ދަނގެތީ ފިހާރައެއް ފަޅައިލިކަމުގެ ތުހުމަތު ވެސް ސާލިމަށް

އދ. ދަނގެތީގައި ރަހުމް ކުޑަ ގޮތަކަށް މަޙްމޫދު އަބޫބަކުރު މަރައިލިކަމުގެ ތުހުމަތު އުފުލިފައިވާ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް)، މީގެ ކުރީން އެ ރަށުގެ ފިހާރައެއް ފަޅައިލިކަމުގެ ތުހުމަތު ވެސް ކޮށްފިއެވެ.
ދަނގެތީގައި ހުރި އެ ފިހާރައިގެ ތެރެއަށް ދަންވަރު މީހަކު ވަދެ، ސިއްރުން އުޅެމުންދާ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއް "ދެން"އަށް ވަނީ ލިބިފައެވެ. އެ ފުޓޭޖުން ފެންނަނީ ދިގު ކޯޓެއް ލައިގެން ހުރި މީހަކު އެ ފިހާރާ ތެރޭގައި ހަރަކާތްތެރިވަމުންދާ މަންޒަރެވެ.
ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި މި ހާދިސާ ހިނގައިފައި ވަނީ 28 ސެޕްޓެމްބަރު 2021 ވަނަ ދުވަހުގެ ރޭ މެންދަމު 1:23 ހާއިރެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ދަނގެތީ ކައުންސިލުގެ ނައިބު ރައީސް އިމްރާން އަަހްމަދު ވިދާޅުވީ އެ ފިހާރަ ފަޅައިލީ ވެސް ސާލިމް ކަމާ މެދު ރަށުގެ ރައްޔިތުން ޝައްކުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
"ސީޕީ މިކޮޅަށް ވަޑައިގަތުމުން އަޅުގަނޑު ދެންނެވިން ފިހާރަ ފަޅައިލީ ވެސް ސާލިމް ކަމާ މެދު ކަންބޮޑުވުން އޮތް ކަމަށާއި އެކަން ބަލައިދެއްވުމަށް. އެއީ ފިހާރަ ފަޅައިލި ރޭ އެމީހާ (ވީޑިއޯއިން ފެންނަ މީހާ) ލައިގެން ހުރި ވިއްސާރަ ކޯޓު ސާލިމްގެ ގެއިން ތަހުގީގަށް ފެނިފައިވާތީ، ޑީއެންއޭ ނަގައިގެން ހޯދޭނެތީ" އިމްރާން ވިދާޅުވިއެވެ.
ދަނގެތީ ކައުންސިލު ނައިބު ރައީސް ވިދާޅުވީ، އެ ފިހާރައަށް ވަދެފައި ވަނީ ބިއްލޫރިގަނޑު ކަފައިގެން ދޮރު ހުޅުވައިގެން ކަމަށާއި ގެންދިޔަ އެއްޗެއް އަދި އެނގިފައިނުވާ ކަމަށެވެ. އަދި ފުލުހުން މި މައްސަލަ ބަލަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ދެރަކަންް ކަން