޞްރު ހޯދައިދިން ދުވަހެވެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ޞުލްޙަވެރިކަމާއި އަމާންކަމާއި ހަމަޖެހުމާއި އުފާވެރިކަމާ އެކު، މި ޖަޒީރާތަކުގައި ދިރިއުޅެމުން އައި ދިވެހިންނަށް، 1988 ނޮވެންބަރު ތިންވަނަ ދުވަސްވީ، ނިރުބަވެރިކަމުގެ ބިރުވެރި ނުރައްކަލުގެ ތެރެއަށް ހޭލެވުނު ދުވަހެއް ކަމުގައި ކަމަށެވެ.

"އެ ދުވަހުގެ އިރު އަރަމުންދިޔަ ވަގުތަކީ، ބަޑީގެ ނުރައްކާތެރި އަޑުފަށްގަނޑާ އެކު، ބިރުވެރި އެތައް ވާހަކަތަކެއް ފެތުރެމުންދިޔަ ވަގުތެކެވެ. އެ ހެނދުނަކީ، ދުޝްމަނުންގެ ބަޑީގެ ވަޒަންތައް އަމާޒުވެ، ޝަހީދުވި ސިފައިންނާއި މުވާޠިނުންގެ ޚަބަރުތައް، ޤައުމަށް ފެތުރެމުންދިޔަ ހިތްދަތި ހެނދުނެކެވެ. ދެންވާނެ ގޮތަކާ މެދު ހުރިހާ ރައްޔިތުން ވެސް ނުހަނު ކަންބޮޑުވެ ހާސްވެފައި ތިބި ވަގުތެކެވެ." އެ ދުވަހުގެ ބިރުވެރިކަމުގެ ހަނދާން އައު ކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވިއެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއިން ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަށް ފޯރުކޮށްދިނީ، ދިވެހި ދަރިންގެ ހިތްވަރާއި ހިންމަތާއި މިންނަތުން އަދި ދިވެހި ދަރީންތަކެއް ވެދިން މަތިވެރި ޤުރުބާނީގެ ސަބަބުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

Ads by HDC
  1. ށަވިޔަނި

    ޖެހޭނެ.އެކަމަކު ކިހިނެއްމިވަނީ