ޚަބަރު

އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ހަތިޔާރާ އެކުއެއް ނޫން، އިސްތިޤްލާލެއް ނުގެއްލޭނެ: މާރިޔާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ހަތިޔާރާ އެކުގައި ނޫން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން މާރިޔާ ވާހަކަފުޅު ދައްކަވައިފައި މިވަނީ، އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭލުމަށް އިދިކޮޅުން ޕެޓިޝަނެއްގައި ސޮއި ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅޭ ގޮތުން "ރާއްޖެޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ރާއްޖޭގެ އިސްތިޤްލާލަށް ލޮޅުން އަރާ ތަނެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އިންޑިއާ އަސްކަރިއްޔާ ބޭރުކުރަން ވޭތުވެދިޔަ ތިން އަހަރު ގޮވަގޮވާ ތިބީ ވެސް މިނިވަންކަމާ އެކުގައި ކަމަށް މާރިޔާ ފާހަގަ ކުރެއްވިއެވެ،

މާރިޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ތިބޭނީ ހަތިޔާރާ އެކުގައި ނޫން ކަމަށާއި އެމީހުން ކުރާ މަސައްކަތާއި ތިބޭ މުއްދަތު ވެސް ކަނޑައަޅާނީ ރާއްޖެއިން ކަމަށެވެ. އަދި އެތެރެވެވޭނީ ކޮންބަޔަކަށް ކަމާއި އެ ފަދަ ހުއްދަތައް ވެސް ދޭނީ ރާއްޖެއިން ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އެ މީހުން ކުރާ މަސައްކަތެއް ވެސް އެ ކުރަނީ އަޅުގަނޑުމެންގެ ރާއްޖެއިން އެ ހުއްދަ ދިނީމަ. އެ މީހުން ރާއްޖޭގައި އެ ތިބޭ މުއްދަތަކީ ވެސް އަޅުގަނޑުމެން ހުއްދަ ދިނީމަ ތިބެވޭ މުއްދަތެއް" މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ ވާހަަކަފުޅުގައި އިތުރަށް ވިދާޅުވީ، އިންޑިއާއިން ބޭނުން ވަނީ އެހެން ޤައުމުތަކުން ރާއްޖެއަށް ނުފޫޒު ނުފޯރުވޭ ފަދަ ވަރުގަދަ ޤައުމަކަށް ރާއްޖެ ހެދުން ކަމަށެވެ. މިގޮތުން އިންޑިއާއިން ހުރިހާ ޚަރަދެއް ކޮށްގެން، ދިވެހި ސިފައިން އިންޑިއާއިން ތަމްރީން ކުރާކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ އިންޑިއާ ސިފައިންނާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި މީސްމީޑިއާ ކެންޕެއިނެއް ޓްވިޓަރގައި ކުރިޔަށްދެއެވެ. މި ވާހަކަ އިންޑިއާގެ ނޫސްތަކުން ވެސް ވަނީ ޖާގަ ހޯދައިފައެވެ. މި ގޮތުން އިންޑިއާގެ ނޫހަކުން ބުނެފައިވާ ގޮތުގައި އިންޑިއާ އައުޓް ހޭޝްޓެގް ޓްވިޓަރގައި 2،000 އެކައުންޓްއިން 60،000 ފަހަރު ބޭނުންކޮށްފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!