ހަގީގީ ހާދިސާ ވާހަކަ

ހަގީގީ ހާދިސާ: ސްކޫލުގައި ކުރިމަތިވި ހަނގާ ކުރުންތަކުން ސަލާމަތް ކުރާނެ މީހަކު ނުވި، ހައްލު ގެނައީ އަމިއްލައަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހަނގާ ކުރުން ނުވަތަ ބުލީ ކުރުމަކީ ކޮންމެ ޤައުމެއްގައި ވެސް ކުރަމުން އަންނަ ވަރަށް ނޭދެވޭ ހިތާމަހުރި ކަމެކެވެ. ހަނގާ ކުރުމުގެ ސަބަބުން، ފަހުން ލިބޭ ދެރަ ވެސް އެހާމެ ބޮޑެވެ. މިކަމަކީ ބައެއް ކުދިން، އެކަމުން ކުރާ އަސަރެއްގެ ބޮޑު ކަމުން އަމިއްލަ ނަފްސަށް ގެއްލުން ވެސް ދޭ ކަމެކެވެ.

Ads by Sosun Fihaara

ހަނގާ ކުރުމަކީ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް ހިނގަމުން އަންނަ ވަރަށް ހިތާމަހުރި ކަމެކެވެ. މިއީ ވެސް އެ ފަދައިން ހަނގާ ކުރުމުގެ ޝިކާރައަކަށްވީ މީހަކަށް، އޭނާގެ ސްކޫލު ދައުރުގައި ކުރިމަތިވީ ކަންތައްތަކެއްގެ ވާހަކައެކެވެ.

"ހަގީގަތަށް ބުނަންޏާ އެންމެ ކުޑައިރުން ފެށިގެން ވެސް އަހަންނަށް ބުލީ ކުރުމާ ކުރިމަތިލާން ޖެހުނެވެ. އެއީ އަހަރެން އިސްކޮޅުން ކުރުވެފައި، ހަމުން ކަޅުވެފައި ވާހަކަ ދައްކާއިރު ވެސް ތަފާތު ގޮތެއް ހުންނާތީއެވެ.

ނަމަވެސް އެންމެ ބޮޑަށް މީހުން އަހަންނަށް ބުލީ ކުރީ ސާނަވީ ޢިލްމު ހާސިލް ކުރަން އުޅުނު އިރެވެ. ގްރޭޑު އަށެއްގައި އުޅުނު ފުރަތަމަ އަހަރު އެކުލާހުގެ ބައެއް ކުދިން އަހަންނާއި ދިމާލަށް 'ކުޑަ ހިކަނދި' އޭ ކިޔާފައި ގޮވިއެވެ. އެއީ އަހަރެން އިސްކޮޅުން ކުރުކޮށް ހުންނާތީއެވެ. އޭގެ އިތުރުން އަހަރެން ފުނާ އަޅައިފައި ހުންނަނީ ވަރަށް ހަޑިކޮށޭ ބުނެ އަބަދު ބޯ ހޭވިފައޭ ހުންނަނީ ކިޔައިފައި އަހަރެންގެ އިސްތަށިގަނޑަށް ހިފައި ދެމިއެވެ. އެއް ދުވަހު އޭގެން އެއް ކުއްޖަކު، ސްކޫލް ކޮންޕައުންޑުގައި އަހަރެން ހުއްޓައި އަހަރެންގެ ބޮލަށް ވެލި ވެސް އެޅިއެވެ. އަދި އަހަރެންގެ ޔުނިފޯމްގެ ކަރުގައި ހިފައި ނަގައިފައި ވެލިގަނޑު މައްޗަށް ވައްޓައިލިއެވެ. އެއީ އަހަރެން ވަރަށް ރުއި ދުވަހެކެވެ. ކްލާސް ޓީޗަރު ގާތު އެ ކުދިންގެ މައްސަލަ ޖެއްސުމުން ޓީޗަރު ބުނީ ވެލި ފޮޅައިލައިފައި އެކަމާ އަޅައިނުލުމަށެވެ. އަދި އެކަންތައް ބޮޑުކޮށް ޓީޗަރު އެކަން ބަލައިފި ނަމަ އަހަންނަށް އެމީހުން ކުރާނެވަރު މާބޮޑު ވާނެ ކަމަށެވެ.

ދެން އަހަރެން އެ ވާހަކަ ބުނީ އަހަރެންގެ މައިންބަފައިންގެ ގާތުގައެވެ. ނަމަވެސް އެމީހުން ބުނީ ސްކޫލުގައި އުޅޭއިރު އެކަހަލަ ކަންތަކާ ވެސް ކުރިމަތި ވާނެ ކަމަށާއި އެ ކަންތަކާ އަޅައިނުލުމަށެވެ. އަދި ބުނީ އަހަރެންގެ ދައްތަމެންނާއި ބޭބެމެން ސްކޫލުގައި އެ ހުރިހާ ދުވަހު އުޅުން އިރު އެ ކަހަލަ ޝަކުވާއެއް ނުކުރާއިރު އަހަރެން ޝަކުވާ ކުރަނީ ކީއްވެތޯއެވެ.

ކޮންމެ ދުވަހަކު ސްކޫލަށްދާއިރު އެކުދިން ކުޅޭ ބޯޅައަކަށް ވާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެކުދިން ދެކެ ބިރު ގަންނަން ފެށިއެވެ. އެހެންކަމުން ސްކޫލަށް ނުގޮސް އެގަޑީގައި އެހެންތަންތާގައި އުޅެފައި ސްކޫލް ގަޑި ނިމުމުން ގެއަށް ދިޔައީމެވެ. އަހަރެން ސްކޫލަށް ގޮސް އައިސް ހަދަނީ އެކަނި ކަމަށްވާތީ، ސްކޫލަށް ނުދާ ކަމެއް މަންމަމެންނަކަށް ނޭނގެއެވެ. ނަމަވެސް އެ ގޮތަށް ސްކޫލަށް ނުދާތާ ދެ ހަފްތާއެއްހާ ދުވަސް ވުމުން، ސްކޫލުން މަންމައަށް ފޯނު ކުރިއެވެ. އަދި އަހަރެން ސްކޫލަށް ނުދަނީ ކީއްވެތޯ ސުވާލު ކުރިއެވެ. މަންމަމެންނަށް އަހަރެން ސްކޫލަށް ނުދާކަން ކުރިން ނޭނގުނު ނަމަވެސް، ޓީޗަރު ގާތު އެ ވާހަކައެއް ނުބުނެއެވެ. އަހަންނަށް ސްކޫލުން އަދަބެއް ލިބިދާނެތީ އެކަން ސިއްރުކޮށް، މަންމަމެން ބުނީ އަހަރެން ސްކޫލަށް ނުދަނީ ވަރަށް ކުއްލި ގޮތަކަށް ބައްޕައާ އެކު ރަށުން ބޭރަށް ދާން ޖެހިގެން ކަމަށެވެ. ނަމަވެސް އެ ދުވަހު މާލެ އައިސްފި ކަމަށާއި އެހެންކަމުން ޖެހިގެން އަންނަ ދުވަހު ފޮނުވާނެ ކަމަށް ބުންޏެވެ.

އަހަރެން ގެއަށް އައުމުން މަންމަމެން އަހަރެން ގައިގައި ވަރަށް ތެޅިއެވެ. ސްކޫލަށް ނުދަނީ ކީއްވެކަން ބުނުމުން ވެސް އެއީ ސްކޫލަށް ނުދާންވީ ސަބަބެއް ނޫން ކަމަށް ބުންޏެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް އަހަރެން ގޮވައިގެން ސްކޫލަށް ގޮސް،އައިސް ހަދަނީ މަންމައެވެ. އަދި ކޮންމެ ދުވަހަކުމެ ކުލާސްކުދިން އަހަންނަށް ބުލީ ކުރިއެވެ. އެ އަހަރު ނިމުނީ އަހަންނަށް ނުކިޔެވި ގްރޫޑު އަށެއްގައި ރިޕީޓު ވެގެންނެވެ. އެކަމާ ހެދި ވެސް ވަރަށް އަނިޔާތަކާ އަހަންނަށް ކުރިމަތިލާން ޖެހުނެވެ.

އޭގެ އަނެއް އަހަރު ސްކޫލް ފެށުނު ދުވަހު ކުރީން އަހަންނަށް ގޯނާ ކުރި ކުދިންނާ ދިމާވިއެވެ. އެ ދުވަހު އެންމެންގެ ކުރިމަތީގައި އޭގެން އެއް ކުއްޖަކު އަހަރެންގެ ގަޔަށް ފެން ޖެހިއެވެ. ގޮތް ހުސްވެ، ނަފްސާނީ ގޮތުން ބަލިކަށިވެގެން، އަމިއްލައަށް މަރުވާނީއޭ ހިތަށް އަރައި ސްކޫލުގެ ފާޚާނާއަށް ގޮސް އަތުގައި ކަޓަރު އަޅުވަން އުޅުނީމެވެ. ނަމަވެސް އެކަން ކުރާނެ ހިތްވަރެއް ނަސީބަކުން އަހަންނަކަށް ނުލިބުނެވެ.

އެހެންކަމުން ދެން އަހަރެން ނިންމީ ވަމުން ދިޔަ ކަންތައްތަކާ މެދު ވިސްނައި އެކަމުން އަމިއްލައަށް ޙައްލެއް ނެރޭށެވެ. އެމީހުން އަހަންނަށް ގޮތްގޮތް ހަދަނީ އަހަރެން މާމަޑުން ހުންނާތީކަން ވިސްނި، އެކަން ބަދަލުކުރަން އަހަރެން ނިންމީމެވެ. އޭގެ ފަހުން އެ މީހުން އަހަންނާ ދިމާލަށް ނަންނަމުން ގޮވަން ފެށުމުން، އަހަރެން ވެސް އެމީހުންނާ ދިމާލަށް އެކި ނަންނަމުން ގޮވީމެވެ. އެންމެ ފުރަތަމަ އެގޮތަށް އަހަރެން ރައްދެއް ދިން ފަހަރު އެމީހުން ވެސް ވަރަށް ހައިރާންވިކަން ފާހަގަ ކުރެވުނެވެ. އެހެންކަމުން އަހަރެންގެ ހިތްވަރު ގަދަވިއެވެ.

އަހަރެންގެ ގައިގައި އެމީހުން ޖަހަން އުޅުނު ދުވަހަކު، އެމީހުންގެ އަތް ފޮޅައި ވެސް ލީމެވެ. އަދި ޖަހައިފިއްޔާ ޖަހާނަމޭ ބުނެ އެމީހުންނާ ކުރިމަތި ލީމެވެ. އަހަންނަކީ ވެސް ބާރު ހުރި މީހެއްކަން އެމީހުންނަށް ވެސް އިހުސާސްވެ، ކުއްލިއަކަށް އައި ބަދަލުން އެމީހުން އަހަންނާ އިތުރަށް ދިމާކުރަން ފަސް ޖެހުނެވެ. މަޑުމަޑުން އެމީހުން އަހަންނާ ދިމާކުރުން ހުއްޓައިލިއެވެ. ހަމައެކަނި ކުރިހައި ވެސް ކަމަކީ އަހަރެން ފެނުމުން ލޯއެޅުމެވެ.

އަހަރެން ދެކޭ ގޮތުގައި އަހަންނަށް ބުލީ ކުރި މީހުންނަށް އެކަން ކުރެވުނީ އަހަރެން މާ މަޑުމަޑުން ހުރެ، އެމީހުން ކަމެއް ކުރުމުން ރޮއެ ބިރުގަތުމުންނެވެ. އަދި ޓީޗަރުން ވެސް އެމީހުން ދެކެ ބިރުން ތިބުމުންނާއި އަހަރެންގެ އާއިލާ ވެސް އެކަމާ އަޅައިނުލުމުންނެވެ. ހިތްވަރާ އެކު އެމީހުންނާ ކުރިމަތިލީ ފަހުން އަހަންނާ އެއްވެސް މީހަކަށް ދިމާކުރާކަށް ނުކެރުނެވެ. އެމީހުންގެ ފަހުން ވެސް ބައެއް މީހުން އަހަރެން ކުރުކޮށް ހުންނާތީ ހަނގާ ކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެމީހުން އެ ކުރަނީ ނުރަނގަޅު ކަމެއްކަން ވިސްނައިދީ އެކަން ހުއްޓައިލަން އަހަރެން އެއްވެސް ފަސް ޖެހުމަކާ ނުލައި ބުނުމުން، އެގޮތަށް ދިމާކުރުން ހުއްޓައިލިއެވެ. އެމީހުންގެ ރައްޓެއްސަކަށް އަހަރެން ނުހެދިޔަސް އަހަންނަށް ބުލީ ކުރާކަށް ދެން އެކަކަށް ވެސް ނުކެރުނެވެ."

Ads by HDC
  1. ހަސަނު

    150ހުގެ ވާހަކައެއް