އިސްލާމީ ގިއުގަނޑުގެ ތެރޭގައި އުފާ ފާޅު ކުރުމަކީ އިސްލާމްދީން މަނާ ކުރާ ކަމެއް ނޫން: ޚުތުބާ
އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!
މިއަދުގެ ހުކުރު ޚުތުބާ ހާއްސަ ކޮށްފައި ވަނީ ހެޔޮލަފާ މުޖުތަމަޢުއެއް ބިނާ ކުރުމުގެ މައްޗަށެެވެ.
އެގޮތުން ޒުވާނުންނަކީ މި ޤައުމުގެ އުންމީދު ކަމުގައި ޚުތުބާގައި ބަޔާން ކޮށްފައިވެއެވެ. ކޮންމެ ޒުވާނަކަށް ލިބޭ ދެރައަކީ ނުވަތަ ހިތާމައަކީ އެކަމުގެ މައްޗަށް މުޅި ޤައުމު ހިތާމަ ކުރާނެ ކަމެއްކަން ޚުތުބާގައި ބަޔާން ކޮށްފައިވެއެވެ. އިސްލާމްދީން ވެސް ވަނީ ޒުވާނުންނަށް ތައުރީފު ކޮށްފައި ކަމަށާއި ޒުވާނުންނަށް އިސްލާމް ދީން ވެސް މަތިވެރި މަގާމެއް ދީފައިވާކަން ޚުތުބާގައި ބަޔާންކޮށްފައިވެއެވެ. ހެޔޮގޮތުގައި ތަރުބިއްޔަތު ވެގެން މާތް ﷲއަށް އަަޅުކަން ކުރުން މަތީ ދެމިހުންނަ ޒުވާނާއަށް ޤިޔާމަތް ދުވަހު މާތް ﷲގެ އަރުޝީގެ ހިޔާވަހިކަން ދެއްވާނެކަން ވަނީ ބަޔާން ކޮށްދެއްވައިފައެވެ.
ރަސޫލާ (ޞޢވ) ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
މާތް ﷲ އެންގެވި ގޮތުގައި ތަރުބިއްޔަތު ވެގެން އަޅުކަން ކުރުންމަތީ ދެމިހުންނަ ޒުވާނާއަށް މާތް ﷲގެ އަރުޝީގެ ހިޔާވަހިކަން ލިބިގެންވެއެވެ.
ހަށިގަނޑުގެ ގޮތުން ބަލިކަށި މުއުމިނަކަށް ވުރެ، ހަށިގަނޑުގެ ގޮތުން ވަރުގަދަ މުއުމިނާ ދެކެ މާތް ﷲ ލޯބިވެވޮޑިގެންވެއެވެ. މިހެންކަމުން ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް ޓަކައި، ޝަރުޢީ ގިއުގަނޑުގެ ތެރޭގައި، ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުމަކީ އިސްލާމްދީން މަނާ ކުރާ ކަމެއް ނޫނެވެ.
ހަމަ އެފަދައިން އިސްލާމީ ގިއުގަނޑުގެ ތެރޭގައި އުފާ ފާޅު ކުރުމާއި، ދަތުރު ދިޔުމާއި، ޙަފްލާތައް ބޭއްވުމަކީ ދީން މަނާ ކުރާ ކަމެއް ނޫނެވެ. ކީރިތި ރަސޫލާ (ޞޢވ)ގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ވަނީ މިކަންކަމުން ނަމޫނާ ދައްކަވައިފައެވެ. އެކަލޭގެފާނު އުފާ ފާޅު ކުރެއްވިއެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންނާ ސަމާސާ ކުރައްވައި އުޅުއްވިއެވެ. އެއްވެސް ކަމެއްގައި ދުވަހަކު ވެސް އިތުރުފުޅެއް ނުހައްދަވައެވެ. ހުތުރު ބަސްފުޅެއް ވިދާޅެއް ނުވެއެވެ. ވިޔާނުދާ އަދި ބޭއަދަބީ ކަމަކަށް ފުރުސަތެއް ނުދެއްވައެވެ. މުންކަރާތްތަކަށް މަގުފަހިވާ ކޮންމެ ދޮރެއް ބަންދު ކުރެއްވިއެވެ.
މުންކަރާތްތައް މަނާ ކުރުމުގައި މީހުން ބަދުނާމުކޮށް، އެމީހުންގެ އާއިލާއަށް މަލާމާތް ރައްދުކޮށް، ފަޟީޙަތް ކުރުމަކީ ކީރިތި ރަސޫލާ (ޞޢވ) މަނާކުރައްވާފައިވާ ކަންކަމެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ، ތަކުރާރުކޮށް ރާބުއިމުގެ ސަބަބުން ހާޟިރު ކުރެވުނު މީހުންނަށް އަދަބު ދެމުން ދަނިކޮށް، މީހަކު އޭނާއަށް ލައުނަތްދީ މަލާމަތް ކުރި މައްސަލައިގައި ރަސޫލާ (ޞޢވ)އެކަން މަނާ ކުރެއްވިއެވެ. ކުށަށް އަރައިގަންނަ ޒުވާނުންނަށް ނަސޭޙަތްދީ، ތަރުބިއްޔަތުކޮށް، އެމީހުންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދޭން މަސައްކަތް ކުރަން ޖެހޭނެއެވެ.
ރަސޫލާ (ޞޢވ) ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ވެސް ބެލެހެއްޓުންތެރިއެކެވެ. އަދި އެމީހާގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހުންނާ މެދު މަސްއޫލުވާން ޖެހޭ މީހެކެވެ. ވެރިމީހާއަކީ މަސްއޫލުވެރިއެކެވެ. އޭނާގެ ރައްޔިތުންނާ މެދު އޭނާ މަސްއޫލުވާން ޖެހޭނެއެވެ. ފިރިމީހާއަކީ އޭނާގެ ގޭގެ އަހުލުވެރިންގެ ބެލެހެއްޓުންތެރިޔާއެވެ. އޭނާ، އޭނާގެ އަހުލުވެރިންނާ މެދު މަސްއޫލުވެރިވާން ޖެހޭނެއެވެ. އަނބިމީހާއަކީ އޭނާގެ ފިރިމީހާގެ ގޭގެ ބެލެހެއްޓުންތެރިޔާއެވެ. އޭނާ، އޭނާގެ އާއިލާއާ މެދު މަސްއޫލުވާން ޖެހޭނެއެވެ. ޚާދިމަކީ އޭނާގެ ސާހިބާގެ މުދާ ބަލަހައްޓާ މީހާއެވެ. އޭނާ، އޭނާގެ ސާހިބާގެ މުދަލާ މެދު މަސްއޫލުވާން ޖެހޭނެއެވެ.
މި ޙަދީޘްފުޅުގައިވާ ފަދައިން ހެޔޮލަފާ ސުލްޙަވެރި ޒުވާނުން ބިނާ ކުރުމުގައި، ކޮންމެ މީހަކު ވެސް އެމީހެއްގެ މަސްއޫލިއްޔަތު އަދާ ކުރަން ޖެހެއެވެ. އިސްލާމީ އުންމަތް ހެޔޮގޮތުގައި ބިނާ ވެގެން ދިޔުމުގެ އަސްލަކީ މުސްލިމުން އެބައިމީހުންގެ ދަރިން ތަރުބިއްޔަތު ކުރުމަށް ދިން ސަމާލުކަމެވެ. މިކަންކަމާ މެދު ތިޔަބައިމީހުން ވިސްނާށެވެ!
މާތް ﷲ އަޅަމެންނަށް ހެޔޮ ވިސްނުން ދެއްވައި، އަޅަމެންނަކީ ހެޔޮބަސް އަހައި، ހެޔޮބަސް ޤަބޫލު ކުރާ ބަޔަކު ކަމުގައި ލައްވާނދޭވެ. އާމީން!