ޚަބަރު އިޖުތިމާޢީ

ސުކޫލަށް ކުދިން ނުފޮނުވައި މަތިވެރީ ބެލެނިވެރިން އިހްތިޖާޖްގައި!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: މަތިވެރި ބެލެނިވެރިން

އއ. މަތިވެރީ ސުކޫލުގެ ފައުންޑޭޝަން ސްޓޭޖްގައި ކިޔައިވައިދޭނެ ޓީޗަރުން ނެތުމުގެ ސަބަބުން ދަރިވަރުން ސުކޫލަށް ނުފޮނުވާ ބެލެނިވެރިން އިހްތިޖާޖް ކޮށްފިއެވެ.

Ads by STELCO

މަތިވެރިން "ދެން"އާ ވާހަކަ ދެއްކި ބެލެނިވެރިއަކު ނަން ހާމަ ނުކުރުމަށް އެދި ބުނީ ބެލެނިވެރިން މިއަދު އިހްތިޖާޖް ކޮށްފައި ވަނީ ފައުންޑޭޝަން ސްޓޭޖްގައި ދަރިވަރުންނަށް ފާއިތުވީ 2 ހަފްތާގައި ވެސް އެންމެ ޓީޗަރެއް ކިޔަވައިދިނުމުގެ ސަބަބުން ގަޑިތައް ގެއްލި އިތުރު ދަތިތަކާ ކުރިމަތި ވެފައިވާތީ ކަމަށެވެ.

"ދެ ހަފްތާއަށް ވުރެ ގިނަވީ އެންމެ ޓީޗަރެއް ކިޔަވައިދޭތާ. އެކުލާސްތަކުގައި އެބަތިބި ހާއްސައެހީއަށް ބޭނުންވާ ދަރިވަރުން. ކިހިނެތްތޯ އެންމެ ޓީޗަރެއް މެނޭޖް ކުރާނީ" ބެލެނިވެރިޔާ ބުންޏެވެ.

ބެލެނިވެރިޔާ ބުނިގޮތުގައި މިއަދު ކުދިން ސުކޫލަށް ފޮނުވައިފައި ނުވަނީ މިދިޔަ އަހަރުންސުރެ ދިމާވާ މިމައްސަލައަށް އެޑިއުކޭޝަން މިނިސްޓްރީން އެއްވެސްް ގޮތަކަށް އަޅާލާފައި ނުވުމުން ކަމަށާއި އަދި ސުކޫލުގެ ވެރިން ވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ދީފައި ނުވާތީ ކަމަށެވެ.

ސުކޫލުގައި ޕްރިންސިޕަލެއް ނެތި ވަރަށް ގިނަ ދުވަސްތަކަށް ފަހު ދާދި ފަހުން ރައީސުލް ޖުމްހޫރިއްޔާ މަތިވެރިއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެރަށު ސުކޫލަށް ޕްރިންސިޕަލެއް ވެސް ލިބިފައިވާކަން ފާހަގަކޮށް ބެލެނިވެރިޔާ ބުނީ ދަރިވަރުންގެ ގަޑިތައް ތަކުރާރުކޮށް ކެންސަލް ކުރުމަށް ފަހު އެގަޑިތައް ވެސް ނަގައި ނުދޭކަމަށެވެ.

"ޖުމްލަ 2 އާންޓީ މި ތިބެނީ. ގިނަ ދުވަސް ދުވަހު ނުކުންނަނީ އެންމެ އާންޓީއެއް. ދެން އެންމެ އާންޓީއަކަށް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ބޮޑަށް އެހީތެރިކަން ދެމުން އެހެން ކުދިންނަށް ސަމާލުކަމެއް ނުދެވޭނެ. ގަޑިތައް ކުރު ކުރަން ޖެހުމުން ކުދިންނަށް ވަރަށް ގެއްލުން" ބެލެނިވެރިޔާ ތަކުރާރުކޮށް ބުންޏެވެ.

މަތިވެރީ ސުކޫލުގެ ފައުންޑޭޝަން ސްޓޭޖްގެ ކުދިންގެ ކިޔަވައި ދިނުމުގެ މައްސަލައިގައި ސުކޫލުގެ ޕްރިންސިޕަލް ވަނީ ބެލެނިވެރިންނާ މިއަދު ބައްދަލު ކުރައްވައިފައެވެ. އެހެން ނަމަވެސް އެމައްސަލައަށް ހައްލެއް ލިބޭ ފަދަ ވާހަކައެއް މިބައްދަލުވުމުގައި ވެސް ދެކެވިފައިނުވާކަމަށް ބެލެނިވެރިން ވަނީ ބުނެފައެވެ. އަދި މިމައްސަލައިގައި މިނިސްޓްރީން އެއްޗެއް ނާންގާހައި ހިނދަކު ދަރިވަރުން ސުކޫލަށް ނުފޮނުވާނެކަމަށް ބެލެނިވެރިން ދަނީ ބުނަމުންނެވެ.

Ads by Allied Insurance
  1. ާައަހްމަދު

    ކިތައް ކުދިން؟