ފައިސާ ޗާޕު ކުރުމަށް ސަރުކާރު މެމްބަރުން ތާއީދު، އިދިކޮޅުގެ ކަންބޮޑުވުން
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން ދަރަނި ތިރިކޮށްދިނުމާ ގުޅޭ ރިޕޯޓުގެ ބަހުސް މަރުހަލާ ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.
ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި މި ދިރާސާ ރިޕޯޓުގެ ބަހުސް މަރުހަލައިގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ އެ ރިޕޯޓުގައި އިތުރު ފައިސާ ޗާޕުކުރަން ހިމަނައިފައި ވާތީ އެކަމަށް ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އެހެން ނަމަވެސް އިދިކޮޅަށް ނިސްބަތްވާ މެމްބަރުން ވަނީ ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން އަދި ފައިސާ ޗާޕު ކުރުމާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ފާހަގަކުރައްވައިފައެވެ.
ބަހުސް މަރުހަލައިގައި ރިޕޯޓަށް ތާއީދުކުރައްވައި ވާހަކަފުޅުދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވީ ސަރުކާރެއްގެ މައްޗަށް ވާޖިބުވެގެން ވަނީ އިގްތިޞާދު ފުން އަނދަވަޅަކަށް ވެއްޓޭ ހިނދު އެ އިގްތިޞާދު ނަގާ ކޮޅަށް ޖެހުމަށް މަސައްކަތް ކުރުންކަމަށާއި އިގްތިޞާދު ރިބައުންޑު ކުރުމަށް ޓަކައި އަޅަންޖެހޭ ދަތި ފިޔަވަޅުތައް ވެސް އެޅުންކަމަށެވެ. މަވޯޓާ ވިދާޅުވީ ދުނިޔެ އިގްތިޞާދީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތްއިރު އަދި ރާއްޖޭގެ އިގްތިޞާދު ވެސް ބޮޑު އަނދަވަޅެއްގައި އޮތްއިރު ސަރުކާރުން އިގްތިޞާދު މެނޭޖުކޮށް އަދި ޕަބްލިކް އެކައުންޓު އޯވަޑްރާފްޓް ކުރުމަށް މަޖިލީހުން ދިން ހުއްދަ ހެޔޮގޮތުގައި ބޭނުންކޮށްގެން ރައްޔިތުން ބަނޑަށް ޖެހުނަ ނުދީ ސަލާމަތްކޮށްދިންކަމަށް ޓަކައި ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ތެދުފުޅެއް ދައުލަތުގެ ދަރަނި 100 ބިލިއަނަށް ވުރެ މައްޗަށް ހިނގައްޖެ. ވޭތުވެދިޔަ 40 އަހަރުގެ ދަރަނި އެއީ، މިސަރުކާރުގެ ދަރަނި އެކަންޏެއް ނޫން. ހަމަ އެއީ އެންމެ ރަނގަޅު ގޮތެއްތޯ؟ ނޫން. މިފައިސާ މިގޮތަށް އިތުރުކުރީމާ ބައެއް ބަހުރުވައިން ޗާޕު ކުރީމާ އިންފްލޭޝަން އުފުލޭ، މައްޗަށް ދާނެ. ޑޮލަރުގެ އަގުމައްޗަށް ދާނެ. ތަކެތީގެ އަގު ބޮޑުވާނެ. އެކަން އެހެން އޮތަސް މުޅި ގައުމުގެ ރައްޔިތުން ބަނޑަކަށް ނުޖެއްސޭނެ" މަވޯޓާ ވިދާޅުވިއެވެ.
ރިޕޯޓަށް ބަހުސް ކުރައްވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ 2022 ވަނަ އަހަރުގެ ބަޖެޓުގެ އިތުރުން ސަޕްލިމެންޓަރީ ބަޖެޓެއް ވެސް ހުށަހަޅައިފައިވާ ކަމަށާއި އެއާ އެކު ފައިސާ ވެސް ޗާޕުކުރަން ހުށަހަޅައިފައިވާ ކަމަށެވެ. މިއީ ދިވެހިރައްޔިތުންގެ ފައިސާ ކަމަށާއި ހިތު ހުރިހާ ގޮތަކަށް އެފައިސާ ހަރަދުކޮށް، ޗާޕުކުރަމުން ދާއިރު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ފާހަގަކުރައްވައިފައިވާ އެއް ކަމަކީ ދައުލަތުގެ އާމްދަނީގެ ގޮތުގައި އިތުރު 700 މިލިއަން ރުފިޔާ ހޯދުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރާނެ ވާހަކަ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެން ނަމަވެސް މުގައްރިރު އެ ފަދައިން ވިދާޅުވީ އެއްވެސް ދިރާސާއެއްގެ އަލީގައި ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ދެވަނަ ކަމެއްގެ ގޮތުގައި ކޮމިޓީގެ މުގައްރިރު ވިދާޅުވީ ފައިސާ ޗާޕު ކުރީމައި ޑޮލަރަށް ބާރު ބޮޑުވާކަމަށާއި، ތަކެތީގެ އަގު ބޮޑުވާ ކަމަށާއި އެނގި ހުރެ ރައްޔިތުން ބަންޑައް ޖައްސަނީކަމަށް ޝިޔާމް ވިދާޅުވިއެވެ.
"ކޮންމެ ފަހަރަކު ފައިސާ ޗާޕުކުރަން ގެނައިމާ މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ވިދާޅުވާނެ، ބަލަ ފުރަތަމަ މިޖެހެނީ ރައްޔިތުންނަށް ކާންދޭކަށް ނޫން ހެއްޔޭ. ގައުމު ބަނޑަށް ޖެހުމުން ސަލާމަތްކުރާކަށް ނޫން ހެއްޔޭ ،އެހެންވީމަ ފައިސާ ޗާޕުކުރަން ޖެހޭނެއޭ. އެހެންވީމަ އިއްޒަތްތެރި ރައީސް އަޅުގަނޑަކަށް ނުފެނޭ. މިހާރު ކޮމްޕިއުޓަރެއް ވެސް ބޭނުމެއް ނުވެޔޭ. މިހާރު ބޭނުން ވަނީ ފައިސާ ޗާޕުކުރާ މެޝިން ރައީސް އޮފީހުގައި ބަހައްޓަން" ޝިޔާމް ވިދާޅުވިއެވެ.
ފައިސާ ޗާޕުކުރުމާ ގުޅޭ ގޮތުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވެސް ވާހަކަ ދެއްކެވިއެވެ. އެކަމަށް ތާއީދުކުރައްވައި ވާހަކަފުޅުދައްކަވަމުން އިކްރާމް ވިދާޅުވީ ގައުމުގެ ދަރަނި ބޮޑުވުމަކީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށެވެ. މިވޭތުވެދިޔަ ތަނުގައި ދަރަނި ކުޑަކުރެވިފައިވާ އެއްވެސް އަހަރެއް ނުދާކަމަށާއި ކޮންމެ އަހަރަކު ވެސް ދަރަނި ވަނީ ބޮޑުކަމަށް އިކްރާމް ވިދާޅުވިއެވެ.
ކޮވިޑުގެ ހާލަތުގައި ދަރަނި ބޮޑު ވިޔަސް ދަރަނި ކުޑަކުރަން މަސައްކަތް ކުރަންޖެހޭކަމަށް އިކްރާމް ވިދާޅުވިއެވެ. އެހެން ނަމަވެސް ދިވެހި ރައްޔިތުން ބަނޑަށް ނުޖެއްސޭނެކަމަށާއި "އިންޑިއާ އައުޓު" ނުކުރެވެނީ މި ސަބަބަށް ޓަކައި ކަމަށް އިކްރާމް ވިދާޅުވިއެވެ. އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ އެހީތައް ފޯރުކޮށްދޭ ގައުމުކަމަށް އިކުރާމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
"ސިޔާސީ މަގްސަދަށް ޓަކައި އަޅުގަނޑުމެންނާ އިންޑިޔާއާ ޖައްސަން އެ ކުރާ މަސައްކަތްތައް އަޅުގަނޑު ކުށްވެރިކުރަން. ޕްރޮފެޝަނަލް ޕޮލިޓިކްސް ނުވަތަ ޕޮލިޓިޝަނުންނަށްވެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެބަޖެހޭ ހެޔޮ ވިސްނަން. ރައްޔިތުންނަށް ތެދު ކިޔައިދޭން" އިކުރާމް ވިދާޅުވިއެވެ.
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީން ގައުމު ހިންގޭނެ ކަމަށާއި އިތުރު ފައިސާ ބޭނުން ވަނީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އެ ކަންކަން ހުއްޓައިލާން ހުރިހާ މެމްބަރުން އެދިވަޑައިގެންފި ނަމަ އިތުރަށް ފައިސާ ޗާޕުނުކޮށް ހަރަދުތައް ދެކޮޅު ޖެއްސޭނެކަމަށް ސަނީފު ވިދާޅުވިއެވެ.
"ކޭޝްފްލޯ ހަމަޖެއްސުމަށް ޓަކައި މިނަގާ ބައި، އިތުރަށް ދަރަނީގެ ގޮތުގައި ނަގާ ބައި އަޅުގަނޑުމެންގެ ދާއިރާތަކަށް މިހިރަ ކަންކަމަށް ހަމައަށް ކޮށްދޭށޭ" ސަނީފު ވިދާޅުވިއެވެ.
ފައިސާ ޗާޕުކުރުމާ ގުޅޭ ގޮތުން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ ފައިސާ ޕާޗު ކުރުމަކީ ހަމައެކަނި ރާއްޖޭގައި ކުރަންޖެހިފައިވާ ކަމެއް ނޫން ކަމަށެވެ. އެމެރިކާ، ބްރެޒިލް، އިންޑިއާ ފަދަ ގައުމުތަކުގެ އިގްތިޞާދީ ހާލަތު ވެސް ވަނީ ފައިސާ ޗާޕުކުރަން ޖެހޭ ހާލަތަށް ގޮސްފައިކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންކަމުން ކޮވިޑް-19ގެ ހާލަތާ އެކު މުޅި ދުނިޔޭގެ ދަރަނީގެ ހާލަތު ވެސް ގޯސްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ފައިސާ ޗާޕުކުރުމުގައި ކަން ކުރާނެ އުސޫލުގެ ވާހަކަ ފާހަގަކުރައްވަމުން މެމްބަރު ހުސައިން ވިދާޅުވީ ބައިނަލްއަގުވާމީ މާލީ ބާޒާރުން ފައިސާ ހޯދަން ބަލާއިރު ބާޒާރުގައި ވެސް ފައިސާ ނެތްކަމަށެވެ. އެހެން ނަމަވެސް ބޭރުގެ އެކި ފަރާތްތަކުން ހޯދާނެކަމަށް ބަޖެޓުގައި ޖަހައިފައިވާ އަދަދަށް އެ މުއްދަތުގައި ފައިސާ ހޯދަން ހުސައިން ފިނޭންސް މިނިސްޓްރީއަށް ގޮވައިލެއްވިއެވެ. އަދި ވިދާޅުވީ ފައިސާ ޗާޕު ކުރުމަކީ ދާއިމީ ހައްލެއްގެ ގޮތުގައި ދެކިގެން ނުވާނެކަމަށެވެ.
"ކުރު މުއްދަތުގެ ކޭޝް ފްލޯތައް ހަމަޖެއްސުމަށް، ހޯދަން ޖެހޭ ފައިސާ ކުރިއާލައި ޕްލޭންކޮށްގެން ބަޖެޓުގައި ލިޔާ ގޮތަށް އެ ކަންތައްތައް ތަންފީޒުކުރަން އެބަ ޖެހޭ. އެހެން ނޫނީ ކޮންމެ ފަހަރަކު މި ގޮތަށް އަޅުގަނޑުމެންނަށް ބަޖެޓު އައިސްގެން ފާސްކުރަންޖެހޭއިރުގައި ކުރަން ޖެހޭ ހަރަދުތައް ނުކުރެވޭ. މިކަންތައްތައް ދިމާވުމަކީ އެއީ އަޅުގަނޑަށް ތާއީދު ކުރެވޭ ކަމެއް ނޫން" މެމްބަރު ހުސައިން ވިދާޅުވިއެވެ.
ފައިސާ ޗާޕުކުރުމާ ގުޅޭ ގޮތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 4.4 ބިލިއަން ރުފިޔާއަކީ މިއަހަރުގެ ނިޔަލަށް ދީފައިވާ ލިމިޓުކަމަށެވެ. އަދި އެފައިސާ ހަޒާނާއިން ދޫކުރީ ޑިސެމްބަރު 31ގެ ނިޔަލަށް އަނބުރާ ދެއްކުމަށްކަމަށާއި ފިނޭންސުން ފާހަގަކުރަނީ އެފައިސާ މިވަގުތު އަނބުރާ ދެއްކެން ނެތްކަމުގައިކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ފިނޭންސުން އެދިފައި ވަނީ އެ 4.4 ބިލިއަން ރުފިޔާ 50 އަހަރުގެ ބޮންޑެއްގެ ދަށަށް ގެނަސް އިންޓަރެސްޓް ރޭޓުގެ ގޮތުގައި 2.5 އިންސައްތަ ހަމަޖައްސައި ދިނުމަށްކަމަށް ނަޝީދު ވިދާޅުވިއެވެ.
އެއާއެކު ފިނޭންސުން އެދެނީ އިތުރު 3.5 ބިލިއަން ރުފިޔާ މި އުސޫލުގެ ތެރެއިން ޗާޕުކޮށްދިނުމަށް ކަމަށާއި އެހެން ނަމަވެސް މާލިއްޔަތު ކޮމިޓީން ނިންމައިފައި ވަނީ 2.5 ބިލިއަން ރުފިޔާ ޗާޕުކޮށްދިނުމަށްކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
"މިއަންނަ އަހަރު 2.9 ބިލިއަން ރުފިޔާ ހަރަދު އެބަކުރޭ ލޯނު އަނބުރާ ދެއްކުމަށް. ކުރިމަތިވާ ސުވާލަކީ މިދޫކުރެވޭ 2.5 ބިލިއަން ރުފިޔާ ބޭނުން ސަރުކާރުން ކުރާނީ ޑޮލަރު ގަނެފައި އެ ޑޮލަރުން ލޯނު އަނބުރާ ދެއްކުމަށް ބޭނުންކުރުންތޯ؟ އެހެންވެއްޖެއްޔާ އެއީ ވަރަށް ގިނަ އަދަދެއްގެ ޑޮލަރު މިޗާޕުކުރި ރުފިޔާ ދީފައި ގަނެވެނީ" ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުން ލަފާ ދީފައި އޮތްގޮތަކީ ފައިސާ ޗާޕުކުރުމަކީ އެއް ކަންތައް ކަމަށާއި އެހެން ނަމަވެސް އެއާ އެކު ދަރަނިތައް ރީސްޓްރަކްޗާ ކުރުމަށް ކަމަށެވެ. ލުއި ގޮތަކީ ޗާޕުކުރާ ފައިސާ މުސާރަ ދިނުމާއި އެހެން ވެސް މަޝްރޫއުތަކަށް ހަރަދުކުރުން ކަމަށާއި އޭރުން ލިބޭ ގެއްލުން ކުޑަވެގެންދާނެކަމަށް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މަޖިލީހުން ނިންމައިފައި ވާނީ 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމުގައި މައްސަލައެއް ނެތްކަން ކަމަށާއި އެހެން ނަމަވެސް އެ ފައިސާ، ޗައިނާގެ ދަރަނި ދައްކަން ނުދިނުމަށްކަމަށެވެ.
ރާއްޖޭގެ ދަރަނި އިތުރުވުމާއި، އިގްތިޞާދު ދަށަށް ދިޔުމުގެ ވާހަކަ މަޖިލީހުގައި ދައްކާ ކޮންމެ ފަހަރަކު ރައީސް ނަޝީދު ގެންދަވަނީ ޗައިނާ ދަރަނީގެ ވާހަކަ ފާހަގަކުރައްވަމުންނެވެ. އެ ގޮތުން އެމަނިކުފާނު ވިދާޅުވާ ގޮތުގައި ޗައިނާ ދަރަންޏަކީ ރާއްޖެއަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު އިގްތިޞާދީ ދަތިކަމެވެ. އެހެން ނަމަވެސް ޗައިނާއިން ނަގައިފައިވާ ދަރަނީގެ އަދަދަށް ވުރެ އިންޑިއާއިން ނަގައިފައިވާ ދަރަނީގެ އަދަދު މިހާރު ވަނީ އިތުރުވެފައެވެ.