މަޙްމޫދުގެ މަރު: ޝަރީޢަތް ނިމެންދެން ސާލިމް ބަންދު

އދ. ދަނގެތީގައި ރަހުމް ކުޑަ ގޮތަކަށް މަރައިލި އެ ރަށު މޮނަލާލްސް މަޙްމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް)، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުމުރުން 57 އަހަރުގެ މަޙްމޫދު މަރައިލިކަމުގެ ތުހުމަތު އުފުލިފައިވާ ސާލިމް، ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކުރީ އިއްޔެ ކަމަށެވެ.
ސާލިމް ހައްޔަރު ކުރީ، މަޙްމޫދު މަރައިލުމަށް ފަހު އެއްލައިލައިފައި އޮއްވާ ފެނުނުތާ ދެ ދުވަސް ފަހުންނެވެ. ދަނގެތީގައި އުމުރުން ދުވަސްވީ މީހަކު ބަލަން ހަވާލުކޮށްފައި ހުންނަ ސާލިމް ހައްޔަރު ކުރުމަށް ފަހު ކޯޓަށް ގެންދިޔުމުން ކޯޓުން ވެސް ވަނީ އޭރު ވަނީ އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފައެވެ.
ތޫނު އެއްޗަކުން ހަމަލާދީ، ބޮލާއި ފައިކޮޅުގައި ގޯންޏެއް އެއްސުމަށް ފަހު ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރެއަށް މަޙްމޫދު އެއްލައިލައިފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހުގައެވެ. އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ޖެހިގެން އައި ދުވަހުއެވެ.
މަޙްމޫދުގެ މަރާ ގުޅިގެން ދަނގެތީ މީހުން އެންމެ ފުރަތަމަ ޝައްކުކޮށްފައި ވަނީ އެ ރަށުގައި އުޅުނު ތޮއްޑޫ ދެމީހަކަށެވެ. އެކަމުގެ ސަބަބުން ފުލުހުންނަށް އެ ދެމީހުންނަށް ހިމާޔަތް ދޭން ވެސް ޖެހުނެވެ.
މަޙުމޫދުގެ މަރާ ގުޅިގެން ބަނގްލަދޭޝް މީހާގެ މައްޗަށް ޝައްކުވެ ފުލުހުން އޭނާ ހައްޔަރުކުރީ މި މިހާ ދިރިއުޅޭ ގޭކައިރިން އެރޭ ދިޔަ މީހަކު ހިއްސާކުރި މައުލޫމާތުތަކާ ގުޅިގެންނެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގުގައި ފުލުހުން މިހާރު ކުރަމުން ދަނީ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ޓަކައި ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އަދި ތަހުގީގު ފުރިހަމަ ކުރުމަށްފަހު އަންނަ ހަފްތާގެ ތެރޭގައި ޕީޖީއަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، މި މައްސަލަ ޕީޖީއަށް ހުށަހެޅުމަށް ފަހު މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ނޫސްވެރިންގެ ބައްދަލުވުމެއް މެދުވެރިކޮށް ހިއްސާ ކުރައްވާނެ ކަމަށެވެ.