މުހިންމު ކަންތައް ހިނގައިފައިވާ ދުވަސްތަކުގެ ހަނދާން އައު ކުރުމަކީ ބިދުޢައެއް ނޫން: ރައީސް މައުމޫން

އެކިއެކި މުހިންމު ކަންތައްތައް ހިނގައިފައިވާ ދުވަސްތަކުގެ ހަނދާން އައުކުރުމަކީ ބިދުޢައެއް ނޫން ކަމަށާއި ރާއްޖެ އިސްލާމްވި ދުވަސް ހަނދާން ކުރުން މުހިންމުކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަހާ ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައެވެ.
"އެކިއެކި މުހިންމު ކަންތައްތައް ހިނގައިފައިވާ ދުވަސްތަކުގެ ހަނދާން އައުކުރުމަކީ ބިދުޢައެއް ނޫން. މާތް ﷲ ވަޙީކުރައްވައިފައިވޭ وَذَكِّرْهُمْ بِأَيَّامِ اللَّهِ އަދި އެއުރެންނަށް ﷲގެ ދުވަސްތައް ހަނދުމަކޮށް ދެއްވާށެވެ ވީމާ އަޅުގަނޑުމެން ރާއްޖެ އިސްލާމްވި ދުވަސް ހަނދާން ކުރުން މުހިންމު." ރައީސް މައުމޫން ވިދާޅުވިއެވެ.
https://twitter.com/maumoonagayoom/status/1457261526285529093
ޙިޖުރީ ސަނަތުން ކޮންމެ ރަބީޢުލް އާޚިރާ މަހެއްގެ 2ވަނަ ދުވަހު ފާހަގަ ކުރާ ރާއްޖެ އިސްލާމްވީ ދުވަހަކީ ރާއްޖޭގައި ޒަމާނުންސުރެ ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.
މިދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ދިވެހި ރައްޔިތުންނަށް ޚިޠާބެއް ވެސް ފޮނުއްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި ޤައުމިއްޔަތު ބިނާވެފައި ވަނީ މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައިކަން ފާހަގަކުރެއްވިއެވެ. އަދި އެ ނިޢުމަތުގެ މަތީގައި ތާއަބަދަށް ދެމިތިބެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ބޮލުގައި އެޅިފައިވާ، ދީނީ އަދި ޤައުމީ ވާޖިބެއްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.






ކޮމެންޓް